Roadha Mihaaru
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް

ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް

11 އެޕްރީލް 2022

ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާ ވާހަކަދެއްކުމުން އޭނާ އަށް މީހުންގެ ރުޅި އާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާ ވާހަކަދެއްކުމުން އޭނާ އަށް މީހުންގެ ރުޅި އާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރަޝިއާ އިން ޔުކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައި، ޕްރިޔަންކާ އިންސްޓަގްރާމުގައި ވީޑިއޯއެއް އާންމުކުރީ މީގެ ދެ ތިން ދުވަސް ކުރިންނެވެ.

ޕްރިޔަންކާ ބުނީ ޔުކްރެއިންގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ބަލަން ނުތިބެވޭނެ ކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ދެ މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ޔޫކްރެއިން ދޫކޮށް ކައިރި އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

ޕްރިޔަންކާ އަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔުނިސެފުން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރެވެ. އެ ވީޑިއޯއާ ގުޅިގެން އެތައް ބަޔަކު ޕްރިޔަންކާއާ ދިމާކޮށްލީ، އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އިންޑިއާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ބަހެއް ބުނެލާނެ ހިތްވަރެއް ހުރި ބޮލީވުޑްގެ އެހެން ތަރިއަކު ވެސް ނެތް ކަމަށް ބުނެ އެވެ.

ޕްރިޔަންކާ އަކީ ވަރަށް "ދެފުށްކެހެރި" މީހެއްގެ ގޮތުގައި އެމީހުން ސިފަކުރީ ކަޝްމީރުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އެ ކަހަލަ ބަހެއް ބުނެލާނެ ހިތްވަރު އޭނާގެ ވެސް ނެތީމަ އެވެ. ބައެއް މީހުން ވަނީ އިރާގު، ސީރިއާ، ފަލަސްތީން އަދި އަފްޣާނިސްތާނުގައި ވެސް ހަމަލާތައް ދެމުންދާއިރު އެތަނުގައި އުޅޭ މީހުންގެ ހައްގުގައި ޕްރިޔަންކާ އެއްޗެއް ނުބުނަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ. "ހަމަ މި ކަހަލަ މަންޒަރެއް ފެނުނު 2016 ގައި. އެމެރިކާ އިން ސީރިއާ އަށް ބޮން އެޅިއިރު އެ ވާހަކަ އެއްވެސް މީހަކު ނުދައްކާ،" އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ކަންބޮޑުވުން ފާޅުކޮށް ބުންޏެެވެ. "ވާހަކަ ނުދައްކާ ފުރަތަމަ އަމިއްލަ ގައުމުގައި ހިނގާ މައްސަލަތަކަށް ބަލާބަލަ. އެންމެ ފުރަތަމަ ވެސް މި ނިކުތީ ޔޫކްރެއިނަށް ސަޕޯޓްކުރަން،" އިތުރު މީހަކު ކޮމެންޓްކުރި އެވެ.

ކައިވެންޏަށް ފަހު ލަންޑަނުގައި އުޅެމުން އަންނަ ޕްރިޔަންކާ ވަނީ ޔުނިސެފް އެމްބަސެޑަރުގެ ހައިސިއްޔަތުން އިންޑިއާ، ބަންގްލަދޭޝް، އެތިއޯޕިއާ، ޖޯޑަން އަދި ޒިމްބާވޭގެ އަންހެން ރެފިއުޖީންނާއި ކުޑަކުދިންނާ ވެސް ބައްދަލުކޮށްފަ އެވެ.