Roadha Mihaaru
ވެހިކަލް ދުއްވުން މަނާކޮށް، ފިޔަވަޅުތައް ހަރުކަށިކޮށްފި

ރޭގަނޑު 8:30 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފި

02 ފެބުރުއަރީ 2021

ރާއްޖޭގައި ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ނަގައި ހާލަތު ގޯސްވެފައިވާތީ މާދަމާ އިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ކުރިން ލުއި ދީފައިވާ ފިިޔަވަޅުތައް ހަރުކަށިކުރަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ނަގައި ހާލަތު ގޯސްވެފައިވާތީ މާދަމާ އިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ކުރިން ލުއި ދީފައިވާ ފިިޔަވަޅުތައް ހަރުކަށިކުރަން ނިންމައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެ އެންގުމުގައި ހިމެނޭ ކަންކަމަށް އަމަލުކުރާނީ މިރޭ ދަންވަރު 12 އިން ފެށިގެންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް މި ހަފުތާގައި އުޅެނީ ކޮންމެ ދުވަހަކު 100 އިން މަތީގަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެ ހަވީރު 6 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. މިއީ ކޮވިޑުގެ ހާލަތު އެންމެ ގޯސްވި އިރު ކޭސްތައް ފެނުނު އަދަދެވެ.

މާލޭގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހަށް ވެހިކަލް ދުއްވުން މަނާކުރަނީ ދެ ހަފުތާގެ މުއްދަތަށެވެ. މިހާރު މާލެ ސަރަަހައްދުގައި ކާފިއު ފަށާ ގަޑިއަކީ ދަންވަރު 12 ކަމަށް ވިޔަސް، މާދަމާ ރެއިން ފެށިގެން 11 އަށް ކާފިއު ވަގުތު ވަނީ އަވަސްކޮށްފަ އެވެ. އެހެންވެ، މާލެ އާއި ވިލިިމާލެ އާއި ހުޅުމާލޭގައި މަގުމައްޗަށް މީހުން ނުކުތުން މަނާ ގަޑިއަކީ މާދަމާ ރެއިން ފެށިގެން 11 އިން ފަތިހު 4:30 އަށެވެ.

ކޭސްތައް އެންމެ ގިނަވި ދުވަސްކޮޅު ކުރިން ވެސް މި ފިޔަވަޅު އެޅި އެވެ. ގިނަ ރަށްތަކެއްގައި ވެސް ބަލި ފެތުރިދާނެތީ ހުރިހާ ރަށެއްގައި މާސްކް އެޅުން ވެސް މާދަމާ އިން ފެށިގެން މަޖުބޫރެވެ.

އެޗްޕީއޭ އިން އިއުލާންކުރި އާ ފިޔަވަޅުތައް:

- އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރުތަކާއި ކަސްރަތުތައް ކުރިއަށް އޮތް ދެ ހަފުތާއަށް ހުއްޓާލުން. އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަސްރަތު ކުރުމުގައި އެހީތެރިއަކު ބައިވެރިކުރެވިދާނެ.

- ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ޚިދުމަތް ދޭ ތަންތަން ބަންދުކުރުން.

- އެޗްޕީއޭގެ އުސޫލްތަކާ އެއްގޮތަށް ޖިމްތައް ބަދަލުކުރުން.

- ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދިނުން. ޕްރެކްޓިކަލް ސެޝަންތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދެވިދާނެ.

- ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، އެކަން ތަންފީޒުކުރުން ހަރުދަނާކުރުން.

- ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތަކަށް ނޫނީ ސަރުކާރު އިދާރާތައް ނުހުޅުވައި ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ޚިދުމަތްތައް އޮންލައިންކޮށް ދިނުން. ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް މުވައްޒަފުން ނެރުމުގައި ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލަށް އަމަލުކުރުން.

- ގްރޫޕް ހަދައިގެން ކެއުމާއި ސައިބުއިން ހުއްޓާލުމާއި އޮފީސް ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން.

- އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ހައި ރިސްކް މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުން.

- ރޭގަނޑު 11 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ދެ ހަފުތާއަށް ކާފިއު އިއުލާންކުރުން.

- ޕާކުތަކާއި މައިދާންތަކަށް މީހުން ދިއުން ދެ ހަފުތާއަށް ހުއްޓާލުން. އެކަމަކު ކަސްރަތު ކުރާ ތަންތަނުގައި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ކަސްރަތު ކުރެވޭނެ.

- މާލެ ސަރަހައްދުން ރަށްރަށަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭން ދާ ފަރާތްތައް ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.

- އެޗްޕީއޭގެ ގައިޑްލައިނަށް ރެސްޓޯރަންޓްތަކާއި ހޮޓާ، ކެފޭތަކުން އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަން ފެށުން.

ކޮވިޑް ކޭސްތައް ގިނަވެ، ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރިފައިވާތީ ފަރުކޮޅުފުށީގައި މީހުން ބޭތިއްބޭނެ އިންތިޒާމު އަންނަނީ ހަމަޖައްސަމުންނެވެ.