Roadha Mihaaru
ޓީޗަރުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

ޓީޗަރުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

04 ފެބުރުއަރީ 2021

ހަލުއިކަމާ އެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގެ ޓީޗަރުންނަށް މިއަދު ވެކްސިން ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަލުއިކަމާ އެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގެ ޓީޗަރުންނަށް މިއަދު ވެކްސިން ދޭން ފަށައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް އޮފިޝަލެއް ކަމަށް ވާ ތަސްލީމާ އުސްމާން ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ބަލައި ޓީޗަރުންނަށް ވެކްސިން ދެނީ "ސްކޫލްތައް ރައްކާތެރިކުރުމުގެ ބޭނުމުގައި" ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ސަރަހައްދުތަކުގެ ޓީޗަރުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއާ އެކު މިދިޔަ ހޯމަ ދުވަހު ވެކްސިން ދޭން ފެށި އައްޑޫގައި ވެސް އަންނަނީ ޓީޗަރުންނަށް ވެކްސިން ދެމުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާވެސް ބަލި ޖެހޭ މީހުންގެ އަދަދު މި ވަނީ އިތުރުވެފަ އެވެ. އެއާ އެކު ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "މިހާރު" އަށް ވިދާޅުވީ ވެކްސިން ލިބޭ ފުރަތަމަ ބެޗުގައި ޓީޗަރުން ހިމެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓީޗަރުންނަށް ވެކްސިން ދިނުމަކީ ސްކޫލް މާހައުލުގެ ރައްކާތެރިކަމާ މެދު ބެލެނިވެރިންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

ޑރ. އައިޝަތު އަލީ ޓީޗަރުން ސިފަކުރެއްވީ އަހަރެމެންގެ "އަންސަންގް ހީރޯސް"ގެ ގޮތުގަ އެވެ.

ކޮވިޑުން ރައްކާތެރިވާން މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތައް ވަނީ ކުރިއަށް އޮތް ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ. އެކަމަކު ސްކޫލަށް ދިއުން ހުއްޓާލައިފި ނަމަ އޭގެ ނޭދެވޭ އަސަރު ދަރިވަރުގެ މުޅި އުމުރަށް ކުރާނެތީ ގްރޭޑު 1-12ގެ ދަރިވަރުންނަށް އަންނަނީ ސްކޫލުގައި ކިޔަވައިދެމުންނެވެ.

މިހާތަނަށް ސްކޫލެއްގެ ތެރޭގައި އެއްވެސް ގޮތަކަށް ބަލި ފެތުރިފައެއް ނުވެ އެވެ. އެކަމަކު ބައެއް ސްކޫލްތަކުގެ ވަކިވަކި ދަރިވަރުންނާއި ޓީޗަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.