Roadha Mihaaru
އަންހެނަކަށް ވަރީގެ ބަދަލަށް ދިނީ މަސައްކަތުގެ އަގު

ޗައިނާ އަންހެނަކަށް ވަރީގެ ބަދަލަށް ނަގައިދިނީ ގޭގައި ކުރި މަސައްކަތުގެ އަގު

25 ފެބުރުއަރީ 2021

ޗައިނާގެ ދެމަފިރިއެއްގެ ފަސް އަހަރުވީ ކައިވެނި ކޯޓު މެދުވެރިކޮށް ރޫޅައިލި އިރު، އެ މުއްދަތުގެ ތެރޭގައި އަންހެން މީހާ ގޭގައި ކުރި މަސައްކަތްތަކަށް ފިރިހެން މީހާގެ އަތުން ބަދަލެއްގެ ގޮތުގައި 50،000 ޔުއާން (7،700 ޑޮލަރު) ނަގައި ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ދެމަފިރިއެއްގެ ފަސް އަހަރުވީ ކައިވެނި ކޯޓު މެދުވެރިކޮށް ރޫޅައިލި އިރު، އެ މުއްދަތުގެ ތެރޭގައި އަންހެން މީހާ ގޭގައި ކުރި މަސައްކަތްތަކަށް ފިރިހެން މީހާގެ އަތުން ބަދަލެއްގެ ގޮތުގައި 50،000 ޔުއާން (7،700 ޑޮލަރު) ނަގައި ދީފި އެވެ.

މިއީ ޗައިނާގެ ކޯޓެއްގައި ނިންމި ވަރީގެ މައްސަލައެއްގައި މިގޮތަށް އަންހެނަކަށް ބަދަލު ނަގައިދިން ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމުގައި މި އަހަރު އަލަށް އަމަލުކުރަން ފެށި ސިވޯލް ކޯޑްގެ ދަށުން ވަރީގެ މައްސަލައެއް މިފަދަ ގޮތަކަށް ނިންމި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިކަމާ ގުޅިގެން އާންމުންގެ ތެރޭގައި ބޮޑު ބަހުސެއް ވެސް ފެށިފައިވެ އެވެ.

ދެމަފިރިންގެ ވަރީގެ މައްސަލާގައި ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ޗެން ކިޔާ ފިރިހެން މީހާ އަންހެނުން ވަންގްގެ ގާތުން ވަރިވާން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރު ކަމަށާއި އެ ދެ މީހުން ކައިވެނިކުރީ 2015 ގައި ކަމަށެވެ. ލިޔުންތައް ބުނާ ގޮތުން ފިރިމީހާ ވަރިވާން ހުށަހެޅި ނަމަވެސް އަންހެނުން ފުރަތަމަ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދި އެވެ.

އެގޮތުން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ފިރިމީހާ ގޭގެ އެއްވެސް މަސައްކަތެއްގެ ޒިންމާ ނުނަގާ ކަމަށާއި ވަރިވާން ކޯޓަށް ހުށަހެޅި އިރު ކައިވެންޏަށް ލިބިފައިވާ ދަރިފުޅަށް އެއްވެސް ހަރަދެއް ވެސް ފިރިމީހާކޮށްފައި ނުވާ ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.

މި މައްސަލާގައި ބެއިޖިންގެ ފަންގްޝަން ޑިސްޓްރިކްޓް ކޯޓުން ނިންމީ ކައިވެނީގެ ދުވަސްވަރު ގޭގެ ހުރިހާ މަސައްކަތަކާއި ދަރީގެ ހަރަދު ވެސް އަންހެން މީހާ އަމިއްލަ އަށް ހަމަޖައްސާފައިވާތީ ކައިވެނި ރޫޅައިލާ އިރު އަންހެން މީހާ ފަސް އަހަރު ވަންދެން "އުފުލި ތަކުލީފަށް" ބަދަލެއްގެ ގޮތުގައި ފިރިހެން މީހާގެ އަތުން 50،000 ޔުއާން ނަގައިދޭށެވެ. މީގެ އިތުރުން ދަރިފުޅުގެ ހަރަދަށް ފިރިހެން މީހާ މަހަކު 2،000 ޔުއާން ދޭން ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މިއީ ފަދަ ގޮތަކަށް ޗައިނާގައި ކައިވެންޏެއް ރޫޅައިލި އިރު އަންހެނަކަށް ބަދަލު ލިބުނު ފުރަތަމަ ފަހަރެވެ. ކުރިން އޮންނަ ގޮތުން ނަމަ ކޯޓް މެދުވެރިކޮށް ބަދަލު ނަގައި ދެވެނީ ކައިވެނިކުރާ އިރު ދެމަފިރިންގެ މެދުގައި ބަދަލު ނެގުމާ ބެހޭ ގޮތުން ރަސްމީކޮށް އެއްބަސްވުމެއް ހަދާފައިވާ ނަމަ އެވެ.