Roadha Mihaaru
އަދުހަމް ދެއްކީ ދައުލަތުގެ އިހުމާލު،ހުކުމް އަންނަ މަހު

ގާސިމްގެ މަރު: އަދުހަމް ދެއްކީ ދައުލަތުގެ އިހުމާލު، ހުކުމް އަންނަ މަހު

10 އޮކްޓޯބަރ 2022

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައި، އަންނަ މަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައި، އަންނަ މަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.

ހުޅުމާލޭގައި ޑިސެމްބަރު، 2019 ގައި ގާސިމް ދުއްވި ޓެކްސީގައި ހުރެފައި ގާސިމްގެ ކަރަށް ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް ވަޅި ހަރައިލި މައްސަލައިގައި ކުރާ ދައުވާގައި އޭނާ އެކި ފަހަރު އެކި ގޮތަށް ކޯޓުގައި ވާހަކަ ދައްކާފައިވެ އެވެ. މިހާރު އޭނާ ބުނާގޮތުން ގާސިމަށް ވަޅިން ހަމަލާ ދެވުނީ އޮޅުމަކުންނެވެ.

އަދުހަމް ބުނެފައިވާ ގޮތުން ގާސިމަށް ހަމަލާދެވުނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެއީ ގާސިމް މެރުމުގެ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެ ވަގުތު ހުރީ މަސްތުވެގެން ކަމަށް ވެސް އޭނާ ބުނެ އެވެ.

ގާސިމް މަރާލެވުނީ ރިހެބްގެ ފުރުސަތު ތަންފީޒު ނުވެ އޮއްވައި

އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހަޅަން މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ އަދުހަމް ކުށުގެ ވެށްޓަށް ވަދެވި، މަސްތުން ސަލާމަތްވާން ބޭނުންވެފައި ހުރި ވަރާއި އަދި ދައުލަތުގެ އިހުމާލު އެކަމުގައި އޮތްކަމެވެ.

އަދުހަމްގެ ވަކީލު ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން އެކި މައްސަލަތަކުގައި އަދުހަމް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ގާސިމަށް ހަމަލާދިނީ އަދުހަމް އަމިއްލަ އަށް އެދިގެން، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ރިހެބިލިޓޭޝަނަށް ދިއުމުގެ ފުރުސަތު ލިބި އެކަމަކު އެކަން ދައުލަތަށް ތަންފީޒު ނުކުރެވި އޮއްވައި ކަަމަށް ވަކީލު ވިދާޅުވި އެވެ.

ގާސިމް

ގާސިމް

އެހެންވެ، ރިހެބިލިޓޭޝަންގެ ފުރުސަތު ދިނުމުގައި އިހުމާލުވި ބަޔަކު ވެސް ބަލަން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ރިހެބިލިޓޭޝަންގެ ފުރުސަތު އެތައް ބަޔަކަށް ނުލިބި އަދިވެސް އެބަތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ގަސްދުގައި މީހަކު މަރާލިކަން ސާބިތުކޮށް، އޭނާ މަރާ ވެސް ލެވިދާނެ. އެކަމަކު އިޖުތިމާއީ ވަރަށް ބޮޑު މައްސަލައެއް މި އޮތީ،" ވަކީލު ވިދާޅުވި އެވެ.

"ނުކުރާ ކަމަކަށް ހަދައިގެން ސަލާމަތްވާކަށް ބޭނުމެއް ނޫން"

އަދުހަމް ކުށަށް އިއުތިރާފު ވެއްޖެ ނަމަ، ލުއި އަދަބެއް ދޭން ދައުލަތުން ކުރިން އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުން އޮތްގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ނަމަ، އަދުހަމަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. ފަހުން އެ އެއްބަސްވުން ބާތިލުކުރީ އަދުހަމް އިންކާރު ކުރުމުންނެވެ.

ދެ ވަނަ ފަހަރަށް އެ ފަދަ އެއްބަސްވުމަކަށް ދާން އަދުހަމް ފަހުން އެދުނަސް، ދައުލަތުން އެ ކަމަށް އެއްބަހެއް ނުވި އެވެ. އެކަމަކު އޭނާގެ ވަކީލު މިއަދު ވެސް އެދިވަޑައިގަތީ އިއުތިރާފު އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމައި ދިނުމަށެވެ.

ވަކީލު ވިދާޅުވި ގޮތުގައި އެއީ ނުކުރާ ކަމެއް ކަމަށް ބުނެ ސަލާމަތްވާން އަދުހަމް ބޭނުމެއް ނުވެ އެވެ.

"މަރާލީ ގަސްދުގައި، އެއްވެސް ޝައްކެއް ނެތް"

ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އަދުހަމްގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބުނާ ބުނުމާއި އެ ވަގުތު ހުރީ މަސްތުވެގެން ކަމަށް ބުނާ މައްސަލަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަދުހަމް

މިއަދުގެ އަޑުއެހުމުގައި އަދުހަމް

ދައުލަތުން ބުނީ އާންމުކޮށް މީހަކު މަރާލެވޭ ފަދަ ހަތިޔާރަކުން ހަމަލާދީ މަރާލައިފި ނަމަ މެރުމުގެ ގަސްދު އޮތް ކަމަށް ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެ ހަމަލަ ދިނީ ވަޅިއަކުން ކަމަށް ވުމާއި ހަމަލަ ދިނީ ގާސިމްގެ ކަރަށް ކަމަށް ވާތީ މެރުމުގެ ގަސްދު އޮތް ކަމަށް ބަލަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ހަމަލަ ދިން ވަގުތު ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައިވާތީ އޭގެ ރައްދުގައި ދައުލަތުން ބުނީ އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުރެ ކުރާ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ތަކުރާރުކޮށް ގާސިމްގެ ކަރާއި އަތަށް ހަމަލަ ދިނުމާއި ހަމަލައަށް ފަހު، އެ ކަންކަން ފޮރުވުމަށްޓަކައި ފިލަން އުޅުމާއި ހެކި ފޮރުވަން އުޅެފައިވާތީ ދައުލަތުން ބުނިގޮތުގައި އަދުހަމް މަސްތުވެގެން ހުއްޓަސް، އޭނާ ހުރީ ކުރެވޭ ކަންކަން ވިސްނައިގަނެވޭ ފަދަ ހާލަތެއްގައި ކަން އެނގެ އެވެ.

އެހެންވުމުން ގާސިމް މަރާލީ ގަސްދުގައި ކަމާ މެދު "އެއްވެސް ޝައްކެއް ނެތް" ކަމަށް ދައުލަތުން ބުނެ އެވެ.

ދައުލަތުން ބުނީ އަދުހަމް ކުށަށް އިއުތިރާފު ވެފައިވާއިރު، އޭނާގެ އިއުތިރާފަށް ބާރު ލިބޭ ހެކި ހުށަހަޅާފައިވެ އެވެ. އަދި އަދުހަމް ލައިގެން ހުރި އަންނައުނާއި ހަމަލަ ދިން ވަޅިން އޭނާ އާއި ގާސިމްގެ ޑީއެންއޭ ފެނިފައިވާއިރު، އެ މައްސަލައާ ގުޅޭ ވީޑިއޯ ފުޓޭޖްތަކުން ވެސް ފެންނަނީ އަދުހަމް ކަން ތަހުލީލުތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް އަދުހަމްގެ ވަކީލު ވިދާޅުވި ގޮތުގައި ދައުލަތުން ހުށަހެޅި ބައެއް އެކްސްޕާޓުންގެ ބަހާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުއްޓެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލައިގެ ހުކުމް އަންނަ މަހުގެ 21 ވަނަ ދުވަހު އިއްވާނެ ކަމަށެވެ.