Roadha Mihaaru
އެންމެ ބޮޑު ސޮވެރިން ގެރެންޓީއެއް ކަރެންސީ ސްވޮޕަށް

ސަރުކާރުން އެންމެ ބޮޑު ސޮވެރިން ގެރެންޓީއެއް ދިނީ ކަރެންސީ ސްވޮޕަށް

09 ފެބުރުއަރީ 2021

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ނެގި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ ސަރުކާރުން ގެރެންޓީދީގެން ކަން ހާމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ނެގި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ ސަރުކާރުން ގެރެންޓީދީގެން ކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަދަދަށް ކަރެންސީ ސްވޮޕް ނަގާފައިވަނީ ޖުލައި 2019 ގަ އެވެ. އެމްއެމްއޭ އިން ބުނީ އާންމު ގޮތެއްގައި ވެސް އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ކަރެންސީ ސްވޮޕްތަކަށް ސަރުކާރުން ގެރެންޓީ ދޭ ކަމަށެވެ. އެއީ ރިޒާވް ބޭންކުން އެގްރީމެންޓް ހަދާފައި އޮންނަ ގޮތުން ޝަރުތުކުރާ ކަމެކެވެ.

އެމްއެމްއޭ އިން މިދިޔަ ޑިސެމްބަރު މަހު ވެސް ރިޒާވް ބޭންކުން 250 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނަގާފައިވެ އެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާނީ އިންޑިޔާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އެގޮތުން 400 މިލިއަން ޑޮލަރު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ނަމަ އެއާ އެއްވަރަށް ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓަން ޖެހޭނެ އެވެ. މި ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވެގެންދާނެ އެވެ. ކަރެންސީ ސްވޮޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.

މީގެ ކުރިން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުރި ނަމަވެސް މި ސަރުކާރުން ވަނީ އިންޑިއާގެ މަރުކަޒީ ބޭންކުން 400 މިލިއަން ޑޮލަރު ކަރެންސީ ސްވޮޕްގެ ގޮތުގައި ނެގޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ސަރުކާރުން މިހާތަނަށް ގެރެންޓީ ދިން ލޯނުގެ އަދަދު 6.6 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ކަރެންސީ ސްވޮޕްގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނާއި އެސްޓީއޯއިން ނެގި ލޯނަކަށް ވެސް ގެރެންޓީދީފައިވެ އެވެ. އެއީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ)ގެ ލޯނާއި އެސްޓީއޯއިން 2019 ވަނަ އަހަރު ތެޔޮ ގަތުމަށް ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލޯނެވެ.

ކުރީ ސަރުކާރުން ގެރެންޓީ ދީގެން ނެގި ލޯނުގެ އަދަދު އުޅެނީ 7.4 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ގެރެންޓީ ދިނީ އެޗްޑީސީން ނަގާފައިވާ ލޯނުތަކަށެވެ.