Roadha Mihaaru
މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލާގައި ދައުވާކޮށްފި

އެއް މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލައިގައި ފެނަކަ އިން ދައުވާ ކޮށްފި

15 ޖެނުއަރީ 2017

ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަންނަން ދޫކުރި ޗެކްތަކަށް ފައިސާ ހޯދުމަށް ފެނަކަ އިން ދައުވާކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަންނަން ދޫކުރި ޗެކްތަކަށް ފައިސާ ހޯދުމަށް ފެނަކަ އިން ދައުވާކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފެނަކަ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިދިޔަ ޑިސެމްބަރު 15 ގައި ވަނީ ކޯޓަށް ބަލައިގެންފަ އެވެ. އެއް މިލިއަން ޑޮލަރު ގަތުމަށްޓަކައި ފެނަކަ އިން ދޫކުރި 17 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ދައުވާ ކުރަނީ ޝަރޫ ލޯންޗް ސާވިސްގެ އިތުރުން އެ ކުންފުނީގެ އިސް ދެ ބޭފުޅެއްގެ މައްޗަށެވެ.

މި މައްސަލާގައި ކޯޓުގައި އަދި ކުރިއަށް ގެންދަނީ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާ ކަމަށް ވެ އެވެ.

މި މައްސަލާގައި ފެނަކަ އިން ދައުވާކުރާ ދެ މީހުންގެ ނަން، "މިހާރު" އަށް އެނގުނަސް ހިޔާލު ފާޅު ކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފްސީލްތައް މިވަގުތަށް ހާމަ ކުރެވޭކަށް ނެތެވެ.

ފެނަކަ އަށް ދޫކުރި ޗެކްތަކުގެ މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ކުރިން ހައްޔަރު ކުރި ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ފެނަކަ އިން ދައުވާކުރާ، ޝަރޫ ސާވިިސްގެ އިސް ދެ މުވައްޒަފުންގެ ތެރެއިން އެކަކީ ފުލުހުން މި މައްސަލައިގައި ކުރިން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާ ކަމަށް އެނގިފައިވެ އެވެ.

ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެކެވެ. އެ ބޭންކުގެ ނަމުގައި ކޮށްފައިވާ ސޮޔާއި ތައްގަނޑަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކުތަކެއް، ޝަރޫ ލޯންޗް ކުންފުންޏަށް ފެނަކަ އިން ދޫކުރީ 15.42ރ. ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ގަންނަން ދިން ތިން ޗެކް ވެސް ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެކަމަކު 17 މިލިއަން ރުފިޔާ އަކީ 15.42 ރުފިޔާގެ ރޭޓުން 1 މިލިއަން ޑޮލަރު ގަންނަ ނަމަ 1.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފެނަކަ އަށް ދޫކުރި ޗެކްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ބަލަނީ މި މައްސަލައިގައި ނުފޫޒުން ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިންގާފައިވޭތޯ އެވެ.

ޗެކްތަކުގެ މައްސަލާގައި ފެނަކަ އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ އިރު، އެފަދަ މައްސަލައެއްގައި ސްޓެލްކޯ އިން ވެސް ވަނީ ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާކޮށްފަ އެވެ. ސްޓެލްކޯ އިން ދައުވާ ކުރަނީ އެ ކުންފުންޏަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ސާވިސް އިން ނެގި މައްސަލައިގަ އެވެ. މި މައްސަލަ ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން މިހާރު ވަނީ ޝަރީއަތަށް ވެސް ފޮނުވައިފަ އެވެ.