Roadha Mihaaru
މި ރަށުގެ ހުރިހާ ތަނެއްގައި ދަނބުކުލަ

މި ރަށުގެ ހުރިހާ ތަނެއްގައި ދަނބުކުލަ

08 ފެބުރުއަރީ 2021

އިންސްޓަގްރާމަށް ލާން ތަފާތު ފޮޓޯއެއް ބޭނުން ނަމަ ދެކުނު ކޮރެއާގެ ޕާޕްލް އައިލެންޑަށް ވުރެ ތަފާތު ތަނެއް އޮންނާނެހެން ހިއެއް ނުވެ އެވެ. މިއީ ދަނބުލައިގެ އަވަށެކެވެ. އެތަނުގެ ވާހަތަކާއި ފޮޓޯތައް ބައެއް މީޑިއާތަކުން ގެނެސްދޭން ފެށި ފަހުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމަށް ލާން ތަފާތު ފޮޓޯއެއް ބޭނުން ނަމަ ދެކުނު ކޮރެއާގެ ޕާޕްލް އައިލެންޑަށް ވުރެ ތަފާތު ތަނެއް އޮންނާނެހެން ހިއެއް ނުވެ އެވެ. މިއީ ދަނބުލައިގެ އަވަށެކެވެ. އެތަނުގެ ވާހަތަކާއި ފޮޓޯތައް ބައެއް މީޑިއާތަކުން ގެނެސްދޭން ފެށި ފަހުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

މި ރަށަކީ ދެކުނު ކޮރެއާގެ މެދުތެރޭގެ އައްސޭރި ފަށުގައި އޮންނަ ބެންވޮލް އައިލެންޑެވެ. މި ރަށުގެ މަތިން ބަލާލައިފި ނަމަ ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނާނީ ދަނބުކުލައިގެ ލެވެންޑާ އާއި ދަނބުކުލައިގެ ހިތްގައިމު މަލެއް ކަމަށްވާ ނިއު އިންގްލެންޑް އެސްޓާޒްގެ ބަގީޗާތަކާއި ދަނބުކުލައިގެ ފުރާޅުތަކާއި ބްރިޖާއި އަދި ދަނބުކުލައިގެ އެކި ޝޭޑްތައް ހިމެނޭ އިމާރާތް ފަދަ ތަންތަނެވެ.

"ޕާޕްލް އައިލެންޑް" ގައި ހުރި 400 އެއްހާ އިމާރާތުގެ ފުރާޅުތައް ހުރީ ދަނބުކުލައިންނެވެ. އެ ކުލައިގައި ހުންނަ ފޯނު ބޫތަކީ ވެސް ހާއްސަ އެއްޗަކަށް ވަނީ ވެފަ އެވެ. އަދި ބެންވޮލް އާއި ބަކްޖީ އައިލެންޑާ ދެމެދު އަޅާފައި އޮންނަ ދަނބުކުލައިގެ ބްރިޖަކީ ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާ ރީތިކޮށް ފޮޓޯ ނަގަން އެންމެ ޗާލު އެއް ތަނެވެ.

އާބާދީގައި 150 އެއްހާ މީހުން ދިރިއުޅޭ ބެންވޮލް އާއި ބަކްޖީ މިހާރު ވެފައި ވަނީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނަކަށެވެ. އެތަނުގެ ކަމާބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން އާއި އޮގަސްޓް މަހާ ދޭތެރޭ "ޕާޕަލް އައިލެންޑް" އަށް ޒިޔާރަތްކުރި މީހުންގެ އަދަދު 100،000 އަރަ އެވެ.

ދެހާސް އަށާރައިގެ ފަހުން އެތަނަށް 490،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ތަފާތު ގޮތަކަށް މީހުންގެ ސަމާލުކަން ހޯދަން ފެށި ހާއްސަ މަސައްކަތެއްގެ ތެރެއިން "ދަ ޕާޕަލް އައިލެންޑް" ގެ މަސައްކަތް ފެށީ 2015 ގަ އެވެ. ބޭނުމަކަށްވީ އިގްސާދީ ގޮތުން ކުރިއެރުން ހޯދުމެވެ. ނަތީޖާ ފެންނަނީ ވަރަށް ރަނޅަށެވެ.

ދަނބުކުލައިގެ އަވަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭނެ ތަންތަން ހަދާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކުދިކުދި ގެސްޓް ހައުސްތަކާއި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން ހިމެނެ އެވެ. އަދި ތަންތަން ބަލާލަން ނުކުންނަން ބައިސްކަލު ކުއްޔަށް ހިފޭނެ އެވެ. އަދި މިއިން ކޮންމެ ކަމަކާ ގުޅުވާފައި އޮންނަނީ ދަނބުކުލަ އެވެ.

"ޕާޕްލް އައިލެންޑް" ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އިން ކާރުގައި ނުވަތަ ބަހެއްގައި ހަ ގަޑިއިރުން ދެވޭނެ އެވެ.