Roadha Mihaaru
އެތުލެޓިކޯ ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި

އެތުލެޓިކޯ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި

01 މާޗް 2021

މެޑްރިޑް (މާޗް 1) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މެޑްރިޑް (މާޗް 1) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ހޮނިހިރު ދުވަހުގެރޭ ސެވިއްޔާ ބަލިކޮށް ބާސެލޯނާ ލީގުގެ ދެ ވަނަ އަށް އެރިއިރު، އެއް ވަނައިގައި އޮތް އެތުލެޓިކޯއާ ދެމެދު އޮތް ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. ރޭގެ މޮޅާ އެކު އެތުލެޓިކޯ އިން އަލުން ލީޑުފުޅާކުރިއިރު، އެ ޓީމަށް 24 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތިން ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާ އެކު އެެވެ. ރެއާލް މިރޭ ކުޅޭ މެޗުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދައިގެން ލީގުގެ ދެ ވަނަ އަށް އަލުން އެރޭނެ އެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ލީޑުނެގީ ވިޔަރެއާލް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ވިޔަރެއާލްގެ އަލްފޮންސޯ ޕެޑްރާޒާ ދިފާއުކުރަން އުޅުނު ބޯޅަ އޭނާ އަތުން ވަނީ ބައިކޮޅަށެވެ. ދެ ވަނަ ހާފުގައި އެތުލެޓިކޯގެ ދެ ވަނަ ގޯލު ޖެހީ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ޔާއޯ ފެލިކްސް އެވެ.

މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ވިޔަރެއާލް ދަނޑުގައި ނަތީޖާ ނެރުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށާއި މި މޮޅުގެ އަސްލު ފައިދާ ފެންނާނީ ލީގު ނިމުމުން ކަމަށެވެ.

"ހަގީގަތަކީ މި ދަނޑުވަޅުގައި ކޮންމެ ޕޮއިންޓެއް ވެސް މުހިއްމު. އެކަމަކު ސީޒަން ނިމުމުން އަހަރެން ބަލާލަން ބޭނުން މި ދަނޑުގައި މޮޅުވަނީ ކިތައް ޓީމުތޯ. އަހަރެމެންނަށް މި ހޯދުނު މޮޅުގެ މުހިއްމުކަން ފެންނާނީ މި ސީޒަން ނިމުމުން،" ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯ އިން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2014 ވަނަ އަހަރު އެވެ. ސްޕެއިނުގެ ޗެމްޕިއަންކަން 10 ފަހަރު ހޯދާފައިވާ އެތުލެޓިކޯ އިން މި ފަހަރުގެ ރޭހުގައި ލީޑުގައި ދެމި އޮންނަނަމަ އަންނަ އާދިއްތަ ދުވަހު ރެއާލާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން ޖެހޭނެ އެވެ.