Roadha Mihaaru
ދިވެހި މަސައްކަތްތެރިން ބިދޭސީންނަށް ވުރެ ހާލުގައި؟!

ބިދޭސީންނަށް ލިބޭ ހައްގު އަމިއްލަ ގައުމުގައި ދިވެހި މަސައްކަތްތެރިންނަކަށް ނެތް؟!

10 ފެބުރުއަރީ 2021

އަހަރަކު އެއްފަހަރު ޗުއްޓީ އަށް ދިއުމަށްޓަކައި ދެކޮޅު ޓިކެޓްގެ އިތުރުން ރާއްޖޭގައި އެކޮމޮޑޭޝަނާއި މި ނޫން ވެސް އިނާޔަތްތައް އޮތީ ބިދޭސީން މުވައްޒަފުންނަށެވެ. އާސަންދައަށް ވުރެ ވަރުގަދަ ހެލްތު އިންޝުއަރެންސްގެ އިތުރުން ޑޮލަރުން މުސާރަ ވެސް ލިބެނީ ބިދޭސީ މީހާއަށެވެ. ދިވެހި މުވައްޒަފުންނަށް ނުލިބޭ އެތައް އިނާޔަތްތަކެއް އޭނާއާ އެއް މަގާމެއްގައި ހުންނަ ބިދޭސީ މީހާއަށް ދިނުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ގާނޫނުތަކުން ނިޒާމީ ގޮތެއްގައި ގެނެސްފައިވާ ތަފާތު ކުރުންތައް އިންތިހާ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަހަރަކު އެއްފަހަރު ޗުއްޓީ އަށް ދިއުމަށްޓަކައި ދެކޮޅު ޓިކެޓްގެ އިތުރުން ރާއްޖޭގައި އެކޮމޮޑޭޝަނާއި މި ނޫން ވެސް އިނާޔަތްތައް އޮތީ ބިދޭސީން މުވައްޒަފުންނަށެވެ. އާސަންދައަށް ވުރެ ވަރުގަދަ ހެލްތު އިންޝުއަރެންސްގެ އިތުރުން ޑޮލަރުން މުސާރަ ވެސް ލިބެނީ ބިދޭސީ މީހާއަށެވެ. ދިވެހި މުވައްޒަފުންނަށް ނުލިބޭ އެތައް އިނާޔަތްތަކެއް އޭނާއާ އެއް މަގާމެއްގައި ހުންނަ ބިދޭސީ މީހާއަށް ދިނުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ގާނޫނުތަކުން ނިޒާމީ ގޮތެއްގައި ގެނެސްފައިވާ ތަފާތު ކުރުންތައް އިންތިހާ އެވެ.

ބިދޭސީންނަށް މުސާރަ ނުދީ މަގުމަތި ކޮށްލުން ފަދަ ލާ އިންސާނީ އަމަލުތަކުގެ ވާހަކަ ވަރަށް ގިނައިން ސުރުހީތަކަށް އަރަ އެވެ. އެހެން ނަމަވެސް ބިދޭސީންނާ ދިވެހި މުވައްޒަފުންނާ ދެމެދު ކުރާ ތަފާތު ކުރުންތަކުގެ ވާހަކަ އެއްވެސް އިރަކު އެހާ ބޮޑަކަށް ނީވެ އެވެ. ދޭތެރެ ދޭތެރެއިން ޓޫރިޒަމްގެ ދާއިރާގައި އެ ތަފާތު ކުރުންތަކުގެ ވާހަކަ އިވުނަސް، މާ ބޮޑު ކަމަކަށް އެކަން ވެގެން އުޅޭ ބަޔަކު ނެތެވެ. މި ވާހަކަ މިފަހަރު ފެންމަތިވީ ދާދިފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

ޓީއެމްއޭގައި މަސައްކަތްކުރާ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސް ދިނަސް، އެ މަގާމުގައި ތިބި ދިވެހިންނަށް އެ އެލަވަންސް ނުލިބޭތީ ދިވެހި މުވައްޒަފުންތަކެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި މިދިޔަ މަހު ނިންމީ ބިދޭސީންނަށް އެކޮމޮޑޭޝަން އެލަވަންސް ދޭ އުސޫލުން ދިވެހިންނަށް އެލަވަންސް ނުދިނުމަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނޫން ކަމަށެވެ. އެއީ ބިދޭސީންނާއި ދިވެހިންނަކީ ތަފާތު ހާލަތެއްގައި ތިބި ބައެއް ކަމަށްވާތީ ކަމަށް ބުނެ އެވެ. އެއް ބަޔަކު ގަބޫލުކުރީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމުގެ ސަގާފަތަށް ކޯޓުން ތައްގަނޑެއް ޖަހައި ދިނީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން އެގޮތަށް އައީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު އޮތްގޮތުންނެވެ. އެ ގަވާއިދު ބުނާގޮތުން ބިދޭސީން ނިދުމާއި ހުރުމުގެ އިންތިޒާމް ވަޒީފާ ދޭ ފަރާތުން ހަމަޖައްސަން ޖެހޭނެ އެވެ. އެ ގަވާއިދުގެ ދަށުން ޓީއެމްއޭގެ މައްޗަށް ލާޒިމްވާ ކަމެއް ކުރުމަކީ ބިދޭސީންނާއި ދިވެހިން ތަފާތު ކުރުން ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލައަކީ ގަވާއިދުގެ އެ މާއްދާ ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މާއްދާގެ ސައްހަކަން ނުވަތަ ނޫންކަމުގެ މައްޗަށް އެ މައްސަލާގައި ގޮތެއް ނިންމާފައެއް ނުވެ އެވެ. މައްސަލައަކީ ސިޔާސަތުތަކާއި ގާނޫނުތަކުން ގެނެސްފައި ހުރި ތަފާތު ކުރުންތަކެވެ.

ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ކަމަކަށް ބަލައިގެން ތަފާތު ކުރުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާއިން މަނާ ކުރާއިރު، މުވައްޒަފުންގެ މަސައްކަތް އެއް މިންގަނޑަކުން މިންކޮށް، އެއް ނިސްބަތަކުން ހަމަހަމަ ކަމާ އެކު އުޖޫރަ ލިބެންޖެހޭ ކަމަށް ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

ބައެއް ހާލަތްތަކުގައި ބައެއް މީހުންނަށް ޚާއްސަ ރައްކާތެރިކަމެއް ނުވަތަ އިނާޔަތެއް ދޭ ދިނުމަކީ ހަމަހަމަކަން ގާއިމް ކުރުމުގެ ގޮތުން ކުރާ ކަމެކެވެ. އެއީ ތަފާތު ދެ ހާލަތެއްގައި ތިބި ބަޔަކު އެއް ތިލަފަތަކުން މިން ނުކުރުމަކީ އަދާލަތުގެ ވަރަށް މުހިންމު ހަމައަކަށް ވާތީ އެވެ. އެހެން ނަމަވެސް އެކޮމޮޑޭޝަން ލިބުމުގައި ބިދޭސީންނާއި ދިވެހިންގެ ހާލަތު ތަފާތޭ ބުނާނެ ހަމައެއް ނުވިސްނެ އެވެ.

ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން --- ފޮޓޯ/މިހާރު

ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން --- ފޮޓޯ/މިހާރު

އެންމެން އުޅެނީ ކުއްޔަށް، އެކޮމޮޑޭޝަން ލިބޭނީ ބިދޭސީންނަށް

ބިދޭސީ މުވައްޒަފުންނަކީ ހަމައެކަނި ވަޒީފާގެ ބޭނުމަށް ރާއްޖޭގައި ތިބޭ ބައެކޭ ބުނެވިދާނެ އެވެ. އެއީ ޓޫރިސްޓުންގެ ގޮތުގައި ރާއްޖޭގެ ރީތިކަން ދެލިކަން އަންނަ ބަޔަކަށް ނުވާތީ އެ މީހުން އަދާކުރާ ވަޒީފާއާ ގުޅިގެން އެކޮމޮޑޭޝަން އެލަވަންސެއް ނުވަތަ އެކޮމޮޑޭޝަން ދިނުން އުސޫލެއްގެ ގޮތުން ގޯހެއް ނޫނެވެ. ހަމައެގޮތަށް، ގިނަ ދިވެހި މުވައްޒަފުން އަމިއްލަ ގައުމުގައި ތިއްބަސް، ވަޒީފާ އަދާ ކުރަމުން ދަނީ ވެސް ބިދޭސީންނާ އެއް ހާލަތެއްގައި ތިބެގެންނެވެ. މައްސަލައަކީ ސިޔާސަތު ކަނޑައަޅާ މީހުން އެކަން ގަބޫލު ނުކުރާތީ އެވެ.

ރާއްޖޭގައި ވަޒީފާކުރާ ދިވެހިންގެ ބޮޑު ޕަސެންޓަކީ ރަނގަޅު ވަޒީފާއެއް ރަށުން ނުވަތަ އަތޮޅުން ނުލިބޭތީ ހަމައެކަނި ވަޒީފާއަށްޓަކައި މާލެއަށް ހިޖްރަ ކުރަން މަޖުބޫރުވާ މީހުންނެވެ. އާއިލާ އާއި އަނބިދަރިން ރަށަށް ދޫކޮށްލާފައި އައިސް، ބިދޭސީންނެކޭ އެއްގޮތަށް ކުލީ ކޮޓަރިތަކުގައި ނުވަތަ ކުދިން ބައިތިއްބާ ގޭގޭގައި ތިބެގެން ވަޒީފާއަށް ދާ ދިވެހި ބޮޑު އާބާދީއަކީ ނުފެންނަ އެއްޗަކަށް ނެހެދޭނެ އެވެ. ބައެއް ދިވެހިން މާލޭގައި އުޅެނީ ބިދޭސީންނަށް ވުރެ ވެސް ހާލުގަ އެވެ.

ބޯހިޔާވަހިކަމަށް ސަލާން ޖަހަން ޖެހޭ މި މާލޭގައި އުޅޭ ތަނަށް ކުލި ދައްކަމުން، ކެއިންބުއިމުގެ ޚަރަދުތައް ބަލަހައްޓަމުން، ރަށުގައި ތިބި އަނބިދަރިންނަށް ޚަރަދު ކުރަމުން މާލޭގައި އެ އުޅެނީ ބިދޭސީންނަށް ވުރެ ގިނައިން ދިވެހި މުވައްޒަފުންނެވެ. ދިވެހިިން ކުލި ދައްކަނީ ވަޒީފާއަށް ދާށެވެ. ވަޒީފާއަށް ދަނީ ކުލި ދައްކާށެވެ. މަސް ނިމޭއިރު ހުސް އަތާ އެވެ. ބިދޭސީ މުވައްޒަފަށް ލިބޭ އެކޮމޮޑޭޝަން ނުވަތަ ލިވިން އެލަވަންސްގެ ބައި ރުފިޔާ ވެސް ލިބޭ ދިވެހި މުވައްޒަފަކު މަދުވާނެ އެވެ. އަމިއްލަ ގައުމުގައިި ތިބެގެން ވަޒީފާ އަދާ ކުރަން ލިބުނެއް ކަމަކު ގިނަ ދިވެހިންގެ ހާލަކީ މިއީ އެވެ.

މިގޮތަށް އުޅެން މަޖުބޫރު ވެފައިވާ ދިވެހި މުވައްޒަފުންގެ ހާލަތު ބިދޭސީ މުވައްޒަފުންނާ އެއްވެސް ތަފާތެއް ނުފެނެ އެވެ. އެހެންވީއިރު، ބިދޭސީންނަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމަށް ފަހު އޭނާއާ އެކު އެއް މަގާމެއްގައި ހުރި ދިވެހި މުވައްޒަފަށް އެފަދަ އެއްވެސް އިނާޔަތެއް ނެތި، އޭނާގެ މަހު މުސާރަ ކުއްޔަށް އުޅޭ ތަނުގެ ހަތަރު ފާރަށް ޚަރަދު ކުރަން މަޖުބޫރުވުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟.

މުސާރައިގެ އިތުރަށް ލިވިން އެލަވަންސެއް ވެސް، ލިބެނީ ދައުލަތުގެ އިސްވެރިންނާއި މަޖިލީހުުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށެވެ. މަދު ބައެއް ވަޒީފާތަކުގައި އުޅޭ ދިިވެހިންނަށް ލިވިން އެލަވަންސް ގޮތުގައި ދެނީ މާލޭގެ ދިރިއުޅުމުގެ ހާލަތާ އަޅާ ބަލާއިރު ކުޑަ އެއްޗެކެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ދިވެހިންގެ ނަސީބުގައި އެ މިންވަރު ވެސް ނެތެވެ.

އާ ގަވާއިދެއް، ހުރިހާ މޮޅެއް ބިދޭސީންނަށް

ސުޕްރީމް ކޯޓުން ޓީއެމްއޭގެ މައްސަލަ ނިންމިތާ އެއް ދުވަސް ފަހުން، މަސައްކަތު މީހުންނަށް އެކޮމޮޑޭޝަން ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އާ ގަވާއިދެއް ސަރުކާރުން ނެރުނެވެ. ވަޒީފާ އަދާކުރާ ބިދޭސީން ބައިތިއްބަންޖެހޭ ތަންތަނުގެ ކުޑަ ބޮޑުމިނާއި ލިބެންޖެހޭ ޚިދުމަތްތަކާއި ވަސީލަތްތައް ވެސް އެ ގަވާއިދުގައި ވަރަށް ފުރިހަމައަށް ކަނޑައަޅާފައި އޮތެވެ. އެ މިންގަނޑުތަކަށް ނުފެތޭ ތަންތަނުގައި މަސައްކަތްތެރިން ބައިތިއްބާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވެ އެވެ. އޭގެ ހުރިހާ ފައިދާއެއް ވެސް ހަގީގަތުގައި އޮތީ ބިދޭސީ މަސައްކަތްތެރިންނަށެވެ. ސަބަބަކީ، އޮކޮމަޑޭޝަން ދީގެން ގިނައިން ގެންގުޅެނީ ބިދޭސީން ކަމަށް ވާތީ އެވެ.

އެތައް ސަރުކާރެއް އަތުވެއްޖެ އެވެ. ވަޒީފާއާބެހޭ ގާނޫނު ހިތު ދަސްވާ މިންވަރަށް ގާނޫނަށް އިސްލާހު ގެނެސްފި އެވެ. ގާނޫނާއި ގަވާއިދުތައް ކިތަންމެ ވަރަކަށް ހެދިޔަސް، މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުން ނައްތާލީއޭ ބުނާނެ ގޮތެއް ނުވިސްނުނެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި ގޮތުގައި ބިދޭސީންނަށް އެކަނި އެކޮމޮޑޭޝަން ދިނުން ލާޒިމް ކުރުވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ތަފާތު ކުރުމެކެވެ. ވަޒީފާގައި އުޅުމަށްޓަކައި އަމިއްލައަށް ތަންތަން ކުއްޔަށް ހިފައިގެން ތިބި ދިވެހިންނާއި ބިދޭސީން އެ ތިބީ އެއް ހާލަތެއްގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުން ގާނޫނުއަސާސީއާ ޚިލާފް ގަވާއިދަކަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުން އެ ނިންމި ނިންމުން ގޯހެވެ.

"ކޮޓަރި ކުއްޔަށް ހިފައިގެން އަމިއްލަ އަތުން ކެއުމަށް ޚަރަދު ކޮށްގެން ދިވެހި މުވައްޒަފުން އުޅެންޖެހޭ ނަމަ، ބިދޭސީ މީހާ އާއި ދިވެހިންނާ ތަފާތެއް ނުކުރެވޭނެ. އެންމެންގެ ހާލަތު އޭރުން އެއްގޮތް ތިޔަ، ހުކުމް ގާނޫނުއަސާސީއާ ޚިލާފް ކަމަށް ގަބޫލު ކުރެވެނީ." އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އެހެން ބައެއް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ގަވާއިދަކުން ލާޒިމްކުރާ ކަމަކަށް ވާތީ އެ ނިންމުން ގާނޫނީ ގޮތުން ގޯހެއް ނޫނެވެ. އެ ބޭފުޅުން ނަޒަރުގައި މައްސަލައަކީ ގިނަ ދިވެހި މުވައްޒަފުންގެ ހާލަތު ހުރިގޮތަށް ނުބަލައި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުތަކުން ސިޔާސަތު ކަނޑައަޅައި، ގާނޫނުތައް ހެދުމެވެ.

ބިދޭސީންނަށް އެކޮމޮޑޭޝަނާއި އެހެން ބައެއް އިނާޔަތްތައް ވަޒީފާގެ ބޭނުމަށްޓަކައި ހަމަޖައްސައިދޭ ދިނުމުގައި މައްސަލައެއް ނެތެވެ. އެކަމަކު ދިވެހި ހުރިހާ މުވައްޒަފުންނަކީ އެ ހުރިހާ ކަމެއް ހަމަޖެހި، ފުދިގެން ތިބިި ބައެއް ކަމަށް ބަލައިގެން ގާނޫނުތަކުގެ މި ގެންނަ ތަފާތު ކުރުން ހުއްޓާލަން ވެއްޖެ އެވެ. އަމިއްލަ ގައުމުގައި ބިދޭސީންނަށް ވުރެ ހާލުގައި އުޅޭ އެތައް ހާސް ދިވެހި މުވައްޒަފުންނަށް މި ނޫން ގޮތެއް ހޯދައިދޭން ޖެހެ އެވެ.