Roadha Mihaaru
ނާސާ ހެޑްކުއާޓަރުގެ ނަން ކަޅު ނަސްލުގެ އަންހެނަކަށް

ނާސާ ހެޑްކުއާޓަރުގެ ނަން ކަޅު ނަސްލުގެ އަންހެނަކަށް ނިސްބަތްކުރަން ނިންމައިފި

26 ޖޫން 2020

އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ނާސާގެ ހެޑްކްއާޓަރުގެ ނަން އެމެރިކާގެ ކަޅު ނަސްލު މީހަކަށް ނިސްބަތްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ނާސާގެ ހެޑްކްއާޓަރުގެ ނަން އެމެރިކާގެ ކަޅު ނަސްލު މީހަކަށް ނިސްބަތްކުރާ ގޮތަށް ނިންމައިފި އެވެ.

މިކަން އިއުލާންކުރަމުން ނާސާ އިން ބުނި ގޮތުގައި ހެޑްކުއާޓަރުގެ އާ ނަމަކީ ނާސާގައި އެންމެ ފުރަތަމަ މަސައްކަތްކުރި އެފްރިކާ ދަރިކޮޅު އަންހެން އިންޖިނިއަރު މޭރީ ޖެކްސަނެވެ. އޭނާ އަކީ ނާސާއާ 1951 ގައި ގުޅުނު މީހެކެވެ. އެއީ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީ ފޮ އެއޮރޮނޯޓިކްސްގެ ފަރާތުންނެވެ. އެއަށް ފަހު ރަސްމީކޮށް މޭރީ ނާސާގައި މަސައްކަތްކުރަން ފެށީ 1958 ގަ އެވެ.

އޭނާ ވަނީ 2005 ގައި މަރުވެފަ އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެންސްޓައިން ވިދާޅުވި ގޮތުގައި މޭރީގެ ނަން ނާސާގެ ހެޑްކްއާޓަރަށް ދިނުމަކީ ނާސާގައި މަސައްކަތްކުރި އަންހެނުންގެ ޝަރަފުވެރިކަމާއި ވަކިން ހާއްސަކޮށް ކަޅު ނަސްލުގެ މީހުންގެ އަގުވަޒަންކޮށްދޭނެ ކަމެކެވެ.

"މޭރީ އަކީ އަންހެން އެސްޓްރޮނޯޓުން ބިނާކުރުމާއި އެ މީހުން ޖައްވަށް ފޮނުވަން ކުރި މަސައްކަތުގައި ވެސް ވަރަށް މުހިއްމު ރޯލެއް ނާސާގައި އަދާކުރި އަންހެނެއް،" ޖިމް ވިދާޅުވި އެވެ.

އޭނާގެ ނަން ނާސާގެ ހެޑްކްއާޓަރަށް ދޭން ނިންމީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ފުލުހުންގެ އަނިޔާގައި ޖޯޖް ފްލޯއިޑް ކިޔާ ކަޅު ނަސްލުގެ މީހަކު މަރުވުމާ ގުޅިގެން، ކަޅު ނަސްލުގެ ދިފާއުގައި އުފުލާ އަޑުތައް އިތުރުވެފައި ވަނިކޮށެވެ.

ކިޔަވައިގެން ތިބި ކަޅު ނަސްލުގެ އަންހެނުން ނާސާ އަށް "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުގައި ވައްދަން ފެށީ 1940 ގެ އަހަރުތަކުގަ އެވެ. އެކަމަކު އޭރު އެ މީހުންނާ ދޭތެރޭ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޮތުންނާއި ނަސްލީ ގޮތުން ވަރަށް ބޮޑެތި ތަފާތުކުރުންތައް ގެންގުޅެފައިވެ އެވެ.

އެމެރިކާގެ ވާޖިނިއާ އަށް އުފަން މޭރީވެގެން ގޮސްފައި ވަނީ ނާސާގައި މަސައްކަތްކުރި އަންހެނުންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވުނު ޝަހުސިއްހަތަކަށެވެ. އަދި އޭނާގެ ވާހަކަ 2016 ގައި ނެރުނު ފިލްމު "ހިޑެން ފިގާޒް" ގައި ވެސް ކިޔައި ދީފައިވެ އެވެ.

ނާސާގައި އޭނާ ކުރި މަސައްކަތުގެ އަގުވަޒަންކޮށް މިދިޔަ އަހަރު ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ދޭ ކޮންގްރެޝަނަލް ގޯލްޑް މެޑަލް ވެސް ދީފަ އެވެ.

ނާސާގެ ހެޑްކުއާޓަރަށް މޭރީ ނަން ދޭން ނިިންމުމާ ގުޅިގެން އޭނާގެ އަންހެން ދަރިފުޅު ކެރޮލިން ލުވިސް ބުނީ މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ނާސާ އިން މަންމަގެ އަގު ތާއަބަދަށް ވަޒަންކުރަން ނިންމުމަކީ އަންހެނުން ބާރުވެރިކުރުމަށް މޭރީ ކުރި މަސައްކަތަށް ލިބޭނެ އެންމެ ބޮޑު އިނާމު ކަމަށް ބުންޏެވެ.

"އެއީ އެތައް އަންހެނުންކަށް އެތައް ފުރުސަތެއް ހޯދައި ދިނުމުގައި ނަމޫނާ ދެއްކި އަންހެނެއް." ކެރޮލިން ބުންޏެވެ.