Roadha Mihaaru
މާލެ އޮތީ ލޮކްޑައުނަކަށް ދާންޖެހޭ ހާލަތުގައި: ނަސީމް

މާލެ މި އޮތީ ލޮކްޑައުނަށް ދާންޖެހޭ ހާލަތުގައި، އެކަމަކު އިގުތިސާދު ތަނެއް ނުދޭ: މިނިސްޓަރު

25 ފެބުރުއަރީ 2021

މާލެ މިހާރު މި އޮތީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލޮކްޑައުނަށް ދާންޖެހޭ ހާލަތުގައި ކަމަށްވިޔަސް އެ ފިޔަވަޅު އަޅަން އިގުތިސާދު ތަން ނުދޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ މިހާރު މި އޮތީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލޮކްޑައުނަށް ދާންޖެހޭ ހާލަތުގައި ކަމަށްވިޔަސް އެ ފިޔަވަޅު އަޅަން އިގުތިސާދު ތަން ނުދޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އޭޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފެށުމަށް ބޭއްވި ވޯކްޝޮޕުގައި މިނިސްޓަރު ވިދާޅުވީ މާލޭގައި ކޮވިޑުގެ ހާލަތު އޮތީ ކޮންޓްރޯލުން ނެއްޓިފައި ކަމަށެވެ.

ހެނދުނު ބެއްލެވި އިރު އިތުރު 139 މީހުންނަށް ބަލިޖެހިފައިވާ ކަމަށާއި މިއަދު އެ އަދަދު 200 އަށް އެރުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޮޑު ލުއެއް ދިނުމާއެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 24 އިން ފެށިގެން މިހާތަނަށް، ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހުރީ 100 އިން މަތީގަ އެވެ.

"މި ތަނުގައި އަޅުގަނޑުމެން ލޮކްޑައުނަކަށް ދިޔައިކީ ނޫން. މިހާރު އަޅުގަނޑުމެންނަށް [ލޮކްޑައުނަކަށް] ދެވޭކަށް ވެސް ނެތް އެއީ އަޅުގަނޑުމެންގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމަށް މައިގަނޑު ގޮތެއްގައި. އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭޖުގެ 84 ޕަސެންޓު އެއީ ޓޫރިޒަމް މެދުވެރިކޮށް. އެހެންވެ ލޮކްޑައުނަކަށް ދެވޭކަށް ނެތް. އެހެން ނަމަވެސް މާލޭގެ ހާލަތު، މުޅި ދިވެހިރާއްޖެއެއް ނޫން، އަސްލު ރިސޯޓުތަކުގެ ހާލަތެއް ވެސް ނޫން. އެކަމަކު މާލޭގެ ހާލަތު، މި އޮތީ މާލެ ހަމަ ރީއްޗަށް ލޮކްޑައުނަކަށް ދާ ފެންވަރުގައި މިހާރު. އެހާ ނުރައްކާތެރި މާލެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމުން އެ ހުރިހާ ކަމެއް ނިމުނީ ކަމަށް ގިނަ މީހުން ވިސްނާ ކަމަށެވެ. މިއީ، އެގޮތަށް އޮތް ކަމެއް ނޫން ކަމަށާއި މިހާރު މި ދާ ވަރަށް މީހުން ޕޮޒިޓިވް ވަންޏާ ވެކްސިންގެ ބާރެއް "ނުހިނގާނެ" ކަމަށް ވިދާޅުވި އެވެ.

ވެކްސިން ޖަހާ މީހާއަށް ލުއި ލިބުނަސް އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އެބަޖެހޭ އެންމެން ވެސް މަސައްކަތްކުރަން. ހުރިހާ އެންމެން މަސައްކަތް ކޮށްގެން ނޫނީ މި ކަމުން އަރައިނުގަނެވޭނެ،" ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ވޯކުޝޮޕުގައި ނަސީމް ވިދާޅުވި އެވެ.

ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ސޯޝަލް މީޑިއާއާއި އެކި ތަންތަނުގައި ވާހަކަދައްކާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި އެ ބަލި ފެތުރިފައިވާ މިންވަރު ނުވެ ނޭނގޭ ކަމަށެވެ. އަދި އެ ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން ތިބުން ވެސް ވަރަށް ނުރައްކާތެރި ކަމަށާއި މި ކަމުން ސަލާމަތްވާނީ ހުރިހާ ދާއިރާއަކުން ވެސް އެއްބާރުލުން ދީގެން ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުން ނެގި ފިޔަވަޅު، މިސާލެއްގެ ގޮތުގައި ނަންގަވަމުން ނަސީމް ވިދާޅުވީ އާ ވޭރިއެންޓު ފެތުރުމުން ވެސް އެ ގައުމުގައި ނެގީ ކޮވިޑު ފެތުރުނު ފުރަތަމަ ދުވަސްކޮޅު އެޅި ފިޔަވަޅުތައް ކަމަށެވެ. ފުލް ލޮކްޑައުނަކަށް ދާން މަޖުބޫރުވީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ އެ ހާލަތުގައި. ނަމަވެސް ފުލް ލޮކްޑައުނަކަށް ދާކަށް އިގުތިސާދު ޖާގައެއް ނުދޭ. އެހެންވެ، ލޮކްޑައުނަކަށް ނުގޮސް އެހެން ގޮތްގޮތުން ބަލި ކޮންޓްރޯލް ކުރަން މަސައްކަތްކުރަނީ...އިތުރު ޕްރެކޯޝަންސް ނަގާނަން...އަޅުގަނޑުމެން ނަގަންޖެހޭ އިތުރު ޕްރިކޯޝަން،" މިނިސްޓަރު ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މާލެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާއެކު މިދިޔަ އަހަރުގެ އޭޕްރީލް 15 ގައި މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރި އެވެ. އެއަށްފަހު، ލުއި ދިނީ ޖޫން 15 ގަ އެވެ. އޭގެ ފަހުން ކޮންޓްރޯލްގެ ހާލަތުގައި ބަލި އޮތުމަށްފަހު މިހާރު މި ވަނީ އަނެއްކާ ވެސް ކޮވިޑުގެ ތިން ވަނަ ރާޅު އަރައިފަ އެވެ. އެއާއެކު، ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވެ އެވެ.