Roadha Mihaaru
ކުއާޓާގައި ޔުނައިޓެޑާއި ލެސްޓާގެ ކުރިމަތިލުމެއް

ކުއާޓާގައި ޔުނައިޓެޑާއި ލެސްޓާގެ ކުރިމަތިލުމެއް

12 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާ ފައިނަލު މެޗުތަކުގެ ގުރުއަތުލުން ރޭ ކުރިއަށްގެންދިޔައިރު، ޔުނައިޓެޑް ކުއާޓާ ފައިނަލުގައި ކުޅޭ މެޗު އޮންނާނީ ލެސްޓާ ސިޓީ ދަނޑުގަ އެވެ. ޔުނައިޓެޑް އެފްއޭ ކަޕްގެ އެންމެ ފަހުން ދެ ބުރުގައި ވެސް ކުޅުނީ އަމިއްލަ ދަނޑުގަ އެވެ. އެ ދެ މެޗުން ވަނީ ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުން ބަލިވި މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލުގައި ކުޅޭނީ ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށެވެ. ބޯންމައުތު ކުޅޭނީ ސައުތެމްޓަންއާ އެވެ. އަދި ކުއާޓާގެ ޖާގަ އެންމެ ފަހުން ޔަގީންކުރި ޗެލްސީ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ އެވެ.

ބޯންމައުތު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުން ކުޅުނީ މީގެ 64 އަހަރު ކުރިންނެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެން ނިންމާފައިވަނީ އަންނަ މަހު 20 އަދި 21 ގަ އެވެ.

ޗެލްސީން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ރޭ ރަށުންބޭރުގައި ބާންސްލީ އަތުން 1-0 އިން މޮޅުވެގެންނެވެ. ދެ ވަނަ ޑިވިޝަނުގައި 13 ވަނައިގައި އޮތް ބާންސްލީން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ވެސް ފޮނުވާލީ ބާންސްލީ އިންނެވެ. ކަލުމް ބްރިޓަން ޖެހި ޝޮޓް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު ޖެހީ މި މުބާރާތުގައި ގޯލު ޖެހުމުގެ ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން އަންނަ ޓެމީ އަބްރަހަމް އެވެ.

ސައުތެމްޓަން އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ރޭ ވުލްވްސްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ވުލްވްސް ދަނޑުގައި ކުޅުނު މެޗުގައި ސައުތެމްޓަންގެ ގޯލުތައް ޖެހީ ޑެނީ އިންގްސް އާއި ސްޓުއާޓް އާމްސްޓްރޯންގް އެވެ.