Roadha Mihaaru
ދ. މީދޫގެ ތިން ކައުންސިލަރުން ސަސްޕެންޑުކޮށްފި

ދ. މީދޫގެ ތިން ކައުންސިލަރުން ސަސްޕެންޑުކޮށްފި

04 މާޗް 2021

ދ. މީދޫގެ ކައުންސިލަރުންނާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކެއް ތަހުގީގުކުރުމަށް ފަހު، އެ ރަށު ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދ. މީދޫގެ ކައުންސިލަރުންނާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކެއް ތަހުގީގުކުރުމަށް ފަހު، އެ ރަށު ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.

ތިން ކައުންސިލަރުންނަކީ ވެސް އެމްޑީޕީ މެންބަރުންނެވެ.

އެލްޖީއޭ އިން ބުނީ އެ ތިން މެމްބަރުން ސަސްޕެންޑުކުރީ ކައުންސިލަރުުންގެ ވާޖިބުތައް އެކަށީގެންވާ ގޮތަށް އަދާނުކުރާތީ އާއި އެކަމުގައި އިހުމާލުވުމުން ކަމަށެވެ. އަދި ކައުންސިލްގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފު އިބްރާހިމް ރަޝީދާއި ކައުންސިލް މެމްބަރު މުހައްމަދު ތައުފީގު ސަސްޕެންޑްކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.

އެލްޖީއޭގެ ފަރާތުން "މިހާރު" އަށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރަށު ކައުންސިލާ ގުޅޭ ޝަކުވާ ލިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މެމްބަރުން ސަސްޕެންޑުކުރަން ނިންމީ މިކަން ތަހުގީގު ކުރުމަށް ފަހު، އެލްޖީއޭގެ ބޯޑުގައި އިތުރަށް މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ދުވަސްވަރު، އެތަނުން ލިބެންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

ނަމަވެސް އެ ރަށު ކައުންސިލްގެ ރައީސް އިޔާސް ވިދާޅުވީ އެ ތިން މެމްބަރުން ސަސްޕެންޑުކުރީ އުސޫލާ ހިލާފަށް ކަމަށެވެ. އަދި މިކަން ކުރީ އެ ރަށު ދަނޑުބިންތަކަކާއި ބަނދަރުމަތިން ބިންތަކެއް ވަގުތީ ގޮތުން ކުއްޔަށް ދޫކުރުމުން ކަމަށެވެ.

"އިންތިހާބީ ދުވަސްވަރު ވެސް ރަށު ބިންތައް ހަ މަސް ދުވަހަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބޭ، އިތުރު ބައެއްގެ ހުއްދަ ނުހޯދާ،" ކައުންސިލްތަކުގެ ދައުރު ހަމަވި އިރު ވެސް ކޮވިޑްގެ ސަބަބުން އިންތިހާބު ފަސްކުރަން ޖެހުމުން ހަދާފައިވާ އިންތިގާލީ ގާނޫނަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މިހާރު ތިއްބެވި ތިން ކައުންސިލަރުންނަކީ ވެސް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނެއް ނޫނެވެ.