Roadha Mihaaru
އަދީބު ގޭ ބަންދަށް ބަދަލުކުރީ މުއްދަތެއް ނެތް ގޮތަށް

އަދީބު ގޭ ބަންދަށް ބަދަލުކުރީ މުއްދަތެއް ނެތް ގޮތަށް: ކަރެކްޝަންސް

01 މާޗް 2021

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ދައުލަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުމަކުން ހުކުމް އިއްވައި އަދީބު ގޭބަންދުގައި ހުންނަވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން ބޮޑެވެ. މީގެ ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް އާއްމެއް ނުކުރައްވަ އެވެ.

އަދީބު ގޭބަންދަށް ބަދަލުކުރަން ޖެހުނު މެޝިންގެ ތަފްސީލް ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު"ގެ އާސިޔަތު މުހައްމަދު ސައީދު ހުށަހެޅި ސުވާލުތަކަށް ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން ކަރެކްޝަނަލް ސާވިސް އިން ދިން ޖަވާބުގައި ބުނީ އަދީބު ގޭބަންދަށް ބަދަލުކުރީ ބައިޕެޕް ކިޔާ މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަަމަށެވެ. އެ މެޝިން ބޭނުންކުރަން އޭނާ އަށް ޑޮކްޓަރު ލަފާ ދެއްވީ ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން ނިދަން އުނދަގޫވާތީ އާއި ބޮލުގައި ރިހޭތީ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ލީގަލް އޮފިސަރު އަދި އިންފޮމޭޝަން ކޮމިޝަނަރު އިސްމާއިލް ސުއޫދު ދެއްވި ޖަވާބުގައި ވިދާޅުވީ ގަވާއިދުން އަދީބު ޑޮކްޓަރަށް ދައްކަން ލަފާ ދީފައިވާ ކަމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ ގޭބަންދަށް ބަދަލުކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި އަދީބު ނިދުމަށް ބޭނުންކުރައްވާ މެޝިން ޖަލުގައި ވެސް ބޭނުންކުރެވެ އެވެ. މި މެޝިން އަދީބު ގޭގައި ބޭނުންކުރަން ޖެހުނު ސަބަބު ތަފްސީލްކޮށްދެއްވަން ފަހުން ފޮނުވި ލިއުމުގައި ބުނެފައި އެއީ ޖަލުގައި ބޭނުންކުރެވިދާނެ ޒާތުގެ މެޝިނަކަސް މިވަގުތު އެކަން ކުރެވެން ނެތީ ކަމަށެވެ.

އެއީ މެޝިން ޖަލުގައި ބޭނުންކުރުމުގައި އެކި ގޮތްގޮތުން ބޭނުންވާ އެހެން ވަސީލަތްތައް ގާއިމްވެފައި ނެތުމުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. އެކަމަކު ޖަލުގައި ގާއިމްވެފައި ނެތީ މެޝިން ބޭނުންކުރަން ކޮން ވަސީލަތެއް ކަމުގެ ތަފްސީލެއް ނުދެ އެވެ.

އަދީބު ބޭނުންކުރައްވާ މެޝިންގެ ތަފްސީލަށް ފުރަތަމަ އެދުމުން އެ މައުލޫމާތު ހިއްސާކުރަން ހޯމް މިނިސްޓްރީން އިންކާރުކުރީ އެއީ ޒާތީ މައުލޫމާތު ކަަމަށް ބުނެ އެވެ.

ޚިޔާނާތަށް ޝަރީއަތުގައި އިއުތިިރާފުވެވަޑައިގަތުމުން ޖަލު ހުކުމެއް އިއްވާފައިވާ އަދީބު މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭ އަމީން އެވެނިއު އެޕާޓްމެންޓެއްގަ އެވެ. އޭނާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބެ އެވެ.

ރައްޔިތުންގެ ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި އަދީބަށް ހުކުމާ އެކު ކުރީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. އެ އަދަދު، އޭނާ މަނީ ލޯންޑަކުރި އަދަދާ ގާތް ވެސް ނުކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އޭނާގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ގާނޫނީ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އަދީބު ޖަލަށްލުމާ އެކު ދެ މިލިއަން ރުފިިޔާއިން ޖޫރިމަނާ ކުރަން އިއްޔެ ހުކުމް ކުރިޔަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެ އެވެ. މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން އޮތް ގޮތަކީ މަދަނީ ވަކި ދައުވާތަކެއް ކުރުމެވެ.

ދައުލަތުން އަދީބާ އެކު އެއްބަސްވުމެއް ހެދިއިރު، ކުށް ސާބިތުކުރަން އޭނާގެ އިއުތިރާފު މުހިއްމު ނޫން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ.