Roadha Mihaaru
ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަފެނޭ: ޑަބްލިޔޫއެޗްއޯ

ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަ ފެނޭ: ސިއްހަތު ޖަމިއްޔާ

15 ސެޕްޓެމްބަރ 2022

ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މިންވަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އެ ވަބާ ދުނިޔެއިން މުޅިން ފިލައިގެން ނުދިޔަސް، އެ ވަބާގެ ހާލަތު ނިމުމަކަށް އަންނަ މަންޒަރު މިހާރު ފެންނަން ފަށައިފި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މިންވަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އެ ވަބާ ދުނިޔެއިން މުޅިން ފިލައިގެން ނުދިޔަސް، އެ ވަބާގެ ހާލަތު ނިމުމަކަށް އަންނަ މަންޒަރު މިހާރު ފެންނަން ފަށައިފި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނެފި އެވެ.

"މި ވަބާ ނިމުމަކަށް ގެނައުމަށް މިއަށްވުރެ ވަކިން ރަނގަޅު ހާލަތަކަށް އަހަރެމެންނަށް މިހާތަނަކަށް އާދެވިފައެއް ނެތް،" ނޫސްވެރިންނާ ބައްދަލުކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސް އިއްޔެ ވިދާޅުވި އެވެ. އެހެންކަމުން، ހަ މިލިއަނަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ އެ ބައްޔާ ދެކޮޅަށް ގައުމުތަކުން މިހާރުވެސް ކުރަމުންދާ މިންނެތް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގަތެވެ.

"އަހަރެމެންނަށް އަދި އެ ހިސާބަށް ދެވުނީކީ ނޫން، އެކަމަކުވެސް ނިމުން އެބަ ފެނޭ."

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް އައި އިރު، އެއް ހަފުތާގެ ތެރޭގައި މި ބަލި އަލަށް ޖެހުނު ކަމަށް ރިޕޯޓް ކުރި މީހުންގެ އަދަދު އެންމެ ދަށަށް ދިޔައީ، މިދިޔަ ހަފުތާގަ އެވެ.

"އަހަރެމެން މި ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފައިފިއްޔާ، ކޮވިޑް ޖައްސާ ވައިރަހުގެ އިތުރު ބާވަތްތައް އުފެދުމާއި އިތުރު އެތައް ބަޔަކު މަރުވެ، ކަންކަމަށް ބުރޫއެރުމާއި ކަންކަން ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އެބަ އޮތް."

ކޮވިޑް ނައްތައިލުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން، ހަ ކަމެއްގެ މައްޗަށް އެކުލެވޭ ސިޔާސަތެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ސިޔާސަތުގައި ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައިވާ އެއް ކަމަކީ، ކޮވިޑާ ދެކޮޅަށް އެ ގައުމުތަކުން ކަނޑައަޅާފައިވާ ސިޔާސަތުތައް އިތުރަށް މުރާޖައާކޮށް ހަރުދަނާކުރުމަށެވެ.

އޭގެ އިތުރުން އެ ގައުމެއްގެ އާބާދީގައި ހިމެނޭ، ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު ގިންތީގައި ހިމެނޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމާއެކު، ކޮވިޑް ފެތުރޭ މިންވަރު ދެނެގަތުމަށްޓަކައި، އެ ބައްޔަށް ޓެސްޓުކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ވެސް ގޮވާލާފައިވެ އެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ވަރަށް ހަލުވިމިނެއްގައި ފެތުރެމުން ދިޔަ ކޮވިޑް ވަބާ މައިތިރިވާން ފެށީ، ކޮވިޑާ ދެކޮޅަށް ބޭނުންކުރުމަށް ވެކްސިން އުފައްދައި ބޭނުންކުރަން ފެށި ފަހުންނެވެ.

ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19، ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ފެތުރި، މިހާތަނަށް 615 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން މިހާތަނަށް 6.5 މިލިއަން މީހުން މަރުވެ، އެތައް މިލިއަން ބަޔަކު މިހާރު ވެސް ގެންދަނީ، އެ ބައްޔާ ގުޅިގެން ކުރިމަތިވާ ސިއްހީ އެހެން މައްސަލަތައް ތަހައްމަލުކުރަމުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނީ އެމެރިކާ އިންނެވެ. މިހާތަނަށް އެ ގައުމުގެ 97.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނީ އިންޑިއާ އިންނެވެ. އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ 44.5 މިލިއަނަށް އަރާފައިވާ އިރު، އޭގެ ތެރެއިން 528 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.