Roadha Mihaaru
އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖައްސަނީ

އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

05 ޖޫން 2021

އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑުކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑުކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

ކޮވިޑު-19 ގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ، 10 އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރިކަމުގެ ފާޑުކިޔުންތަކާ އެކު މިނިސްޓްރީން ހެދި ރިވިއުގައި، އިމަޖެންސީގައި އެމްބިއުލާންސް ފޮނުވުން ދެ ގަޑިއިރަށް ވުރެ ލަސްވިކަން ހާމަވެފައިވެ އެވެ. އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް އެކްޓިވޭޓްކުރުން ލަސްވުމާއި ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ރިވިއު އިން ހާމަވެ އެވެ.

އެހެންވެ އެފަދަ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުނުވާނެ ގޮތަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

އެ ރިވިއުގައި ބުނި ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމްކޮށް އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑުކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަމްބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑަށް ޕޮޒިޓިވްވި މިޝްކާގެ ހާލު ބޮޑުވުމުން ހޮސްޕިޓަލަށް ގެންދަން އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި އެވެ. އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް ރިވިއުގައި ބުންޏެވެ.

"މި ކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމަށާއި އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވެ އެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ވެސް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ." އެ ރިވިއުގައި ވެ އެވެ.

އެމްބިއުލާންސް މާ ބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގާ ދަރުބާރުގެއަށް އާއިލާއިން މީހަކު ފޮނުވި އެވެ. މިޝްކާ ބަލައި އެމްބިއުލާންސް ފޮނުވީ އޭގެ ފަހުންނެވެ. އެ ގޭ ދޮށަށް ދެވުނުއިރު 11:38 އެވެ. އަދި އޭރު ކުއްޖާގެ އެއްވެސް ހަަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފެށި ކަމަށާއި އަދި 11:42 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ އެވެ.

އެ ކުއްޖާ ނިޔާވީ އޭގެ ފަހުންނެވެ.