Roadha Mihaaru
ސްކްރީނުން ކުދިން ދުރުކުރެވިދާނެ ގޮތްތަކެއް

ސްކްރީނުން ކުދިން ދުރުކުރެވިދާނެ ގޮތްތަކެއް

25 ޖެނުއަރީ 2021

ގިނަ ކުދިން މިހާރު ތިބެނީ ފޯނާއި ޓީވީ އާއި އައިޕެޑަށް ގޮސް ގެއްލިފަ އެވެ. ކޮވިޑް-19އާ ގުޅިގެން ބޭރަށް ނުކުތުން މަނާވުމާ އެކު ސްކްރީންގައި ހޭދަކުރާ ވަގުތު، ހާއްސަކޮށް ގިނަވެއްޖެ އެވެ. އެހެންވެ މިއީ ސްކޫލުތައް ހުޅުވައި ނިއު ނޯމަލްއާ އެކު ދިރިއުޅުން ކުރިއަށްދާ ދަނޑިވަޅުގައި، ސްކްރީނުން ދަރިން ދުރުކުރަން ބެލެނިވެރިންނަށް ރަނުގެ ފުރުސަތެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގިނަ ކުދިން މިހާރު ތިބެނީ ފޯނާއި ޓީވީ އާއި އައިޕެޑަށް ގޮސް ގެއްލިފަ އެވެ. ކޮވިޑް-19އާ ގުޅިގެން ބޭރަށް ނުކުތުން މަނާވުމާ އެކު ސްކްރީންގައި ހޭދަކުރާ ވަގުތު، ހާއްސަކޮށް ގިނަވެއްޖެ އެވެ. އެހެންވެ މިއީ ސްކޫލުތައް ހުޅުވައި ނިއު ނޯމަލްއާ އެކު ދިރިއުޅުން ކުރިއަށްދާ ދަނޑިވަޅުގައި، ސްކްރީނުން ދަރިން ދުރުކުރަން ބެލެނިވެރިންނަށް ރަނުގެ ފުރުސަތެކެވެ.

ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމުން ސިއްހީ ގޮތުން ވެސް ތަފާތު މައްސަލަތައް ދިމާވެ އެވެ. އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ތަޖުރިބާކާރު ލީލާ އަހުމަދު ދެކެވަޑައިގަންނަވާ ގޮތުގައި، ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ކުދިން ބޭރަށް ނެރުމަކީ ސްކްރީނުން ދުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ކަމެކެވެ.

މާލެ ކަހަލަ ކުޑަ ތަނެއްގައި ކުދިިން އެގޮތަށް ބޭރަށް ނެރުމަކީ އުނދަގޫވާނެ ކަމެއް ކަމަށް ލީީލާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު އެ ކުދިން ގެންދާނެ ކޮންމެވެސް ތަނެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ. ސްކްރީން ވަގުތު މަދުކުރަން ދެން ކުރެވޭނެ ކަމެއް ކަމަށް، ލީލާ ވިދާޅުވީ، ފޮތް ކިޔަން ހިތްވަރުން ދިނުމެވެ. އޭނާ ވަނީ އެކަން ކުރެވިދާނެ ގޮތްތައް ކިޔައިދެއްވައިފަ އެވެ.

ދިވެއްސާއި އިނގިރޭސި ފޮތެއް، އެއިން ކޮންމެ ފޮތެއް ވެސް 10 މިނެޓް ވަންދެން ކުދިން ލައްވާ ކިޔުއްވިދާނެ އެވެ. ދެން އެ ފޮތުގައި ވީ ކަމެއް ކުރަހާލަން ނުވަތަ ހުލާސާއެއް ލިޔެލަން ހަވާލުކުރެވިދާނެ އެވެ. އެގޮތުން އިނގިިރޭސި ފޮތުގައި ވި ކަންތައް އިނގިރޭސިން ހުލާސާކޮށް އަދި ދިވެހި ފޮތުން ފާހަގަވި ކަންކަން ދިވެހި ބަހުން ލިޔުއްވިދާނެ އެވެ. އެއިން ކޮންމެ ހަރަކާތަކަށް ޖުމްލަ އެއް ގަޑިއިރު ހޭދަވާނެ އެވެ.

ކުޑަކުދިންނަށް ދެން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ބޯޑް ގޭމާއި ކެރަމް އާއި އޮށްވަޅުގޮނޑި އާއި ސްކްރަބްލް ފަދަ ކުދިކުދި ކުޅިވަރުތައް ހިމެނެ އެވެ.

"ދުވާލަކު އެއް ގަޑިއިރު ބޯޑް ގޭމް ކުދިން ލައްވާ ކުޅުވުން އެއީ ވަރަށް މުހިއްމު ކަމެއް. އެ ގޮތަށް މަސައްކަތްކޮށްފިއްޔާ ސްކްރީންގައި ހޭދަކުރާ ވަގުތުން ތިން ގަޑިއިރު، އެހެން ކަމަކަށް އެ ކުދިން ދާނެ. އޭގެ އިތުރުން ސްކޫލު ފެށީމަ ސްކޫލުން ހުންނާނެތާ ހަވާލުކޮށްފައި ހުންނަ ކުދިކުދި މަސައްކަތް. އެއަށް ވެސް ވަގުތު ދާނެ. އެއީ ކުރެވޭނެ ކަމެއް،" ލީލާ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުދިން ބޭރަށް ނެރެ، ހަރަކާތްކުރުވުން މުހިންމު -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އާޓިފިޝަލް ބީޗުގައި ކުޑަކުދިންތަކެއް ކުޅެނީ: ކުދިން ބޭރަށް ނެރެ، ހަރަކާތްކުރުވުން މުހިންމު -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސްކްރީނަށް ދެވިހިފައިފި ނަމަ ކުދިންނަށް މަޑުން ނީނދެވުން ކަހަލަ މައްސަލަތައް ދިމާވެ އެވެ. ލީލާ ވިދާޅުވި ގޮތުގައި ކްލާސް ތެރޭގައި ބައެއް ކުދިން ހިފިނުހުރެވޭ ގޮތް ސްކްރީންގައި ގިނަ ވަގުތު ހޭދަކުރެވޭތީ ކަމަށް ވުން އެކަށީގެންވާ ކަމަށް، ޕްރައިމަރީ ޓީޗަރުން ތަމްރީނުކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ލީލާ ވިދާޅުވި އެވެ.

ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމުން ދިމާވާނެ އަނެއް ކަމަކީ، ކުދިންގެ އުމުރާ ނުގުޅޭ ކަހަލަ އެއްޗެހި ފެނުމެވެ. މިސާލަކަށް މީހުންނަށް އަނިޔާކުރުމާ ގުޅޭ ކަހަލަ އެއްޗެއް ވިއްޔާ ކުދިންގެ މިޒާޖު ވެސް އެ ގޮތަށް ދިއުން އެކަށީގެންވެ އެވެ. ބަހަކީ ދެ ފަރާތުން މުއާމަލާތުކުރަން ބޭނުންކުރާ އެއްޗަކަށް ވިޔަސް އަބަދު ޓީވީ ނުވަތަ ސްކްރީނަށް ބަލައިގެން އިވޭ އަޑުތަކަކީ އެއްކޮޅުން އަންނަ އެއްޗެކެވެ. އެހެންވެ ކުއްޖާ ގިނަ ފަހަރަށް އިންނާނީ މަޑުންނެވެ. ދައްކާ އެއްޗެއްގެ މާނަ ނުބައިކޮށް ނެގުނަސް އެ ރަނގަޅުކޮށްދޭނެ މީހަކު އެވަގުތު ނުހުރެދާނެ އެވެ.

"ބަހަށް ވެސް އަންނާނެ ފުދޭވަރެއްގެ ލޮޅުންތަކެއް ހަމައެކަނި ސްކްރީނަށް ބަރޯސާވެގެން އުޅޭކަމުގައި ވަންޏާ،" ލީލާ ވިދާޅުވި އެވެ.

ވަރަށް ގިނަ ފަހަރަށް ދަރިން މައިތިރިކޮށް ބައިތިއްބަން، މައިންބަފައިން ނުވަތަ ގޭ ކޮންމެވެސް މީހެއްގެ ފޯނު ދެ އެވެ. ތަނަކަށް ކާން ދިޔަސް ކުދިން މަސަލަސްކުރަން ދެނީ ފޯނެވެ. ތެދެކެވެ. ކުދިން ތިބެނީ އެއަށް ގެއްލިފަ އެވެ. އެކަމަކު އޭގެ ނުބައި ނަތީޖާއަކީ އެގޮތަށް ކުދިން ދޫކޮށްލުމުން ވާހަކަ ދައްކަން އުނދަގޫވުމެވެ. އިޖުތިމާއީ އެހެން ގުޅުންތަކަށް ވެސް ބުރޫއެރުމެވެ.

"މީގައި ކޮންޓްރޯލް ވަރަށް މުހިއްމު. އެބަ ޖެހޭ ސްކްރީން ވެސް ދަސްކުރަން. ކޮމްޕިއުޓަރާ ވެސް ކުޅެން. ޓީވީ ވެސް ބަލަން. އެކަމަކު ކޮންޓްރޯލްކުރަން އެނގެންވީ،" ލީލާ ވިދާޅުވި އެވެ.

"ކުއްޖާ ބަލާނީ މިސާލަކަށް ވައިލްޑް ލައިފް ޑޮކިއުމެންޓްރީއެއް. އެހެންވިއްޔާ އެނގޭ އެއީ މައުލޫމާތު މުއްސަނދިވާ ކަހަލަ އެއްޗެއް. ކުއްޖާ ދުވާލެއްގެ މިވެނި ގަޑިއެއްގައި ކަން ޓީވީ ބަލާނީ. އެ ކަހަލަ ގޮތަށް ރޭވިގެން، ތާވަލެއް ހެދިގެން އެކަން ކުރާ ކަމަށް ވަންޏާ އެއީ ރަނގަޅު އެއްޗެއް."

އޭނާ ވިދާޅުވި ގޮތުގައި ބަލަންވީ ކުއްޖާގެ އަތުން އެއްކޮށް ކޮންޓްރޯލް ނަގާކަށް ނޫނެވެ. އޭގެ ބަދަލުގައި ކޮންޓްރޯލް ކުރެވިގެން ރަނގަޅު ގޮތުގައި ބޭނުންހިފާށެވެ.

ސްކްރީނަށް ދެވި ހިފުމުން ކުއްޖާ "ފާލުން ނައްޓާކަން" ބޮޑެތި މީހުންނަށް އެނގުނަސް އެކަމެއް އެކުދިންނަކަށް ނޭނގޭނެ އެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑުވެ އެވެ.

މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ލީލާގެ އިންޒާރެއް ވެސް އެބަ އޮތެވެ. އޭނާ ވިދާޅުވަނީ ކުއްޖާގެ ދުޅަހެޔޮކަމަށް އަޅާނުލެވި ތިއްބާ މީގެ 30 އަހަރު ފަހުން މި ގައުމުގައި އުޅޭނީ "ސިކުނޑި ތޮއްޖެހިފައި" ތިބި ބައެއް ކަމަށެވެ.

ކުދިންނަށް ރަނގަޅު މަގު ދަައްކައިދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ސްކްރީންގައި ހޭދަކުރާ ވަގުތު މަދުކުރަން، ކުރެވެން އޮތް ކޮންމެ ކަމެއް ވެސް ކުރަން އެބަ ޖެހެ އެވެ. އެއީ މާދަމާއަށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

މާލެއަކީ ކުޑަ ތަނެކެވެ. އެހެންކަމުން ކުދިން ގޮވައިގެން ހިނގާލަފައި ތަންތަނަށް ދެވޭނެ އެވެ. ކޮވިޑުން ރައްކާތެރިވާން ކުދިން ގޭތެރޭގައި އެތައް ދުވަހެއް ވަންދެން ބޭތިއްބި އެވެ. މިހާރު މި އޮތީ އެ ކުދިން ގޮވައިގެން ބޭރަށް ނުކުމެ، ކަންކަން ދަސްކޮށްދޭން ޖެހޭ ދުވަސް އަލުން އައިސްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވަރަށް މުހިއްމު ލަފައެއް

ނޮވެމްބަރު 26، 2020 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ލަފައެއްގައި ބުނެފައިވަނީ ހެލިފެލިވެ އުޅުމަކީ ހިތަށާއި މީހާގެ ހަށިގަނޑުގެ އިތުރުން ވިސްނުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަ ކަމެއް ކަމަށެވެ. އޭގެ އިތުރުން ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ދިއުމުން ދުރުކޮށްދޭނެ އެވެ. އެއާ އެކު، ތަފާތު އެކި އުމުރުގެ ކުދިން ހެލިފެލިވެ އުޅެން އެކަށީގެންވާ ވަގުތުތަކެއް ކަނޑައަޅާފައި ވެ އެވެ.

އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުދިންނަށް މަދުވެގެން 180 މިނެޓު ފިޒިކަލް އެކްޓިވިޓީގައި އުޅެން ލަފާދެ އެވެ. ދެ އަހަރުގެ ކުދިންނަށް، ސްކްރީން ވަގުތު ވެސް އެއް ގަޑިއިރަށް ވުރެ ގިނަ ވެގެން ނުވާނެ އެވެ. ތަފާތު އެކި ވާހަކަތައް ކިޔަން ބާރުއަޅަ އެވެ.

އުމުރުން 3-4 އަހަރުގެ ކުދިން އެންމެ މަދުވެގެން ދުވަހަކު 180 މިނެޓު ފިޒިކަލީ ތަފާތު އެކި ކަންކަމުގައި އުޅުން ރަނގަޅެވެ. އޭގެ ތެރެއިން 60 މިނެޓް، އާދައިގެ ވަރަކުން ފެށިގެން ވަރަށް ގަދައަށް ހަރަކާތްކުރަން ޖެހޭ ފަދަ ކަންކަމުގައި ބައިވެރިކުރަން ލަފާދެ އެވެ.

އުމުރުން 5-17 އަހަރާ ދެމެދުގެ ކުދިން، މަދުވެގެން ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރު އާދައިގެ ވަރަކުން ފެށިގެން ގަދައަށް ހަރަކާތް ކުރާނެ ކަމެއްގައި ބައިވެރިކުރުން ސިއްހީ ގޮތުން ރަނގަޅެވެ. މަސްތަކާއި ކަށިތައް ވަރުގަދަވާނެ ފަދަ ކަސްރަތުތަކެވެ.

ޑަބްލިޔުއެޗުއޯގެ ލަފަޔަކީ އިށީނދެގެން ތިބޭ ވަގުތު ވެސް މަދުކުރަންވީ އެވެ. ސްކްރީންގައި ހޭދަކުރާ ވަގުތު ވެސް މަދުކުރަންވީ އެވެ.