Roadha Mihaaru
އިންޑިއާ އަށް އެހީވާން ޕްރިޔަންކާ ފައިސާ އެއްކުރަނީ

އިންޑިއާ އަށް އެހީވާން ޕްރިޔަންކާ ފައިސާ އެއްކުރަނީ

01 މެއި 2021

ކޮވިޑް-19 ގެ ނުރައްކާ އިންޑިއާގައި ވަރަށް ބޮޑުވެ، އޮކްސިޖަންގެ ދަތިކަމާ ހުރެ އެތައް ބައެއްގެ ފުރާނަ ވެސް ގެއްލެމުންދާތީ އެ ގައުމަށް އެހީވާން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ނުރައްކާ އިންޑިއާގައި ވަރަށް ބޮޑުވެ، އޮކްސިޖަންގެ ދަތިކަމާ ހުރެ އެތައް ބައެއްގެ ފުރާނަ ވެސް ގެއްލެމުންދާތީ އެ ގައުމަށް އެހީވާން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި، ލަންޑަންގައި ހުރި ބަތަލާ ބުނީ އޭނާގެ އުފަން ގައުމުގެ މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށްވާތީ ވީހާ ވެސް ގިނަ ބަޔަކު އެހީވާން އެދޭ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އޭނާ ފޮލޯކުރާ މީހުން މަދުވެގެން އެންމެ 10 ޑޮލަރު ހަދިޔާކޮށްދިނަސް އެ ދެވެނީ ވަރަށް ބޮޑު އެހީއެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.

މި ފަންޑް ރައިޒިން ހަރަކާތް އޭނާ ކުރިއަށް ގެންދަނީ ގިވްއިންޑިއާއާ ގުޅިގެންނެވެ. އެގޮތުން ލިބޭ ހުރިހާ އެހީއެއް ދާނީ ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނާއި ކޮވިޑަށް ހާއްސަ ވަސީލަތްތައް ހޯދުމާއި ވަސީލަތްތައް ބިނާކުރުން ފަދަ ކަންކަމަށެވެ.

ޕްރިޔަންކާ ބުނީ އޭނާ އާއި ފިރިމީހާ ވެސް މިހާރު އެހީތަކެއް ދީފި ކަމަށާއި ގިނަ ބަޔަކު އެހީ ދީފި ނަމަ އިންޑިއާ މި ބަލިމަޑުކަމުން އަރައިގަންނަން ވަރަށް ބޮޑު ހިތްވަރަކަށް ކަމަށެވެ.

ކޮވިޑްގެ ދެވަނަ ރާޅާ އެކު އިންޑިއާ އަކީ މި ވަގުތު އެ ބަލީގެ ހާލަތު އެންމެ ގޯސް ގައުމެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުންދާ އިރު، ސިއްހީ ހިދުމަތްތައް ދޭ ތަންތަން ވަނީ ބަލި މީހުންނާ އެކު ފުރިބާރުވެފަ އެވެ.

މިކަމާ ގުޅިގެން މިހާރު ވެސް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްކުރަމުންނެވެ.