Roadha Mihaaru
އާމިރުގެ "ޕީކޭ" ގެ ސީކްއެލް ރަންބީރާ އެކު ހަދާނެ

އާމިރު ކުޅުނު "ޕީކޭ" ގެ ސީކްއެލްއެއް ރަންބީރާ އެކު ހަދާނަން: ޕްރޮޑިއުސަރު

22 ފެބުރުއަރީ 2021

އާމިރު ޚާން އޭލިއަނެއްގެ ރޯލު ކުޅުނު ކާމިޔާބު ފިލްމު "ޕީކޭ" ގެ ނިމުން ގެނެސްދީފައި އޮތް ގޮތުން އޭގެ ސީކްއެލްއެއް ގެނެސްދޭނެ ކަމަށް ކުރިން ވެސް ބެލެވިފައި ވަނިކޮށް، އެކަން ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްރާ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރު ޚާން އޭލިއަނެއްގެ ރޯލު ކުޅުނު ކާމިޔާބު ފިލްމު "ޕީކޭ" ގެ ނިމުން ގެނެސްދީފައި އޮތް ގޮތުން އޭގެ ސީކްއެލްއެއް ގެނެސްދޭނެ ކަމަށް ކުރިން ވެސް ބެލެވިފައި ވަނިކޮށް، އެކަން ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްރާ ކަށަވަރުކޮށް ދީފި އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް 2014 ގައި ގެނެސްދިން "ޕީކޭ" ނިންމާލާފައި އޮތީ އާމިރު އަލުން އެނބުރި އޭނާގެ އަސްލު ދުނިޔެ އަށް ދަތުރު ފަށާ އިރު ރަންބީރް އޭލިއަނެއްގެ ގޮތުގައި ދުނިޔެ އަށް އަންނަ ހިސާބުންނެވެ. އެހެންވެ ކުރިން ވެސް މި ފިލްމުގެ އިތުރު ބައެއް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެންނެވެ.

"ޕީކޭ" ގެ ސީކްއެލްއާ ބެހޭ ގޮތުން ވިދޫ މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ސީކްއެލް ހަދަން ނިންމާފައި އޮތަސް އޭގެ ސްކްރިޕްޓް އަދި އޮތީ ފެށުމުގެ މަރުހަލާގައި ކަމަށެވެ. އެ ފިލްމު ލިޔުނީ ހިރާނީ އާއި އަބިޖާތު ޖޯޝީ އެވެ.

"އަބިޖާތު ސްކްރީންޕްލޭ ގެނެސްދޭ ހިސާބުން އަހަރެމެން ފިލްމުގެ މަސައްކަތް ފަށާނަން." ވިދޫ ބުންޏެވެ.

އޭނާ ބުނީ "ޕީކޭ" ގެ ދެވަނަ ބައެއް ހަދަން ބޭނުން ވަނީ ހަމައެކަނި ފައިސާ އަށް ފިލްމު ހެދުމުގެ ނިޔަތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ކޮންޓެންޓްގެ ގޮތުން ވަރުގަދަ، ޝައުގުވެރި ވާހަކަތަކެއް ސިނަމާތަކުގައި ކިޔައިދިނުން ކަމަށް ބުންޏެވެ.

"އެކަން އެގޮތަށް އަހަރެމެން ކުރަން ބޭނުންވި ނަމަ މުންނާބާއީ ސީރީޒްގެ ހައެއްކަ ފިލްމު ވެސް ގެނެސްދީފައި މިހާރު އޮންނާނީ،" ސަންޖޭ ދަތާއި އަރުޝަދު ވަރްސީ މައިގަނޑު ރޯލުތަކުން ފެންނަ ކާމިޔާބު ފިލްމު ސީރީޒްއާ ބެހޭ ގޮތުން ވިދޫ ބުންޏެވެ. "އަހަރެމެންގެ ބޭނުމަކީ ފައިސާ އަށް ފިލްމު ހެދުމުގެ ބަދަލުގައި ފައިސާ ހޭދަކޮށްގެން ސިނަމާ ބިނާކުރުން."

އާމިރާ އެކު އަނުޝްކާ ޝަރުމާ ބަތަލާގެ ރޯލު ކުޅުނު "ޕީކޭ" އަކީ ބޮކްސް އޮފީހުގައި 854 ކްރޯޑް ރުޕީސް (117.70 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހެދީ 85 ކްރޯޑް ރުޕީސް (11.72 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ޕީކޭ" ގެ ސީކްއެލްއެއް ގެނެސްދޭނެކަން ޕްރޮޑިއުސަރު ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ ގޮތުން ޑައިރެކްޓަރު ހިރާނީ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާ މި ވަގުތު އަންނަނީ ޝާހްރުކް ޚާނާ އެކު ފިލްމެއް ހެދުމުގެ ތައްޔާރީތައް ވަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ހިރާނީ އާއި ވިދޫއާ ދެމެދު މިހާރަކު މާ ބޮޑު ގުޅުމެއް ނެތެވެ. ސަބަބަކީ 2019 ގެ ތެރޭގައި ހިރާނީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމެވެ. "މުންނާބާއީ" ގެ ފިލްމުތަކުގެ އިތުރުން "3 އިޑިއަޓްސް" ގެނެސްދިން ޑައިރެކްޓަރަށް ޖިންސީ ގޯނާގެ ތުހުމަތުކުރީ އޭނާ އެންމެ ފަހުން ގެނެސްދިން 2018 ގެ ފިލްމު "ސަންޖޫ" ގައި މަސައްކަތްކުރި އަންހެން މުވައްޒަފެކެވެ.

ނަމަވެސް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ހިރާނީގެ މައްޗަށް ކުރާ ތުހުމަތު ގަބޫލެއް ނުކުރެ އެވެ. އަދި އޭނާ އަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށާއި ހިރާނީ އަކީ ވަރަށް އަހުލާގު ރަނގަޅު އަދި އޭނާއާ އެކު މަސައްކަތްކުރާ މީހުންނަށް އަބަދު ވެސް ވަރަށް އިހުތިރާމުކުރާ މީހެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ހިރާނީ މިހާތަނަށް ހެދި ހުރިހާ ފިލްމުތަކެއްގެ ޕްރޮޑިއުސަރަކީ ވިދޫ އެވެ. އެކަމަކު ޝާހްރުކާ އެކު އޭނާ ހަދާ ފިލްމަކީ ވިދޫގެ ހިއްސާނެ ނެތި ހަދާނެ ފިލްމެވެ.

ވިދޫ އާއި ހިރާނީގެ ގުޅުން ހީނަރުވެފައިވާ އިރު "މުންނާބާއީ" ސީރީޒްގެ ތިން ވަނަ ފިލްމަކީ ވެސް މަސައްކަތް ފެށޭނެ އިރެއް ނޭނގި އޮތް ފިލްމެކެވެ.