Roadha Mihaaru
"ދެރިޔާ"ގެ ދެވަނަ ބަޔަށް މުހައިމިން ތައްޔާރުވަނީ

"ދެރިޔާ"ގެ ދެވަނަ ބަޔަށް މުހައިމިން ތައްޔާރުވަނީ

01 މާޗް 2021

ދިވެހި ސިނަމާ އަށް އައި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހި ސިނަމާ އަށް އައި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެރިޔާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ޕީއެސްއެމްގެ ދިވެހި އެފްއެމްގެ ޝޯ "ފެމިލީ އަލްބަމް"ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، "ދެރިޔާ"ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ވިދާޅުވީ ފިލްމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. "ދެރިޔާ"ގެ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފިލްމުގެ ލަވަތަކުގެ ތެރެއިން ދެ ލަވައެއްގެ ރެކޯޑިން ވެސް ހަދާފައިވާ ކަމަށް މުހައިމިން ވިދާޅުވި އެވެ. ފިލްމުގެ މިއުޒިކް ހަދަނީ އިބްރާހީމް އާމިރާއި އަހުމަދު އާމިރެވެ. އެއީ މުހައިމިންގެ ދެ ބޭފުޅުންނެވެ.

މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކޮށް 1994 ގައި ނެރުނު "ދެރިޔާ"ގެ ލީޑް ރޯލް ކުޅުނީ މިހާރު ފިލްމީ ދާއިރާ އިން އެއްގޮތަކަށް ވެސް ނުފެންނަ އަލީ ޚާލިދާއި ހައްވާ ޒާހިރާ އެވެ. "ދެރިޔާ" އަށް ފަހު، އަލީ، ޓެޑްރީ ޕްރޮޑިއުސްކުރި 1997 ގެ "އަމާނާތް" އާއި 2000 ގައި ނުކުތް "ހިމޭންދުނިޔެ" ކުޅުނެވެ. ނަމަވެސް ހައްވަ "ދެރިޔާ" ނޫން ފިލްމެއް ނުކުޅެ އެވެ.

ބޭވަފާތެރި ފިރިއެއްގެ ސަބަބުން އާއިލާއަކަށް ކުރިމަތިވާ ހިތްދަތި ހާދިސާތަކެއް ދައްކުވައިދިން "ދެރިޔާ"ގެ ކާސްޓްގައި، ދާދި ފަހުން މަރުވި ކޮއްޔަ ހަސަން މަނިކާއި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މަރުވި ހައްވާ ރިޔާޒާ ވެސް ހިމެނެ އެވެ. މީގެ އިތުރުން ބިންމާ އިބްރާހީމް ވަހީދު ވެސް ހިމެނެ އެވެ.

"ދެރިޔާ" އަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމު އެވޯޑްސްގައި އަށް އެވޯޑް ހޯދި ފިލްމެކެވެ.

"އަޅުގަނޑު މިހާރު މި ފިލްމާ ގުޅޭ ގޮތުން ޓެޑްރީއާ ވެސް މަޝްވަރާކޮށްފިން. ޓެޑްރީގެ މަޝްވާރާއާ އެއްކޮށް ކުރިޔަށް ގެންދަން ބޭނުންވީ. ޓެޑްރީ ވެސް އެބަހުރި ބައެއް ހިޔާލު ދެއްވާފައި. ދެރިޔާ އާއި މި ފިލްމާ ގުޅުވާލުމުން ހުރިހާ ގޮތަކުން ފައިދާވާނެ ކަމަށް މި ބަލަނީ. އެކަމަކު ދެރިޔާގެ ޝޮޓަކަށް ޝޮޓެއް ނޫން،" އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފިލްމާ ބެހޭ ގޮތުން މުހައިމިން ވިދާޅުވި އެވެ.

"ކުރީގެ ވާހަކައާ ގުޅިގެން މި އާ ފިލްމު ކުރިއަށް ދާނީ. އެހެން ނަމަވެސް މި ފިލްމު ވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ."

އޭނާ ވިދާޅުވީ މި ވަގުތު އަދި ފިލްމަށް ކާސްޓުން ނެގުމާ ދޭތެރޭ ނުވިސްނާަވާ ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދެވޭނެ އިރެއް ވެސް އަދި ވިދާޅުވާން މާ އަވަސް ކަމަށެވެ.

"ދެރިޔާ"ގެ އިތުރުން މުހައިމިން ކެރިއަރުގައި ދެން ޕްރޮޑިއުސްކުރެއްވީ 2001ގެ "ރަންމުތް" އެވެ. އަބްދުލްފައްތާއި އަބްދުﷲ ޝުޖާއުގެ ޑައިރެކްޝަން ފެނުނު އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. "ރަންމުތް"ގެ މައިގަނޑު ތަރިއަކީ އިސްމާއީލް ވަޖީހެވެ. އެ ފިލްމުގެ އެންމެ ބޮޑު އެއް ހައިލަޓަކީ އިންޑިއާގެ ކުރީގެ ބަތަލާ/ލަވަކިޔުންތެރިޔާ ރާޖޭޝްވަރީއާ އެކު ވަޖީހުގެ ލަވައެއް ހިމެނުމެވެ.

މުހައިމިން އަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ވީޑިއޯ އަލްބަމް "ވިދާ ތަރި"ގެ ވެސް ޕްރޮޑިއުސަރެވެ. އެ އެ އަލްބަމްގެ ދެ ލަވައަކުން އިންޑިއާގެ ތަރިންތަކެއް ވެސް ފެނިގެން ދިޔަ އެވެ. އެއީ ސިލްސިލާ "ކަހީ ތޯ ހޯގާ" ކުޅެގެން ކަޝިޝްގެ ނަމުން މަޝްހޫރުވި އާމްނާ ޝަރީފާއި ސޫޖަލްގެ ނަމުން މަޝްހޫރުވި ރަޖީވް ކަންޑެލްވާލެވެ.

"ވިދާ ތަރި" ގައި ކަޝިޝް ލަވަ ކުޅުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކީގަ އެވެ. އަދި ސޫޖަލްގެ ލަވަ ގެނެސްދިނީ އޭރުގެ މަޝްހޫރު ބަތަލާ ސޯނިއާއާ އެކީގަ އެވެ.