Roadha Mihaaru
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ

ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ

26 ޖެނުއަރީ 2022

މިހާރު ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލިމަޑުކަން ފަތުރާ ވައިރަހުގެ ބާވަތްތަކަށް ވުރެ، ދެން އުފެދި ދާނެ ކަމަށް ބެލެވޭ ކޮވިޑް ޖައްސާ ބާވަތުގެ ވައިރަހަކީ، އިންސާނުންގެ މެދުގައި ފެތުރިގަންނަ މިންވަރު މާ ބޮޑަށް ހަލުވިވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

މިހާރު ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލިމަޑުކަން ފަތުރާ ވައިރަހުގެ ބާވަތްތަކަށް ވުރެ، ދެން އުފެދި ދާނެ ކަމަށް ބެލެވޭ ކޮވިޑް ޖައްސާ ބާވަތުގެ ވައިރަހަކީ، އިންސާނުންގެ މެދުގައި ފެތުރިގަންނަ މިންވަރު މާ ބޮޑަށް ހަލުވިވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.

ނަމަވެސް ސައެންސްވެރިންގެ ކުރިމަތީގައި އޮތް ޖަވާބު ނުދެވޭ ސުވާލަކީ، ދެން އުފެދޭ ކޮވިޑް ޖައްސާ ބާވަތުގެ ވައިރަސް، މިހާރު ހުރި ކޮވިޑް ވައިރަހުގެ ބާވަތްތަކަށް ވުރެ، އިންސާނާ އަށް ނުރައްކާވެދާނެ ހެއްޔެވެ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ، ކޮވިޑް-19އާ ގުޅޭ ޓެކްނިކަލް ޓީމުގެ އިސް ވެރިޔާ މާރިއާ ވާން ކެރްޚޯވް ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި 21 މިލިއަން މީހުންނަށް އަލަށް ކޮވިޑް ޖެހުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ މިވަބާ 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ފަހުން، އެއް ހަފުތާގެ ތެރޭގައި މިހާ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖައްސާ ވައިރަހަށް ތަފާތު ވިރާސީ ބަދަލުތައް އައިސް ކޮވިޑް ވައިރަހުގެ ތަފާތު ބާވަތްތައް އުފެދިފައިވާ އިރު، މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ބާވަތަކީ، އިންޑިއާ އިން ފެނި މުޅި ދުނިޔެއަށް ފެތުރުނު ޑެލްޓާ ބާވަތުގެ ވައިރަހެވެ. ނަމަވެސް މިހާތަނަށް ފެނުނު އެންމެ ހަލުވިކޮށް ފެތުރޭ ކޮވިޑް ވައިރަހުގެ ބާވަތަކީ، ދެކުނު އެފްރިކާ އިން ފެނި، މުޅި ދުނިޔެއަށް ފެތުރެމުންދާ ޑެލްޓާ ބާވަތުގެ ވައިރަހެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހަށް ވުރެ ބޮޑަށް މިހާރު ފެތުރެމުން ދަނީ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހެވެ.

ނަމަވެސް، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން އިންސާނާގެ ހަށިގަނޑަށް ކުރިމަތިވާ ނުރައްކާތައް އޮމިކްރޯން ބާވަތުގެ ވައިރަހުން ކުރިމައްޗެއް ނުވެ އެވެ. އެހެންކަމުން، އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުން ދިޔަސް، އެ ބަލީގައި ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތް ވަރަށް ދަށެވެ.

ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި، ކޮވިޑް ޖައްސާ ވައިރަހަށް އަދިވެސް އިތުރު ބަދަލުތައް އައިސް، ކޮވިޑް ވައިރަހުގެ އާ ބާވަތްތައް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ އޭގެ ކުރިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ބާވަތްތަކަށް ވުރެ ނުރައްކާތެރިކަން ކުޑަ ބާވަތަކަށް ވުމުން، ދެން އުފެދޭ ވައިރަހުގެ ބާވަތްތަކުގެ ނުރައްކާތެރިކަން ކުޑަވާނެ ކަމަށް ވިސްނުމަކީ ގޯހެކެވެ.

"އެކަމުގެ އެއްވެސް ގަރަންޓީއެއް ނެތް. އަހަރެމެން މި އުންމީދު ކުރަނީ އެގޮތަށް ވާނެ ކަމަށް. ނަމަވެސް އެކަން އެގޮތަށް ވެދާނެ ކަމުގެ ނުވަތަ ނުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ދެން ވެސް ކުރަން އޮތް ކަމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބޮޑަށް ސަމާލުވުން،" މާރިއާ ވާން ކެރްޚޯވް ވިދާޅުވި އެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ބަޔޯއެންޓެކް ކުންފުނިން އިއްޔެ އިއުލާންކޮށްފައިވާ ގޮތުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަށް ހާއްސަކޮށްގެން އުފެއްދި ކޮވިޑް ވެކްސިން އަޖުމަބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިދިޔަ ހަފުތާގައި އާންމުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖެހުމުން، ކޮވިޑް ޖެހިގެން އެނދުމަތިކުރަން ނުޖެހި ބަލިން ދިފާއުކޮށްދޭ ނިސްބަތަކީ 90 ޕަސެންޓެވެ.