Roadha Mihaaru
ފެނަކައިގެ 17 މިލިއަނާ ގުޅިގެން ނިމާލް ދައުވާކުރަނީ

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައިގައި ބޭންކާއި ލޯންޗު ކުންފުނީގެ މައްޗަށް ނިމާލް ދައުވާކުރައްވަނީ

07 ނޮވެމްބަރ 2016

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ 1.15 މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ނުލިބުނު މައްސަލައިގައި އެ ލޯންޗު ކުންފުންޏާއި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)ގެ މައްޗައް ދައުވާކުރައްވަން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ނިންމަވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ 1.15 މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ނުލިބުނު މައްސަލައިގައި އެ ލޯންޗު ކުންފުންޏާއި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)ގެ މައްޗައް ދައުވާކުރައްވަން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ނިންމަވައިފި އެވެ.

ނިމާލް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ލޯންޗުގެ ހިދުމަތް ދޭ އެ ކުންފުންޏާއި އެމްސީބީގެ މައްޗަށް ދައުވާކުރަން ނިންމީ އެ ކުންފުންޏާއި ބޭންކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަަމަށް ގަބޫލުކުރެވޭތީ އެވެ. އޭނާ ވިދާޅުވީ ފެނަކަ އިން ފައިސާ ދޫކުރީ ލޯންޗުގެ ހިދުމަތް ދޭ ކުންފުނިން ދޫކުރި ޗެކުގައި އެމްސީބީގެ ތައްގަނޑު ޖެހުމަށް ފަހު އަދި ފެނަކައިގެ މުވައްޒަފަކު ބޭންކަށް ފޮނުވައިގެން އެ ޗެކުގެ ސައްހަކަން ބޭންކު މެދުވެރިކޮށް ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

"މިއިން އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ. އުސޫލުތަކުގެ ތެރެއިން، ބޭންކުން ދިން ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް މުއާމަލާތް ހިންގާފައިވަނީ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުއްޓައި އެހާ ގިނަ އަދަދެއްގެ ފައިސާ ކުންފުނިން ގެއްލުމުން އެ ފައިސާ ފެނަކަ އަށް އަނބުރާ ހޯދައިދިނުމަކީ ކުންފުންޏާ ދުރުގައި ހުއްޓަސް އަމިއްލަ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ނިމާލް ވިދާޅުވި އެވެ.

"އެއީ ފެނަކަ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހޯދަން އުޅުނު ޑޮލަރު. އެހާ ގިނަ އަދަދެއްގެ ފައިސާ ގެއްލުމުން މަޝްރޫއުތަކަށް އަސަރުކޮށްފާނެތީ، އަޅުގަނޑު ގަސްދުކުރީ ވީހާ ވެސް އަވަހަކަށް އެ ފައިސާ ހޯދައިދިނުމަށް އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކުރަން،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗު ދުއްވާ ކުންފުންޏަކަށް ފެނަކަ އިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، ނިމާލް ވަނީ ފެނަކަ އިން ވަކިކޮށްފަ އެވެ. އަދި ފެނަކަ އަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ނިމާލް މިރޭ ވިދާޅުވީ ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެސް އޭނާ ކަަމަށާއި އެ މައްސަލައިގައި އެއްޗެއް ނުބުނެ ހުއްޓަސް އެއީ އޭނާ ކުށްވެރިވާކަން ހާމަވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަބަދު ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކަމަށެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައިގައި ލޯންޗުގެ ހިދުމަތް ދޭ ކުންފުނީގެ އިސް ވެރިއަކު ހައްޔަރުކުރި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އޭނާ މިހާރު ވަނީ ގޭބަންދަށް ދޫކޮށްލައިފަ އެވެ.