Roadha Mihaaru
ފުރަތަމަ ސްކީ ޝެއަރިން ސްކީމް ފިންލެންޑްގައި

ދުނިޔޭގެ ފުރަތަމަ ސްކީ ޝެއަރިން ސްކީމް ފިންލެންޑްގައި

28 ޖެނުއަރީ 2021

ބައެއް ގައުމުތަކުގައި ތިމާވެށީގެ ހިމާޔަތަށް ކުރާ މަސައްކަތުގައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރަން އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ބައިސްކަލް ބަހައްޓާ ގޮތަށް ފިންލެންޑްގައި ސްކީ ޝެއަރިން ސްކީމެއް "ސިޓީ ސްކީސް ޕްރޮގްރާމް" ގެ ނަމުގައި ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް ގައުމުތަކުގައި ތިމާވެށީގެ ހިމާޔަތަށް ކުރާ މަސައްކަތުގައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރަން އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ބައިސްކަލް ބަހައްޓާ ގޮތަށް ފިންލެންޑްގައި ސްކީ ޝެއަރިން ސްކީމެއް "ސިޓީ ސްކީސް ޕްރޮގްރާމް" ގެ ނަމުގައި ފަށައިފި އެވެ.

މިއީ މިފަދަ ސްކީމެއް ގައުމަކުން ފެށި ފުރަތަމަ ފަހަރަވެ. ސްނޯމަތީގެ ކުޅިވަރެއް ކަމަށްވާ ސްކީ އަށް ހާއްސަކޮށް ފިންލެންޑްގެ ސިޓީއެއް ކަމަށްވާ ލާޓީގައި ތައާރަފުކުރި ސްކީ ޝެއަރިން ސްކީމަކީ އެއް ތަނުން އަނެއް ތަނަށް ދާން ބޭނުންވާ މީހުންނާއި ސްކީކުރަން ބޭނުންވާ މީހުންނަށް ވެސް ސިޓީގެ އެކި ސަރަހައްދުތަކުން ސްކީ އަށް ބޭނުންވާ އާލާތްތައް ނަގައިގެން ދާން ބޭނުންވާ ތަނަކަށް ގޮސްފައި އެ އެއްޗެހި ރައްދުކުރެވޭ ސްކީމެކެވެ.

"ސިޓީ ސްކީސް ޕްރޮގްރާމް" ފިންލެންޑުން ތައާރަފުކުރި މައިގަނޑު ސަބަބަކީ އެއްގަމުން އެއްތަނުން އަނެއް ތަނަށް ދާން ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، ޖައްވަށް ބޭރުވާ ކާބަން ވެސް ހުއްޓުމަކަށް ގެނައުމެވެ. އަނެއްކޮޅުން މި އަހަރަކީ ފުރަތަހަމަ ފަހަރަށް ފިންލެންޑް "ޔޫރަޕިއަން ގްރީން ކެޕިޓަލް" ގެ ގޮތުގައި ކަނޑަޅާފައި އޮތް އަހަރަށްވުމާ އެކު، ތިމާވެށީގެ ހިމާޔަތުގައި ކުރާ މަސައްކަތްތައް އިތުރުކުރަމުން ގެންދިއުމެވެ. ލާޓީގެ އަމާޒަކީ 2025 ގައި އެ ސިޓީ ކާބަން ނިއުޓްރަލް ސިޓީއަކަށް ހެދުމެވެ.

"މިހާރު ލާޓީގެ ތިން ސަރަހައްދެއްގައި ހުންނާނެ ސްކީ ޕޮއިންޓްތަކެއް. އެހެންވީމަ އެ ހުރި ދިމާލަކުން ސާމާނު ނަގައިގެން ބޭނުންވާ ދިމާއަކަށް ގޮސްފައި ބެހެއްޓޭ ގޮތަށް ހުންނާނީ،" ލާޓީ ޔޫރަޕިއަން ގްރީން ކެޕިޓަލްގެ ޑިރެކްޓަރު ސާރާ ވާއުރޯމޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ގިނަ ބަޔަކު ހިތްއުފާކޮށްލަން ބޭނުންކުރާނެ ހިދުމަތަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްކީ ޕޮއިންޓް އިތުރުކުރަމުން ދާނެ ކަމަށް ވެސް ސާރާ ވިދާޅުވި އެވެ.

"ހާއްސަކޮށް މިފަދަ އިންތިޒާމެއް އޮތުމަކީ ފިނި މޫސިން އެންޖޯއިކޮށްލަން ބޭނުންވާ މީހުންނަށް ވެސް ވަރަށް ހާއްސަ ކަމަކަށް ވެގެން ދާނެ." އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ ޓާގެޓަކީ މުޅި އަހަރުގެ ތެރޭގައި ވެސް ލާޓީގެ ކަންކަން ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ގޮތްގޮތަށް ބައްޓަންކުރުން."

ތިމާވެށި ހިމާޔަތްކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ފިންޑުން ވަނީ 1990 ގެ ފަހުން އެ ގައުމުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ނިސްބަތް 70 ޕަސަންޓަށް ދަށްކޮށްފަ އެވެ