Roadha Mihaaru
"އަމާންކަން ގާއިމްކޮށެއް ނުދެވުނު، އިސްތިއުފާ ދެއްވާ"

އަމާންކަން ގާއިމްކޮށެއް ނުދެއްވުނު، އިސްތިއުފާ ދެއްވާ: މައުމޫން

06 އޯގަސްޓް 2017

ގުރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާތީ، ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގުރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާތީ، ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ރާވައިގެން ހިންގާ މާރާމާރީތައް ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދެނީ ސިޔާސީ ފަރާތްތައް ފަހައި ދުވެ، އެ މީހުންނަށް އަދަބު ދޭން ކަަމަށެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހަތް މާރާމާރީ ހިންގައި ދެ ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފިޔަވަޅު އަޅާފައި ނުވުމަކީ އަމާކަން ގާއިމް ކޮށްދިނުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަން ސާބިތު ކޮށްދޭ އަލިގަދަ ހެއްކެއް ކަަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މީހުން ހައްޔަރު ކުރަން އިންޓެލިޖެންސް ރިޕޯޓް ހޯދާ އިރު، މާރާމާރީތައް ހުއްޓުވަން ފުލުހުންނަށް އިންޓެލިޖެންސް ނުލިބޭ ކަމަށް ވިދާޅުވެ ވެސް މައުމޫން ފާޑުވިދާޅުވި އެވެ.

"ރައްޔިތުންނަށް ރައްކާތެރިކަން ގާއިމް ކޮށްދޭން ހަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުންތަކާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަ އެވެ،" މައުމޫން ވިދާޅުވި އެވެ.

"މިފަދަ އަމަލުތަކުގެ ސަބަބުން، ޒިންމާ ނަގަން ތިއްބެވި ފަރާތްތަކުގެ ގާބިލްކަމާ މެދު ސުވާލު އުފެދެ އެވެ."

ސަލާމަތީ ހިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކުރުމާއި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހުއްޓުވުމުގެ ބަދަލުގައި، މާރާމާރީތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމް ކޮށްދޭން އިސްކަން ދިނުމަށް މައުމޫން ގޮވައިލެއްވި އެވެ. އެކަން ނުހުއްޓުވޭ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެކަމުގެ ޒިންމާ ނެންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.