Roadha Mihaaru
އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް

އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް

15 ޑިސެމްބަރ 2021

މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަސް މުޅި ދުނިޔެއަށް ފެތުރެމުން ދަނީ ހީނުކުރާހާ ހަލުވިމިނެއްގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިންޒާރު ކޮށްފި އެވެ.

މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަސް މުޅި ދުނިޔެއަށް ފެތުރެމުން ދަނީ ހީނުކުރާހާ ހަލުވިމިނެއްގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިންޒާރު ކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާ އިން އެންމެ ފުރަތަމަ ފެނުނު މި ބާވަތުގެ ވައިރަސް މިހާތަނަށް ދުނިޔޭގެ 77 ގައުމަކުން ފެނިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ވިދާޅުވި ގޮތުގައި، އޭގެ އިތުރުން ވެސް އެހެން ގައުމުތަކުގައި މި ބާވަތުގެ ވައިރަސް ފެތުރެމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މި ވައިރަސް ފެތުރޭ ހަލުވިމިން އެނގުނު ކަމުގައި ވިޔަސް، އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. މި ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ ހާލު ބޮޑުނުވި ކަމުގައި ވިޔަސް، ގިނަ ބަޔަކަށް އެއްފަހަރާ ބަލި ޖެހިއްޖެ ނަމަ، ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް އޮބި ނޯންނަ ވަރަށް، ބަލިމީހުން އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެކުނު އެފްރިކާ އިން އޮމިކްރޯން ބާވަތުގެ ވައިރަސް ފެނުނު ފަހުން، އެ ގައުމުގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީ އޮމިކްރޯން ބާވަތުގެ ވައިރަހުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެ އެވެ. އެ ގައުމުގެ ރައީސް ސައިރިލް ރާމަފޯސާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ މީހުންނާއި އެ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން އެތެރެވުން، ބައެއް ގައުމުތަކުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެހެން ނަމަވެސް، އޮމިކްރޯން ބާވަތުގެ ވައިރަސް އެހެން ގައުމުތަކުގައި ފެތުރުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ.