Roadha Mihaaru
އަލީ ފުރުވާލީ ޖިންސީގޯނާ ސީރިއަސްކޮށް ނުނަގާތީ:އިދިކޮޅު

އަލީ ވަހީދު ފުރުވައިލީ ޖިންސީ ގޯނާގެ މައްސަލަތައް ސަރުކާރުން ސީރިއަސްކޮށް ނުނަގާތީ: އިދިކޮޅު

11 ފެބުރުއަރީ 2021

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލުމަކީ މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދޭން ސަރުކާރުގެ ސީރިއަސްކަމެއް ނެތް ކަން ހާމަވާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލުމަކީ މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދޭން ސަރުކާރުގެ ސީރިއަސްކަމެއް ނެތް ކަން ހާމަވާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޕީޕީއެމާއި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި، ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ރޭޕާއި ކޮރަޕްޝަން ފަދަ ކުށްތަކަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނާ ސިޔާސަތު ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. ރައްޔިތުންނަށް ފެންނަން އޮތް އެ ސިޔާސަތަކީ ބޮޑެތި ކުށުގައި ތުހުމަތު ކުރެވޭ އަލީ ވަހީދު ފަދަ ސަރުކާރުގެ އިސް ވެރިންނާ އަރިސް ބޭފުޅުން އިންސާފަށް ފިލުވުން ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

އަލީ ވަހީދު ބޭރަށް ފުރުވައިލީ ސަރުކާރުން ބުނެފައިވާ ގޮތަށް "ކުރިމަގު އުޖާލާކުރަން" ކަމުގެ ތުހުމަތު ކުރައްވައި ހީނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލައިގައި އިންސާފަށް އެދި ތިބި ޓޫރިޒަމް މިނިސްޓްރީގެ 13 މުވައްޒަފުންނަށް ބޭއިންސާފުވުން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން މި ބުނަނީ އަލީ ވަހީދު ފުރައިގެން ދިޔަ ޚަބަރު މި ފެނުނީ ނޫސްތަކުންނޭ ނުވަތަ ޓީވީތަކުންނޭ. މިކަން ގަބޫލުކުރެއްވޭތޯ، ނުކުރެއްވޭ ނޫންތޯ. ރައީސް ސޯލިހް ވިދާޅުވެފައި އެބައޮތް އަލީ ވަހީދަކީ ސިޔާސީ ކުރި މަގު އޮތް ބޭފުޅެކޭ އެހެންވީމާ އެ މަނިކުފާނު ބޭނުން ގޮތަކަށް ސިޔާސީ ކުރިމަގު ބައްޓަންކުރަން އަޅުގަނޑުމެން އެންމެން ވެސް ފުރުސަތު އެބަދޭން ޖެހެއޭ،" ހީނާ ވިދާޅުވި އެވެ.

"އެހެންވީމާ މިކަމުގައި ރައީސް ސޯލިހް އިސްތިސްނާވާނެ ހަމަ އެއްވެސް ގޮތެއް ނެތް."

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ. ކުރިމަތިވެފައި ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާވެދާނެ ބައްޔެއް ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވިޔަސް އެދުނީ ޓްރެވަލް ޑޮކިއުމެންޓައި ފުރުވަން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ދިފާއުކުރަމުން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. މިއީ، ޒިންމާވާނެ ފަރާތެއް ހުށަހަޅައި، މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ މީހަކު ބޭސްފަރުވާ އަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ދޫކޮށްލި ގޮތުގެ މައްސަލަތަކާ އެކު ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ހިނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުންނަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމަށް ތުހުމަތު ކުރެވި އޭނާ މައްސަލަ ފެންމަތިވެފައި ވިޔަސް އެކަށީގެންވާ ފިޔަވަޅެއް ނާޅާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އެކަން ސާފުވަނީ މިހާތަނަށް މިފަދަ މައްސަލަތަކުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެއްވުނު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލް ވެސް ރައީސް އޮފީހުގައި ވަރަށް ފަހަކާ ޖެހެންދެން މަގާމުގައި ހުންނެވި ކަމުގެ ފާޑުވިދާޅުވި އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލައިގައި ވެސް ފިޔަވަޅު ނާޅާ ކަމުގެ ކަންބޮޑުވުން ހީނާ ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާފު ހޯދުމަށް ސަރުކާރަށް އަޑުއިއްވަން އޮތީ މަގުމައްޗެވެ.