Roadha Mihaaru
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް

ރައްޔިތުންގެ ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް

10 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 10) - އެެމެރިކާގައި އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ރައްޔިތުން ވޯޓުދީފައި ވަނީ ހިލަރީ ކްލިންޓަނަށެވެ. އެކަމަކު އިންތިޚާބު ކާމިޔާބުކޮށް ރައީސްކަން ހޯއްދެވީ ޑޮނަލްޑް ޓްރަމްޕެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 10) - އެެމެރިކާގައި އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ގިނަ ރައްޔިތުން ވޯޓުދީފައި ވަނީ ހިލަރީ ކްލިންޓަނަށެވެ. އެކަމަކު އިންތިޚާބު ކާމިޔާބުކޮށް ރައީސްކަން ހޯއްދެވީ ޑޮނަލްޑް ޓްރަމްޕެވެ.

ވޯޓުލީ މީހުންގެ 47.7 ޕަސެންޓް ނުވަތަ 59،689،819 ވޯޓު ލިބިވަޑައިގެންނެވީ ހިލަރީ އަށެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.5 ޕަސެންޓް ނުވަތަ 59،489،637 ވޯޓެވެ. ޓްރަމްޕަށް ވެރިކަމަށް ވަޑައިގެންނެވުނީ އެމެރިކާގެ ނިޒާމް އޮންނަ ގޮތުން އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 228 އިލެކްޓޯރަލް ވޯޓެވެ.

މިފަދަ ގޮތެއް ވަނީ 2000 ވަނަ އަހަރު ވެސް ދިމާވެފަ އެވެ. ރައްޔިތުންގެ ގިނަ މީހުން އެ ފަހަރު ވޯޓު ދިނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އަށެވެ. އެކަމަކު މައްސަލަ ޖެހުނު ފްލޮރިޑާގެ ވޯޓު އަލުން ގުނާ އެ ސްޓޭޓުގެ އިލެކްޓޯރަލް ވޯޓު ލިބުމާ އެކު ވެރިކަމަށް ވަޑައިގެންނެވީ ޖޯޖް ޑަބްލިއު. ބުޝް އެވެ. އަލް ގޯ އެ ފަހަރު ވަނީ ރައްޔިތުންގެ ވޯޓުގެ 48.4 ޕަސެންޓް ހޯއްދަވައިފަ އެވެ. ބުޝް އަށް ލިބިވަޑައިގެންނެވީ 47.9 ޕަސެންޓް ވޯޓެވެ.

އެމެރިކާގައި މިހާރު އޮންނަ ނިޒާމަކީ އެ ގައުމުގެ ބައެއް މީހުން ވެސް ހިތްހަމަ ޖެހޭ ނިޒާމެއް ނޫނެވެ. ކޮލަމްބިއާ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައެންސް ޕްރޮފެސާ ރޮބާޓް ޝަޕިރޯ ވިދާޅުވީ ގިނަ މީހުންނަށް އޮޅުންގަނޑެއްގެ ތެރޭގައި އޮންނަ ނިޒާމް އުވާލުމަށް ގޮވާލާ އަޑުތައް އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޓޯރަލް ކޮލެޖް ވޯޓު އުވާލުމަށް އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ. މިއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަނެއް ބަޔަކު ބުނަނީ ރައްޔިތުންގެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ވެރިކަން ނުލިބުމުން އާއްމުވާ ނަމަ އެމެރިކާގައި އޮތް ޑިމޮކްރެޓިކް ނިޒާމާ މެދު މީހުން ސުވާލު އުފައްދާނެ ކަމަށެވެ. ޑިމޮކްރެސީގެ އަސާސަކީ އެކަކަށް އެއް ވޯޓް ނަމަވެސް އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ ސީދާ ވޯޓުން ވެރި މީހާ އިންތިޚާބެއް ނުކުރެވެ އެވެ. ރައްޔިތުން ވޯޓުލާ އިރު ވޯޓު ކަރުދާހުގައި ނަން ނެތް ނަމަވެސް ކޮންމެ ސްޓޭޓަކުން ވެސް "އިލެކްޓާސް" ހޮވާނެ އެވެ. ސްޓޭޓުގެ ޕޮޕިއުލާ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ކޮލެޖް ވޯޓު ވެސް ލިބޭނެ އެވެ. ސްޓޭޓްތަކުގެ އިލެކްޓާސް ބިނާވެފައި ވަނީ ކޮންގްރެސްގައި މެންބަރުން ހިމެނޭ އަދަދަށެވެ. މިސާލަކަށް ދެ ވަނަ އަށް އެންމެ ބައިބޯ ޓެކްސަސްގައި 38 އިލެކްޓޯރަލް ވޯޓް ހިމެނެ އެވެ. އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. ޓެކްސަސްގެ ވޯޓު 53-43 ޕަސެންޓުން ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ.