Roadha Mihaaru
ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދޭނެ: އިމްރާން

ސުލްހަވެރިކޮށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ސަރުކާރުން ދޭނެ: އިމްރާން

27 ފެބުރުއަރީ 2021

ސުލްހަވެރިކޮށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު މި ސަރުކާރުން ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސުލްހަވެރިކޮށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު މި ސަރުކާރުން ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން އެ ގޮތަށް ވިދާޅުވެ ޓްވީޓެއް މި ކުރެއްވީ އިދިކޮޅަށް ނިސްބަތްކުރައްވާ އެހެން ގޮތަކަށް ކުރެއްވި ޓްވީޓަކަށް ޕީޕީއެމް/ޕީއެންސީގެ ފާޑުކިއުން އަމާޒުވެފައި އޮއްވަ އެވެ.

އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާއާ ގުޅިގެން އިމްރާތް ވިދާޅުވީ "މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގޭ" ކަމަށެވެ.

އަދުރޭ އަކީ އިދިކޮޅު ހަރަކާތްތަކުގައި މިހާރު އެންމެ އިސްކޮށް ހުންނަވާ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އެއީ މިނިސްޓަރެއްގެ ބަސްމަގު ހުންނަންވާނެ ގޮތެއް ނޫން ކަމަށެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި ގޮތުގައި "ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަންވާނެ" އެވެ.

"ރައްޔިތުންނަށް ފަހިވާނީ އޭރުން. އެ މަގަށް ފަހިވާނެހެން ސަރުކާރުން ފުރުސަތު ދޭނެ،" އިމްރާންގެ ޓްވީޓްގައި ލިއުއްވި އެވެ.

ސުލްހަވެރިކޮށް އެއްވެ އުޅުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއް

ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްވެސް ކަހަލަ އެއްވުމެއް ނުބޭއްވޭނެ ކަމަށް، ފުލުހުން އިއްޔެ ބުންޏެވެ. އެކަމަކު އެ މުޒާހަރާ އިދިކޮޅުން ބޭއްވި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް 30 މީހަކު ގެންގޮސް، ޖޫރިމަނާއާ އެކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އިއްޔެ އަކީ މި ސަރުކާރުން މުޒާހަރާއެއް ރޫޅާލަން އެންމެ ހަރުކަށިކޮށް އަމަލްކުރި ފަހަރެވެ. މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ވަދެނުކުމެ ނޫޅެވޭ ގޮތަށް ބަންދު ވެސް ކޮށްފަ އެވެ.