Roadha Mihaaru
އައިންތުގެ ކާރަށް ގެއްލުން ދިން މީހާ ޖޫރިމަނާކޮށްފި

އައިންތުުގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާކޮށްފި

24 ފެބުރުއަރީ 2021

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އައިންތުގެ ކާރު ޕާކް ކޮށްފައި އޮއްވައި އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ މައްސަލާގައި ދެ މީހަކު އޭރު ހައްޔަރުކުރި އެވެ. އޭގެ ކުރިން ވެސް އެކިފަހަރު މަތިން އެ ކާރަށް ގެއްލުން ދިނަސް، އެ މައްސަލާގައި އޭގެކުރިން ބަޔަކު ހައްޔަރެއް ނުކުރެ އެވެ.

އެންމެ ފަހުން ކާރަށް ގެއްލުން ދިން މައްސަލާގައި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ދައުލަތުން ކުރީ ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ. އޭނާ ވަނީ ކޯޓުގައި ކުށަށް އެއްބަސްވެ، އިތުރު މީހަކާ ގުޅިގެން އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް އިއުތިރާފްވެފަ އެވެ،

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 21،600ރ. އިން ޖޫރިމަނާކޮށް، އަދި އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައި އަންގާފައިވެ އެވެ.

ގާނޫނުލް އުގޫބާތުގައި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ހަމްދޫންގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅީ އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަދަބުގެ ބާވަތް ބަދަލު ކުރުމަށް ފަހު އެވެ. ބައެއް ބާވަތުގެ މައްސަލަތަކުގައި ޖަލު ހުކުމުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާއަށް ނުވަތަ މުޖްތަމައުއަށް ޚިދުމަތް ކުރުން ފަދަ އަދަބުތަކަށް ބަދަލު ކުރުމުގެ ބާރު ކޯޓަށް އޮވެ އެވެ.

އައިިންތުގެ ކާރަށް ގެއްލުން ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ގެނަ އެވެ. އެންމެ ފަހުން ކާރަށް ދިން ގެއްލުންތަކަށް ފަހު އެ ކާރު މަރާމާތު ކުރަން އައިންތުއަށް އެހީވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.