Roadha Mihaaru
ޝަކުވާތަކަށް ޖަވާބުދީފި، ދާއިމީ ލިސްޓު ނެރެން ތައްޔާރު

ޝަކުވާތަކަށް ޖަވާބުދީފި، ދާއިމީ ލިސްޓު ނެރެން ތައްޔާރުވަނީ

27 ޖެނުއަރީ 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު ހުރިހާ ކެޓަގަރީތަކެއްގެ ވަގުތީ ލިސްޓްތަކާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދީ ނިމިއްޖެ ކަމަށާއި ދާއިމީ ލިސްޓު ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު ހުރިހާ ކެޓަގަރީތަކެއްގެ ވަގުތީ ލިސްޓްތަކާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދީ ނިމިއްޖެ ކަމަށާއި ދާއިމީ ލިސްޓު ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި މަޝްރޫއުން ފްލެޓް ދިނީ ނާއިންސާފުން ކަމަށް ކުރި ތުހުމަތުތައް ބަލަން މި ސަރުކާރުގައި އުފެއްދި ފްލެޓް ކޮމިޓީން މިއަދު ބުނީ ވަގުތީ ލިސްޓުތައް ނެރުމުން 8،000 އަށް ވުރެން ގިނަ ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން މިންގަނޑު އާއްމުކޮށް ޝަކުވާ ހުށަހަޅަން މިދިޔަ މަހުގެ ތެރޭގައި ހުޅުވާލުމުން 1،000 އަށް ވުރެން ގިނަ ޝަކުވާ ހުށަހެޅި ކަމަށެވެ.

"ހުށަހެޅި ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލާފައި އަޅުގަނޑުމެން ޖަވާބުދިފައި ވާނީ،" ކޮމިޓީގެ މެމްބަރު ތޯހާ އަހްމަދު ވިދާޅުވި އެވެ.

އެއްވެސް މީހަކަށް ކޮމިޓީގެ ޖަވާބު ނުލިބި އޮތްތޯ ލިސްޓު ނެރުމުގެ ކުރިން އިތުރަށް ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތައް:  ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކޮމިޓީން ބުނި ގޮތުގައި ދާއިމީ ލިސްޓު ނެރޭނީ ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ކަށަވަރުވާ މީހުން ވަކިން އެނގޭ ގޮތަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައި ވިޔަސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރި އަށް މި ސަރުކާރުން ޚާއްސަކުރުމުން އެ އަދަދު ވަނީ 6،720 ފްލެޓަށް ބަދަލުވެފަ އެވެ.

ސިވިލް ސާވިސް ކެޓަގަރީ ހިމަނައިގެން ހިޔާ މަޝްރޫއަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ.

މި ސަރުކާރުގައި ފްލެޓް ކޮމިޓީ އެކުލަވާލީ ފްލެޓްތައް ދީފައިވާ ގޮތުގެ ގިނަ ޝަކުވާތަކެއް ކުރަން ފެށުމުންނެވެ. ކޮމިޓީގެ މަސައްކަތުގައި ދެ އަހަރެއްހާ ދުވަސް ހޭދަވީ އެހާ ގިނަ އަދަދެއްގެ ފޯމު ވަކިވަކިން ބެލުމުގެ އިތުރަށް ފޯމު ހުށަހެޅި ހުރިހާ ގެތަކަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ޕޮއިންޓް ދީ ލިސްޓުތައް އެކުލަވާލުމުން ކަމަށް ކޮމިޓީން ބުނެ އެވެ.

ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ ގުޅޭ ގޮތުން ޝަކުވާތަކެއް ދަނީ ކުރަމުންނެވެ. އެކަމަކު، ކޮމިޓީން ތަކުރާރުކޮށް ބުނަނީ މިންގަނޑެއް އެކުލަވާލައި ހާލަތު ބަލާފައި ވާނީ އިންސާފުވެރިކޮށް ކަމަށެވެ.