Roadha Mihaaru
އޮޓޮބައޮގްރަފީ އެއް ފޮތުން ނުނިންމޭނެ: ގޯވިންދާ

އޮޓޮބައޮގްރަފީ އެއް ފޮތުން ނިންމޭ ވަރަށްވުރެ ދިގު: ގޯވިންދާ

01 ފެބުރުއަރީ 2021

އެއް ފޮތެއްގައި ނެރޭ ވަރަށްވުރެ އޮޓޮބައޮގްރަފީގައި ކިޔައިދޭން ޖެހޭ ވާހަކަތައް ގިނަ ކަމަށާއި އެހެންވެ ބައޮގްރަފީ ނެރޭނީ ބައިތަކަކަށް ބަހާލައިގެން ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއް ފޮތެއްގައި ނެރޭ ވަރަށްވުރެ އޮޓޮބައޮގްރަފީގައި ކިޔައިދޭން ޖެހޭ ވާހަކަތައް ގިނަ ކަމަށާއި އެހެންވެ ބައޮގްރަފީ ނެރޭނީ ބައިތަކަކަށް ބަހާލައިގެން ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބުނެފި އެވެ.

މި އަހަރު 58 އަހަރު ފުރޭ އެކްޓަރު މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ބައޮގްރަފީ ލިޔަން ފެށީ މިދިޔަ އަހަރު ކަމަށާއި ކުރިން ވެސް ނިންމައިގެން ހުރީ 57 އަހަރުވުމުން އޭގެ މަސައްކަތް ފަށަން ކަމަށެވެ. ގޯވިންދާ އަކީ ހިންދީ ސިނަމާގައި 1990 ގެ އަހަރުތަކުގައި އެންމެ ވިދާލި އެއް އެކްޓަރެވެ. އޭނާ ބޮލީވުޑަށް ނުކުތީ 1986 ގެ "އިލްޒާމް" އިންނެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮމެޑީ ރޯލްތަކަށް ކުޅަދާނަ އަދި އެހާމެ ހުނަރުވެރި ނެށުންތެރިއެއްގެ ގޮތުގަ އެވެ.

ކެރިއަރުގައި މިހާތަނަށް 170 އާ ގާތް ކުރާ އަދަދަކަށް ފިލްމު ކުޅެފައިވާ ގޯވިންދާ ބުނީ އޭނާގެ ބައޮގްރަފީ ވާނީ ފިލްމީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހިތްވަރު ލިބޭނެ އެތައް ވާހަކައެއް ކިޔައިދޭނެ އެއްޗަކަށް ކަމަށެވެ. އާދައިގެ މީހަކު ބުރަ މަސައްކަތުން ބޮލީވުޑްގެ ބޮޑު ސްޓާރަކަށްވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އަޑިގުޑަންތަކާ އެކު ވެސް ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވިދާނެކަން އޭނާގެ ހަޔާތުން ފެންނާނެ ކަމަށް ގޯވިންދާ ބުންޏެވެ.

"އަރެންގެ ބައޮގްރަފީ ގެނެސްދޭން ބޭނުން ވަނީ ވެސް އަހަރެން ކުޅުނު މަގުބޫލު ބައެއް ކެރެކްޓާތަކާ ވެސް ގުޅުވައިގެން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

ވަނަމަކަށް ޗީ ޗީ ކިޔާ ގޯވިންދާ ބުނިގޮތުގައި އޭނާގެ ބައޮގްރަފީ ގެނެސްދޭނީ ހިންދީ ސިނަމާގެ ޝޯމޭންގެ ގޮތުގައި މަޝްހޫރުވި ރާޖް ކަޕޫރްގެ ބައޮގްރަފީ "ރާޖް ކަޕޫރް: ދި ވަން އެންޑް އޮންލީ ޝޯމޭން" ލިޔެފައި އޮތް ގޮތް ބަލައިގެން ކަމަށެވެ. ރާޖް ކަޕޫރަކީ ގޯވިންދާ އެކު ރީތި، ގިނަ ފިލްމުތަކެއް ކުޅުނު ބަތަލާ ކަރިޝް ކަޕޫރްގެ ކާފަ އެވެ.

"އަރެންގެ ބައޮގްރަފީ ގެނެސްދޭން ބޭނުން ވަނީ ވެސް އަހަރެން ކުޅުނު މަގުބޫލު ބައެއް ކެރެކްޓާތަކާ ވެސް ގުޅުވައިގެން." ގޯވިންދާ

ބައޮގްރަފީ ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ގޯވިންދާ ބުނި ނަމަވެސް އޭގެ ނަމާއި ނެރޭނެ އިރެއް ހާމައެއްނުކުރެ އެވެ.

ގޯވިންދާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2019 ގެ "ރަންގީލާ ރާޖާ" އެވެ. އޭނާ އަށް މިހާރު ފިލްމުތަކުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފުރުސަތު ނުދޭތީ ގޯވިންދާ ހުންނަނީ އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ދެކެ ހިތްހަމަނުޖެހިފަ އެވެ.

އޭނާ އެންމެ ގިނައިން އެކީގައި މަސައްކަތްކުރި ޑައިރެކްޓަރު ޑޭވިޑް ދަވަނާ އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެ ދެ މީހުން އެކީގައި 17 ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިރު، ޑޭވިޑް މި ފަހުން މުޅިން ވެސް ފިލްމު ހަދަނީ އޭނާގެ ދަރިފުޅު ވަރުން ދަވަން ހިމަނައިގެންނެވެ.

ދެބަފައިންގެ އެންމެ ފަހުގެ ފިލްމަކީ މިދޔަ ޑިސެމްބަރު މަހު ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ. އެ ފިލްމަކީ ގޯވިންދާ އާއި ކަރިޝްމާ އާ އެކު ޑޭވިޑް 1995 ގައި ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރިމޭކެކެވެ.

ގޯވިންދާ 2000 ވަނަ އަހަރުގެ ކުރީކޮޅު ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރި އެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އިންޑިއާގެ ގާނޫނު މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން 2004-2009 އަށް ކޮށްފައިވެ އެވެ. އޭގެ ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާ ދޫކޮށްލައިފަ އެވެ.

ގޯވިންދާގެ ދެ ދަރިންގެ ތެރެއިން އަންހެން ދަރިފުޅު ޓީނާ އަހޫޖާ، 31، އެކްޓިން އަށް ނުކުތް ނަމަވެސް ކުރިއަށް ދެވުނު ބަތަލާއެއް ނޫނެވެ. "ސެކަންޑް ހޭންޑް ހަޒްބަންޑް" ކުޅުނު ބަތަލާ ދޭތެރެ ދޭތެރެ އިން މިހާރު ވެސް ވެބް ފިލްމުތަކާއި ވީޑިއޯ ލަވަތަކުން ފެނެ އެވެ. ޓީނާގެ އިތުރުން ގޯވިންދާގެ ދެން ހުންނަނީ ޔާޝްވަރުދަން އަހޫޖާ ކިޔާ ފިރިހެން ކުއްޖެކެވެ. އޭނާ އަށް މިހާރު 24 އަހަރެވެ.