Roadha Mihaaru
ވެކްސިން އެކްސްޕޯޓް ކޮންޓްރޯލް ކުރުމުން ފާޑުކިޔުން

ޔޫރަޕުން ވެކްސިން އެކްސްޕޯޓް ކޮންޓްރޯލް ކުރުމުން ޑަބްލިއުއެޗްއޯގެ ފާޑުކިޔުން

31 ޖެނުއަރީ 2021

ޖެނީވާ (ޖެނުއަރީ 31) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގައި އުފައްދާ ވެކްސިންގެ އެކްސްޕޯޓް ކޮންޓްރޯލްކުރާނެކަން އިއުލާން ކުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ފާޑު ކިޔައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ޖެނުއަރީ 31) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގައި އުފައްދާ ވެކްސިންގެ އެކްސްޕޯޓް ކޮންޓްރޯލްކުރާނެކަން އިއުލާން ކުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ފާޑު ކިޔައިފި އެވެ.

އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅު އަޅަން އީޔޫ އިން ނިންމީ ވެކްސިން އުފައްދާ ކުންފުނިތަކުން ޔޫރަޕަށް ފޯރުކޮށްދޭން އެއްބަސްވި އަދަދަށް ވެކްސްިން ސަޕްލައި ކުރުމުގައި ލަސްތަކެއް ދިމާވުމުންނެވެ.

ޑަބްލިއުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މާރިއަންގަލާ ސިމާއޯ ވިދާޅުވީ ވެކްސިންގެ އެކްސްޕޯޓް ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބަލި ކޮންޓްރޯލް ނުވެ ދިގުދެމިގެންދާނެ ކަމަށެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސުސް ވިދާޅުވީ ވެކްސިން ވަކި ގައުމުތަކަކަށް ލިބޭ ގޮތަށް އޮތުމަކީ ބަލިން އަރައިގަތުމަށް ދިގު މުއްދަތެއް ނަގާނެ ކަމެއް ކަމަށެވެ.

އީޔޫ އިން ނިންމާފައި ވަނީ އެ ޖަމާއަތުގެ ގައުމުތަކުގައި އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގައި ކޮންޓްރޯލެއް ގެންގުޅޭށެވެ. އެ ގޮތަށް ހެދުމުން އީޔޫ އާއި ވެކްސިން އުފައްދާ ކުންފުނިތަކާ ދެމެދު އެއްބަސްވެފައިވާ ގޮތަށް އަމަލު ނުކުރާ ކުންފުނިތަކުގެ ވެކްސިން އީޔޫ އިން ބޭރަށް އެކްސްޕޯޓް ކުރުން ހުއްޓުވޭނެ އެވެ.

"ޔޫރަޕުގެ ގައުމުތަކުގެ ރައްޔިތުން ހިމާޔަތް ކުރުމަކީ މިހާރު އެންމެ އިސްކަން ދޭން ޖެހޭކަންތައް. މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބަލައި މި ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް،" ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އީޔޫ އިން ބުނެފައި ވަނީ ވެކްސިން އެކްސްޕޯޓް ކޮންޓްރޯލް ކުރުމަކީ ދާއިމީ ނިންމުމެއް ނޫން ކަމަށެވެ.

ޔޫރަޕުން ވެކްސިން އެކްސްޕޯޓް ކޮންޓްރޯލް ކުރުމުން 100 އަށް ވުރެ ގިނަ ގައުމަށް އެކަމުގެ އަސަރު ކުރާނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި ކެނެޑާ، އެމެރިކާ އަދި އޮސްޓްރޭލިއާ ވެސް ހިމެނެ އެވެ.

ވެކްސިން އެކްސްޕޯޓް ކުރުމުގައި އީޔޫ އިން ފިޔަވަޅު އަޅަން ޖެހިފައި ވަނީ އެސްޓްރަޒެނެކާ އިން އެއްބަސްވެފައިވާ ގޮތަށް ޔޫރަޕިއަން ޔޫނިއަން އަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުމުންނެވެ. އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ އެ ގޮތަށް ދިމާވީ ބެލްޖިއަމް އާއި ނެދަލޭންޑްސްގައި ހުރި ވެކްސިން އުފައްދާ ފެކްޓަރީތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

އެކްސްޕޯޓް ކޮންޓްރޯލެއް އީޔޫ އިން ކަނޑައެޅި ނަމަވެސް 92 ގައުމެއް އިސްތިސްނާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފަގީރު ގައުމުތަކަށް އަމާޒުކޮށްފައިވާ ކޯވެކްސް ސްކީމުގެ ތެރޭން ވެކްސިން ފޯރުކޮށްދޭ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން ސްވިޒަލެންޑް، ވެސްޓަން ބޯލްކަން، ނޯވޭ އަދި ނޯތު އެފްރިކާ އާއި މެޑިޓެރޭނިއަންގެ ބައެއް ގައުމުތަކާއި ލުބުނާނާއި އިޒްރޭލް ވެސް ވަނީ އިސްތިސްނާކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހަރިސް ވިދާޅުވީ ކޮންމެ ގައުމެއްގެ ވެސް ހުރިހާ ރައްޔިތުންނަށް ވެކްސުން ދިނުމުގެ ކުރިން ފުރަތަމަ ދޭން ޖެހޭނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަސައްކަތް ކުރާ ހެލްތު ވޯކަރުންނާއި ފްރަންޓްލައިން ސްޓާފުންނަށް ކަމަށެވެ.

ދުނިޔޭގައި ކޮރޯނާވައިރަހުގެ ވެކްސިން ދޭން ފެށި ފަހުން 90 ޕަސެންޓް ދީފައި ވަނީ އެންމެ 10 ގައުމެއްގެ މީހުންނަށެވެ.

އީޔޫ އިން ހަދާފައިވާ އެއްބަސްވުންތައް

* އެސްޓްރަޒެނެކާ - 400 މިލިއަން ޑޯޒް

* ސަނޮފީ-ޖީއެސްކޭ - 300 މިލިއަން ޑޯޒް

* ޖޯންސަން އެންޑް ޖޯންސަން - 400 މިލިއަން ޑޯޒް

* ފައިޒާ-ބަޔޯއެންޓެކް - 600 މިލިއަން ޑޯޒް

* ކިޔޯވެކް - 405 މިލިއަން ޑޯޒް

* މޮޑާނާ - 160 މިލިއަން ޑޯޒް