Roadha Mihaaru
ދުވަސްވީ މީހުންނަށް މިއަދު ވެސް ވެކްސިން ޖަހައިދޭނެ

މިއަދު ވެސް ސޯޝަލް ސެންޓަރާއި ހުޅުމާލޭ ފްލޫ ކްލިނިކުން ކޮވިޑް ވެކްސިން ޖަހައިދޭނެ

05 ފެބުރުއަރީ 2021

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދިނުން މިއަދު ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދިނުން މިއަދު ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ނުވެ ތިބި 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން އިއްޔެ ފަށާފައި ވާއިރު މިއަދު ވެސް މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ. ވެކްސިން ޖަހަން ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހޭނެ އެވެ.

ވެކްސިން ޖަހައިދޭނީ ހުޅުމާލޭގައި ހުންނަ ފްލޫ ކްލިނިކާއި މާލޭގައި ސޯޝަލް ސެންޓަރުންނެވެ.

ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެފައި ނެތް ދުވަސްވީ މީހުން ވެކްސިން ސެންޓަރުތަކަށް ދިއުމުން ރަޖިސްޓްރީކޮށްދިނުމަށް ފަހު ވެކްސިން ދޭން ނިންމީ އަދިވެސް ރަޖިސްޓްރީ ނުކުރެވި ތިބި މީހުންނަށް ވެސް ފަސޭހަކޮށްދީ، ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ގޮތުންނެވެ.

ނަމަވެސް ޕޯޓަލްގައި ރަޖިސްޓްރީ ވާން އެޗްޕީއޭ އިން އަދިވެސް ބާރު އަޅަ އެވެ.

މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގެ އިތުރުން ހަ އަތޮޅެއްގައި ވެކްސިން ޖަހައިދޭން މިހާރު ވަނީ ފަށައިފަ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެގެ ނިޔަލަށް 3،204 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އިއްޔެ އެކަނިވެސް 1،625 މީހަކަށް ވެކްސިން ދިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.