Roadha Mihaaru
ކޮވިޑްވެކްސިން އިތުރު ތިން މަހަށް ބޭނުންކުރެވޭތޯ ބަލަނީ

ރާއްޖޭޭގައި ހުރި ކޮވިޑް ވެކްސިން އިތުރު ތިން މަސް ދުވަހަށް ބޭނުންކުރެވޭނެތޯ ބަލަނީ

20 އޮކްޓޯބަރ 2021

ކޮވިޑް-19 ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރު ކުރުމަށް ޑަބްލިއުއެޗްއޯ އިން ނިންމާފައިވާތީ، ރާއްޖޭގައި މިހާރު ހުރި ވެކްސިން، އެ ކްރައިޓީރިއާ އަށް ފެތޭތޯ ބެލުމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކޮވިޑް-19 ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރު ކުރުމަށް ޑަބްލިއުއެޗްއޯ އިން ނިންމާފައިވާތީ، ރާއްޖޭގައި މިހާރު ހުރި ވެކްސިން، އެ ކްރައިޓީރިއާ އަށް ފެތޭތޯ ބެލުމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ ކޮވިޑް ވެކްސިންގެ މުއްދަތަކީ ނުވަ މަސް ދުވަހެވެ. އެހެންވެ، މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ގެނައި ވެކްސިންގެ މުއްދަތު އަންނަ މަހަށް ހަވާނެ އެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ކޮވިޑް ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރު ކުރެވިދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ކޮވިޑް ވެކްސިން އަންނަ ނޮވެމްބަރުގެ ފަހުން ބޭނުންކުރަން އަދި ނިންމާފައި ނުވި ނަމަވެސް ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް އެ ވެކްސިން ފެތޭތޯ ބަލަމުން އަންނަ ކަމަށެވެ.

"ޑަބްލިއުއެޗްއޯ އިން މިހާރު ގައިޑެންސެއް ނެރެފައި އިނީ މުއްދަތު އިތުރު ކުރެވޭނެ ކަމަށް. އެ ހުރިހާ ގައިޑެންސް ތަކެއް ޗެކުކޮށްފައި މި ކޮޅުން ވާހަކަ ދައްކާނެ ކޮންފާމްކޮށް އިތުރު ކޮންފިއުޝަންތައް ހައްލު ކުރަން. އެ މަސައްކަތް މިހާރު ކުރަމުން ދަނީ" ތސްލީމާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކުރުމަށް އެންމެ ފަހު ގޮތް ނިންމައި ހުއްދަ ދޭނީ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ) އިންނެވެ.

ރާއްޖޭގެ 351،570 މީހުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، ބާކީ ތިބި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ކޮވިޑް ވެކްސިން އެބަހުރި ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ރާއްޖެ އިން މި ފަހުން ވަނީ ކޮވިޑް ވެކްސިންގެ ހަތަރު ލައްކަ ޑޯޒް ބަނގުލަދޭޝް އާއި ނޭޕާލަށް ވެސް ހަދިޔާކޮށްފަ އެވެ.