Roadha Mihaaru
ކަރީނާ އަށް ތްރީ އިޑިއަޓްސް ލިބުނީ ކާޖޮލް ދޫކޮށްލުމުން

ކަރީނާ އަށް "ތްރީ އިޑިއަޓްސް" ލިބުނީ ކާޖޮލް ދޫކޮށްލުމުން

26 މެއި 2020

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މީގެ 11 އަހަރު ކުރިން ގެނެސްދިން ފިލްމު "3 އިޑިއަޓްސް" ގެ ބަތަލާގެ ރޯލް ކުރިން ލިބުނީ ކާޖޮލް އަށް ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މީގެ 11 އަހަރު ކުރިން ގެނެސްދިން ފިލްމު "3 އިޑިއަޓްސް" ގެ ބަތަލާގެ ރޯލް ކުރިން ލިބުނީ ކާޖޮލް އަށް ކަމަށް އޭނާ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، އަޖޭ ދޭވްގަންގެ އަންހެނުން ބުނީ އޭނާ ފިލްމު ގަބޫލުނުކުރީ ސްކްރިޕްޓް ކިޔާލި އިރު، ފިލްމުގައި ބަތަލާގެ ރޯލުގައި އެއްވެސް ހާއްސަކަމެއް ނެތުމުން ކަމަށެވެ. އެހެންވެ އެ ފިލްމު ދޫކޮށްލުމަކީ ކުރަން އެހާ އުނދަގޫވި ކަމެއް ނޫން ކަމަށް ކާޖޮލް ބުންޏެވެ.

"ރާޖޫ އަހަންނަށް ސްކްރިޕްޓް ދިނީމަ ކިޔާލާފައި އަހަރެން ބުނިން ދޭށޭ ފިލްމުގެ އެންމެ މުހިއްމި ތިން ކެރެކްޓާގެ ތެރެއިން އެއް ރޯލް. އަހަރެން އެހެން ބުނީމަ ރާޖޫ ހީކުރީ އަހަރެން ސަމާސާކުރަނީ ކަމަށް. އެކަމަކު ވަރަށް ސީރިއަސްކޮށް އަހަރެން އެހެން ބުނީ،" އޭނާ ބުންޏެވެ. "ފިލްމުގެ މައިގަނޑު ކެރެކްޓާތަކަކީ އާމިރާ އެކު އުޅޭ އަނެއް ދެ ކެރެކްޓާ. އޭގެ ތެރެއިން އެކެއްގެ ރޯލް އަހަރެން ބޭނުންވީ."

"3 އިޑިއަޓްސް" އަކީ ކޮލެޖްގައި އެކީގައި އުޅުނު ތިން ޒުވާނެއްގެ ވާހަކަ ކިޔައިދިން ކޮމެޑީ-ޑްރާމާއެކެވެ. އޭގެ މައިގަނޑު ރޯލްތައް ކުޅުނީ އާމިރާއި ޝަރުމަން ޖޯޝީގެ އިތުރުން އާރް މަދަވަން އެވެ. އަދި ފިލްމުގައި ކަރީނާ ކުޅުނީ އާމިރުގެ ލޯބިވެރިޔާގެ ރޯލެވެ.

އަދި އެ ރޯލަކީ ފިލްމުގެ މުޅި ވާހަކަ އަށް ބަލާ އިރު ވަރަށް ކުރު އަދި ކާޖޮލް ވެސް ފާހަގަކުރި ގޮތަށް މާ ހާއްސަ ކަމެއް ނެތް ރޯލެކެވެ.

ކާޖޮލް "3 އިޑިޓްސް" ދޫކޮށްލި އިރު އޭނާ އާއި އާމިރު މިހާތަނަށް އެކީގައި މަސައްކަތްކުރީ އެންމެ ދެ ފިލްމެއްގަ އެވެ. އެއީ 1997 ގެ "އިޝްގް" އާއި 2003 ގެ "ފަނާ" ގަ އެވެ.

ކޮންމެއަކަސް ކާޖޮލް "3 އިޑިއަޓްސް" އަށް އެއްބަސްނުވުން ވެގެން ދިޔައީ އާމިރާއި ކަރީނާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނަން ލިބުނު ފުރަތަމަ ފިލްމަށެވެ. އަދި ކަރީނާ ދެއްކި އެކްޓިން އަށް ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓް ވެސް ވި އެވެ.

"3 އިޑިޓްސް" ގެ އިތުރުން ކަރީނާ އާއި އާމިރު ދެން އެކީގައި ކުޅުނު ފިލްމަކީ 2012 ގެ "ތަލާޝް" އެވެ. އަދި މިހާރު ވެސް އެ ދެ ތަރިން އެކީގައި ކުޅޭ ފިލްމެއް އެބައޮތެވެ. އެއީ ޑިސެމްބަރު މަހު ގެނެސްދޭން އަމާޒު ހިފާފައި އޮތް "ލާލު ސިންގް ޗައްޑާ" އެވެ. އެކަމަކު ކޮރޯނާވައިރަހާ އެކު އިންޑިއާގައި ލޮކްޑައުން އިއުލާންކޮށްފައިވާތީ ފިލްމުގެ ޝޫޓިން ހުއްޓުމުން، އެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ނަމަވެސް އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ހިރާނީއާ އެކު މަސަސައްކަތްކުރަން ލިބުނު ފުރުސަތު ކާޖޮލް ދޫކޮށްލި އިރު، ޝާހްރުކް ޚާނާ އެކު ހިރާނީ ހަދަން އުޅޭ ކަމަށް ބުނާ ފިލްމުގެ ބަތަލާއަކަށް ވާނީ ކާޖޮލް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުރިން އަޑުއަރާފައިވާ ގޮތުން އެ ފިލްމުގެ ބަތަލާގެ ރޯލް ކަރީނާ އަށް ވެސް ހުށަހަޅާފައިވެ އެވެ.