Roadha Mihaaru
މާފަރު ކޮވިޑް ލެބަށް އަލުން ހުއްދަ ދީފި

ޕީސީއާރު ޓެސްޓު ހަދަން މާފަރު ލެބަށް އަލުން ހުއްދަ ދީފި

07 ފެބުރުއަރީ 2021

ކޮވިޑް-19ގެ ވައިރަސް ދެނެގަތުމުގެ އެންމެ ސައްހަކަން ބޮޑު ޕީސީއާރު ޓެސްޓް ހެދުމުގެ ހުއްދަ މާފަރު ކޮވިޑް ލެބޯޓްރީ އަށް އަލުން ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ވައިރަސް ދެނެގަތުމުގެ އެންމެ ސައްހަކަން ބޮޑު ޕީސީއާރު ޓެސްޓް ހެދުމުގެ ހުއްދަ މާފަރު ކޮވިޑް ލެބޯޓްރީ އަށް އަލުން ދީފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވި ލެބަށް އަލުން ހުއްދަ ދިނީ ވަގުތީ ގޮތުން ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ފަހުންނެވެ. މި ލެބް ބަންދުކުރީ އެ ތަނުން ހެދި ޕީސީއާރު ޓެސްޓުތަކެއްގައި މައްސަލަ ހުރެގެން ގިނަ ބަޔަކަށް ކޮވިޑް ޖެހުމުން ކަމަށް ތުހުމަތު ކުރެ އެވެ. އެ ލެބުން ކޮވިޑަށް ޓެސްޓްކުރި ޕޮޒިޓިވް މީހުންގެ ވެސް ނަތީޖާ އައީ ނެގެޓިވްކޮށް ކަމުގެ ޝަކުވާ ބޮޑެވެ.

މާފަރު ލެބޯޓްރީން ޕީސީއާރު ޓެސްޓް ހަދައި ކޮވިޑަށް ނެގެޓިވްވާ ބައެއް މީހުން ރެޕިޑް އެންޓިޖެން ޓެސްޓް ހެދިއިރު ޕޮޒިޓިވްވެފައި ހުރި ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވެސް ވިދާޅުވި އެވެ.

އެކަމަކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނަނީ އެ ތަނުގެ ލައިސަންސް ހިފެހެއްޓީ މެނޭޖްމަންޓް ބަދަލުވި މަރުހަލާގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

މާފަރަށް ޕީސީއާރު މެޝިނެއް ހަދިޔާކުރެއްވީ، ސޮނޭވާ ރިސޯޓުގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އެވެ. އެ ލެބް ކުރިން ހިންގީ ހިލްސައިޑްވިލާ ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެންނެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) "މިހާރު" އަށް ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން (ކިއުއައިޑީ) އިން މާފަރު ލެބުގެ އެސެސްމަންޓްތަކެއް ހެދީ މެނޭޖްމަންޓް ބަދަލުވާތީ ކަމަށެވެ. އެ މުއްދަތުގައި ބެލިއިރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަކާއި އިތުރަށް ހޯދަން ޖެހޭ ވަސީލަތްތައް ހޯދައި ފުރިހަމަ ކުރަން އިރުޝާދު ދިން ކަމަށް ވިދާޅުވި އެވެ.

އެ ކަންތައް އެ ލެބުން މިހާރު ފުރިހަމަކޮށްފައިވާ ކަމަށާއި މިދިޔަ ހުކުރު ދުވަހު ޓީމަކުން ބެލުމަށް ފަހު، އަލުން ހުއްދަ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަން އެސެސްކޮށް ބަލާފައި އަލުން ހުއްދަ ދޫކޮށްފައި ވަނީ،" ތަހޭ ވިދާޅުވި އެވެ.

މާފަރު ލެބުގެ ޚިދުމަތް މެދުކަނޑާލިއިރު، އެ ތަނުގައި ސްޓޯކޮށްފައިވާ ސާމްޕަލްތަކެއް ގެނެސް އެޗުޕީއޭ އިން ވަނީ ޓެސްޓްކޮށްފަ އެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް އެވެ.

ކޮވިޑަށް ޓެސްޓްކުރާ ހުރިހާ ލެބެއް ވެސް ގަވާއިދާއި އުސޫލްތަކަށް ފެތޭތޯ ދޭތެރެއަކުން ބަލަ އެވެ. އެގޮތަށް ބެލުމުގެ ތެރޭގައި އިސްލާހު ކުރަން ކަމެއް ފެނިއްޖެ ނަމަ އަންގާ ކަމަށް ވެސް އެޗުޕީއޭ އިން ބުންޏެވެ.

މާފަރު ލެބުގައި ހެދި ޓެސްޓުތަކާ ގުޅޭ ގޮތުން ޝައްކުތަކެއް އުފެއްދުމުން އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެސް އޮތީ އެ ތަން ހިންގި ގޮތް ދިފާއުކޮށްފަ އެވެ. ހުރިހާ ޓެސްޓެއް ވެސް އެ ލެބޯޓްރީގައި ހަދާފައި ވަނީ ޓެސްޓު ކުރުމުގެ ހުރިހާ ކޮންޓްރޯލްތައް ބަރާބަރަށް ހިފަހައްޓައިގެން ކަމަށް އޭޑީކޭ އިން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ޕީސީއާރު ޓެސްޓުގެ ސައްހަކަން ބޮޑު ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ފޯލްސް ނެގެޓިވް ނުވަތަ ޕޮޒިޓިވް މީހަކު ނެގެޓިވް ކަމަށް ނަތީޖާ އިން ދެއްކުމުގެ ފުރުސަތު އޮވެ އެވެ. އެއީ ހުރިހާ ލެބެއްގައި ވެސް ހިނގާފާނެ ކަމެއް ކަން އޭޑީކޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވާ އިރު މާފަރު ލެބުގައި އެކަން ހިނގި ކަމެއް ސާފުކޮށް ބުނެފައެއް ނުވެ އެވެ.