Roadha Mihaaru
މިތުންއާ އެކު "ހުނަރުބާޒް" އަށް ކަރަން

މިތުންއާ އެކު "ހުނަރުބާޒް" ގެ ޖަޖުންގެ ޕެނަލަށް ކަރަން

15 އޮކްޓޯބަރ 2021

ކަލާޒް ޗެނެލުން ދައްކަން ތައްޔާރު ވަމުން އަންނަ އާ ޝޯ "ހުނަރުބާޒް: ދޭޝް ކީ ޝާން" ގައި މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީއާ އެކު ކަރަން ޖޯހަރް ވެސް ޖަޖެއްޖެ ގޮތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލުން ދައްކަން ތައްޔާރު ވަމުން އަންނަ އާ ޝޯ "ހުނަރުބާޒް: ދޭޝް ކީ ޝާން" ގައި މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީއާ އެކު ކަރަން ޖޯހަރް ވެސް ޖަޖެއްޖެ ގޮތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ވާހަކަ މީޑިއާތަކުން ތިލަކުރި ނަމަވެސް ކަލާޒް އިން މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. މިދިޔަ މަހު އެ ޗެނެލުން ނިންމައިލި "ބިގް ބޮސް ވޫޓް" އަކީ ކަރަން ހޯސްޓްކުރި ޝޯއެކެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ "ހުނަރުބާޒް" އަކީ ކަރަން ކުރިން ޖަޖެއްގެ ގޮތުގައި ބައިވެރި ކަލާޒްގެ ކުރީގެ ޝޯ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ކަހަލަ ޝޯއެއް ކަމެވެ. އެ ޝޯގެ އެންމެ ފަހުގެ ތިން ސީޒަނުގައި ކަރަން ތިން ޖަޖުންގެ ތެރެއިން އެކެކެވެ.

ކަލާޒް އިން "ހުނަރުބާޒް" ގެ ނަމުގައި ޝޯއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯއެއް ވެސް ދައްކަމުން އަންނަނީ "އައިޖީޓީ" ގެ ނުވަ ވަނަ ސީޒަން ސޮނީ ޓީވީން ގެނެސްދޭން ނިންމިކަން ދާދި ފަހުން އިއުލާންކޮށްފައި ވަނިކޮށެވެ.

އޭގެ ޖަޖުންގެ ތެރޭގައި ބަތަލާ ޝިލްޕާ ޝެޓީ ވެސް މި ފަހަރު ހިމެނެ އެވެ.

މި ދެ ޝޯ އަކީ ވެސް އާދަޔާހިލާފު ހުނަރުތައް ހުންނަ މީސްމީހުންގެ ހުނަރުތައް ދައްކައިލަން ގެނެސްދޭ ޝޯތަކެވެ.

"ހުނަރުބާޒް" ގެ ޕްރޮމޯ މި މަހުގެ ކުރީކޮޅުން ފެށިގެން ދައްކަމުން ދިޔަ ނަމަވެސް އެ ޝޯ ގެނެސްދޭން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މިތުން އާއި ކަރަންއާ އެކު މީގައި އަދި ތިން ވަނަ ޖަޖަކު ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން މިހާރު އަންނަނީ އޭނާގެ އަށް ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. "ކުޗް ކުޗް ހޯތާ ހޭ" ގެ ޑައިރެކްޓަރުގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.