Roadha Mihaaru
ސުއަރޭޒާ މެދު ޗެލްސީން ސަމާލުވާންޖެހޭނެ: ޓުޗެލް

ސުއަރޭޒާ މެދު ޗެލްސީން ސަމާލުވާންޖެހޭނެ: ޓުޗެލް

23 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 23) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒާ މެދު ސަމާލުވާންޖެހޭނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލަންޑަން (ފެބްރުއަރީ 23) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒާ މެދު ސަމާލުވާންޖެހޭނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސްޕެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް އެތުލެޓިކޯގެ ހޯމް މެޗު އެ ޓީމުގެ އަސްލު ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅެވެން ނެތެވެ. އެހެންވެ އެ މެޗު ކުޅެން ހަމަޖައްސާފައިވަނީ ރުމޭނިއާގެ ނެޝަނަލް އެރީނާގަ އެވެ.

ޓުޗެލް ބުނީ އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުގެ ހޯމް މެޗު ނުކުޅެވުނު ކަމުގައި ވިޔަސް މި މެޗަކީ އޭނާގެ ޓީމަށް އުނދަގޫ ޗެލެންޖެއް ކަމަށެވެ.

"މިއީ އަހަރެމެންނަށް ރަނގަޅު ޓެސްޓެއް. އެތުލެޓިކޯ އަކީ މި ލެވަލްގައި ތަޖުރިބާހުރި މޮޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމެއް. އަހަރެމެން ޖެހޭނީ އަމިއްލަ ވިސްނުމުގައި ވީ އެންމެ ރަނގަޅަށް ކުޅެން. އެތުލެޓިކޯއާ ދެކޮޅަށް ކުޅޭއިރު އެނގެންޖެހޭނެ އެ ޓީމަކީ ކޮން ސްޓައިލަކަށް ކިހާ ވަރެއްގެ ފައިޓިން ސްޕިރިޓަކާ އެކީ ކުޅޭ ޓީމެއް ކަން. އުއްމީދަކީ އެ ރޫހުގައި އަހަރެމެން ވެސް ކުޅުން،" ޓުޗެލް ބުންޏެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

މިދިިޔަ މަހު ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވިފަހުން އެ ޓީމު މިހާތަނަށް މެޗަކުން ބަލިވެފައިނުވެ އެވެ. ޓުޗެލް ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާނަމަ ޗެލްސީން އެތުލެޓިކޯގެ ފޯވާޑް ސުއަރޭޒާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"ސުއަރޭޒަކީ ނެޗުރަލް ބޯން ސްޓައިކަރެއް. ކޮލިޓީ އާއި އެހެނިހެން ކަންކަމަށް ބެލިޔަސް އޭނާ ފުރިހަމަ. އަދި އޭނާ އަކީ މި ލީގުގައި (ޕްރިމިއާ ލީގުގައި) ވެސް ކުޅެފައިވާ ފޯވާޑެއް. އަހަރެމެން ވަރަށް ބޮޑަށް އޭނާއާ މެދު ސަމާލުވާން ޖެހޭ،" ޓުޗެލް ބުންޏެވެ.

ޗެލްސީ އާއި އެތުލެޓިކޯގެ މީގެ ކުރީގެ ކުރިމަތިލުންތައް އޮތީ ވަރަށް ހަމަހަމަކޮށެވެ. ކޮންމެ ޓީމެއް ދެ މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ހޯމް މެޗަކުން މިހާތަނަށް އެތުލެޓިކޯ ގޮވައިގެން ނުކުމެ ސިމިއޯނީ ބަލިވެފައިނުވެ އެވެ.

ސިމިއޯނީ ބުނީ އަމިއްލަ ދަނޑުގައި މި މެޗު ނުކުޅެވުނު ކަމުގައި ވިޔަސް ކުޅުންތެރިންނަށް މިއީ ހޯމް މެޗެއްކަން ވަރަށް ބޮޑަށް ވިސްނައިދީފައިވާނެ ކަމަށާއި ހުރިހާ ފޯކަސް އެއް ހުރީ މޮޅުވުމަށް ކަމަށެވެ.

މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް ވަނީ އަނިޔާގެ މައްސަަލަތައް ކުރިމަތިވެފަ އެވެ. ޗެލްސީން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ނުލައި ކުޅޭއިރު، އަނިޔާގެ ސަބަބުން އެތުލެޓިކޯގެ ހޯސޭ ހިމެނޭޒް، ސީމް ވިސައިކޯ އަދި ޔަނިކް ކަރަސްކޯ ވެސް ހުރީ ޓީމާ ދުރުގަ އެވެ.

ޗެލްސީ އާއި އެތުލެޓިކޯގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 1 ޖަހާއިރު އެވެ. ޗެމްޕިއަންސް ލީގުގައި ދެން މިރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ލާޒިއޯ އެވެ. މިއީ މިދިޔަ 21 އަހަރު ތެރޭ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ލާޒިއޯ ކުޅޭނެ ފުރަތަމަ މެޗެވެ.