Roadha Mihaaru
ދެ މަސް ތެރޭ އެންމެންނަށް ވެކްސިން ހަމަވާނެ: ނަސީމް

ޑަބްލިއުއެޗްއޯ އިން ވެކްސިން މި މަހު ލިބޭނެ، ފައިސާ ދެއްކި 700،000 ޑޯޒް މާޗުގައި ގެންނަނީ

01 ފެބުރުއަރީ 2021

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން މި މަހުގެ މެދެއްހާ ތަނުގައި ލިބޭނެ ކަމަށާއި އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏަކުން ގަތުމަށް ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒު މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން މި މަހުގެ މެދެއްހާ ތަނުގައި ލިބޭނެ ކަމަށާއި އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏަކުން ގަތުމަށް ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒު މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިންއާ މެދު ރައްޔިތުން ހާސްވާކަށް ނުޖެހޭނެ ކަމަށެވެ. ރާއްޖޭގައި މިއަދު ފެށި ވެކްސިން ކެމްޕޭން ނިންމާނީ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން ހިމެނޭ ގޮތަށް އެންމެންނަށް ވެކްސިން ދިނުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ އިން ލިބޭ ވެކްސިން އަންނަން ފަށާނެ މި މަހުގެ 14، 15 ހިސާބުގައި. ފައިސާ ދެއްކި ވެކްސިން މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް އަޅުގަނޑުމެން މި އުއްމީދުކުރަނީ،" ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިއަދު ޖަހަން ފެށީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެއީ ވަރަށް ގިނަ ދިރާސާތަކަކަށް ފަހު ކާމިޔާބުވެ، ދުނިޔޭގެ އެތައް ގައުމެއްގައި މިހާތަނަށް ޖަހާފައިވާ ވެކްސިނެއް ކަން ނަސީމް ފާހަގަކުރެއްވި އެވެ.

"މި ބަލިން އަރައިގަތުމަށް މަސައްކަތް ކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް. ވެކްސިނަކީ މިކަމުގައި އޮތް އެންމެ ރަނގަޅު މަގު،" ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

މާލޭގެ އިތުރުން މިއަދު ވެކްސިން ދޭން ފެށީ އައްޑު އާއި ހދ. ކުޅުދުއްފުށީގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ ކޮންމެ ދުވަހަކު 10،000 މީހުންނަށް ވެކްސިން ދިނުމެވެ. އެހެން ރަށްތަކުގައި ވެސް ލަސްނުވެ ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ ބަޔަކަށް ވެކްސިން ދެވިއްޖެ ނަމަ ވީހާވެސް އަވަހަކަށް މިކަމުން އަރައިގަނެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ހަމަޖެހިގެން މިދިޔައީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އަހަމިއްޔަތުގެ ސަބަބުން ކަމަށެވެ. ކޮވިޑުގެ ހާލަތު ކޮންމެ ދުވަހަކު ރައީސް ބައްލަވައި އިރުޝާދު ދެއްވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ވެކްސިން ކެމްޕޭން ފެށުމުގެ ގޮތުން ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވައިފަ އެވެ. މީގެ އިތުރުން ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުގައި އިސްކޮށް އުޅޭ 30 އަށް ވުރެން ގިނަ މީހުންނަށް މިއަދު ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހި އެވެ.

ވެކްސިން ޕްރޮގްރާމް ތަރުތީބުކޮށްފައި އޮތީ އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްތެރިންނަށް އިސްކަންދޭ ގޮތަށެވެ. އޭގެ ފަހުން ވެކްސިން ލިސްޓުގައި އޮތީ ދުވަސް ވީ މީހުންނާއި ހައި ރިސްކް މީހުންނެވެ. ކޮވިޑް ވެކްސިން އަދި ނުޖަހަން ނިންމާފައި ވަނީ މާބަނޑު މީހުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ.