Roadha Mihaaru
ނިހާން ފުރުން މަނާ: ވިދާޅުވީ ބަލިވިޔަސް ނުދާނަމޭ!

މައްސަލަ ނިމެންދެން ނިހާން ފުރުން މަނާ: އޭނާ ވިދާޅުވަނީ ބަލިވިޔަސް ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް

11 ފެބުރުއަރީ 2021

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް، މައްސަލަ ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް، މައްސަލަ ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

ޕީޕީއެމްގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތުގެ ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ. އެ ދައުވާތައް ކުރަނީ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި އަގުހުރި ރޮލެކްސް ގަޑިއެއް ހޯއްދަވާފައިވާ ކަމަށް ބުނެ އެވެ. އޭނާ ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ވެސް ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ.

އެ މައްސަލާގެ ޝަރީއަތް ފަށައި، މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު މިއަދު ހަމަވާތީ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރެއް ނެރެދޭން އެދޭ ކަމަށެވެ.

ނިހާން ވިދާޅުވީ ތަހުގީގު މަރުހަލާއިން ފެށިގެން ވެސް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށެވެ. އަދި އޭނާގެ ޕާސްޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބެލުމުގެ ދަށުގައި ބޭއްވިޔަސް، މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، އޭނާ އެދިވަޑައިގަތީ ދައުލަތުން އެދޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށެވެ.

"ރާއްޖެއިން ބޭރަށް ފުރުމުގެ ވިސްނުމެއް ނެތް މިދިޔަ އަހަރުން ފެށިގެން ވެސް. އެ ބޭފުޅުން ހިފަހައްޓަން ބޭނުންވާ މުއްދަތަކަށް ހިފަހައްޓަން އަމުރު ނެރެ ދެއްވާ. އަޅުގަނޑު ބަލި ވިޔަސް، ފުރަން ނޭދޭނަން އިނގޭތޯ އިރާދަކުރެއްވިއްޔާ،" އަމިއްލައަށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވި އެވެ.

ނިހާންގެ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީންޝޮޓެއް

ނިހާންގެ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީންޝޮޓެއް

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލަ އަވަހަށް ނިންމުމަށްޓަކައި ދައުލަތުން އެދޭ ފަދައިން މައްސަލަ ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރުއްވީ ކަމަށެވެ.

ދައުވާއާ ގުޅިގެން ނިހާން ވިދާޅުވީ ދައުވާއާ ގުޅޭ ލިޔުންތައް ލިބިވަޑައިގެންފައިވާ ކަމަށާއި އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. ވަކީލަކު ހޯދަން މިދުވަސްވަރު އެހާ ފަސޭހަ ނުވެދާނެ ކަމަށާއި އެހެންވެ، 15 ވަރަކަށް ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތެވެ.

ގާޒީ ވިދާޅުވީ ގާނޫނު އޮތްގޮތުން މިވަގުތު ދެވޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގައި ހަމަނުޖެހުނީ މަގްބޫލު ސަބަބެއް އޮވެގެން ކަމަށްވާ ނަމަ، އިތުރު ފުރުސަތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.