Roadha Mihaaru
އޮކްސްފަޑްގެ ވެކްސިން ކުޑަކުދިންނަށް ދީގެން ޓެސްޓްކުރަނީ

އޮކްސްފަޑްގެ ވެކްސިން ކުޑަކުދިންނަށް ދީގެން ޓެސްޓްކުރަނީ

14 ފެބުރުއަރީ 2021

އޮކްސްފަޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި އެއް ކުންފުނި އަސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކުރި ކޮވިޑް-19ގެ ވެކްސިން ކުޑަކުދިންނަށް ރަނގަޅުތޯ ބަލަން މި މަހު ޓެސްޓް ކުރަން ނިންމައިފި އެވެ.

އޮކްސްފަޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި އެއް ކުންފުނި އަސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކުރި ކޮވިޑް-19ގެ ވެކްސިން ކުޑަކުދިންނަށް ރަނގަޅުތޯ ބަލަން މި މަހު ޓެސްޓް ކުރަން ނިންމައިފި އެވެ.

މި އަޖުމަބެލުމުގައި ގާތްގަނޑަކަށް 300 ކުދިން ބައިވެރިކުރާނެ އެވެ. އެގޮތުން ފުރަތަމަ ގްރޫޕަށް ވެކްސިން ދޭން ފަށާނީ މި މަހު ފަހުކޮޅު އެވެ.

ސައިންސްވެރިން ބަލަން ބޭނުންވަނީ އުމުރުން 6-17 އަހަރުގެ ކުދިންގެ ހަށިގަނޑުގައި މި ވެކްސިނުން ދިފާއު އުފެދޭ މިންވަރެކެވެ. މިހާތަނަށް އޮކްސްފަޑް ކޮވިޑް ވެކްސިން 18 އަހަރުުން ދަށުގެ ކުދިންނަށް ދީފައެއް ނުވެ އެވެ. އަދި އަޖުމަބެލުމަށް ކުރިއަށް ގެންދިޔަ އެއްވެސް ޕްރޮގްރާމެއްގައި ކުޑަކުދިން ބައިވެރިކޮށްފައެއް ވެސް ނުވެ އެވެ.

ކޮވިޑްގެ ނުރަައްކާ ބޮޑީ ކުޑަކުދިންނަށް ވުރެ އުމުރުން ދުވަސް ވީ މީހުން ނުވަތަ އެހެން ބައެއް ކަހަލަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެހެންކަމުން މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވާން، އެހާމެ އަވަހަށް ތައްޔާރުކުރި ވެކްސިންތަކުގެ އަޖުމަބެލުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީ ވެސް ބޮޑެތި މީހުންނަށް އަަމާޒުކޮށްގެންނެވެ.

އޮކްސްފަޑްގެ ސައިންސްވެރިން ބުނާ ގޮތުުގައި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ތެރެއިން 240 ކުދިންނަށް ދޭނީ އަސްލު ވެކްސިނެވެ. އަނެއް ބައި ކުދިންނަށް ދޭނީ މެނިންޖައިޓިސް ވެކްސިނެވެ.

އަޖުމަބެލުމުގެ ޕްރޮގްރާމްގައި ހިލޭސާބަހަށް ބައިވެރިވުމުގެ ފުރުސަތު، މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އޮކްސްފަޑްގެ ވެކްސިންގެ އަަޖުމަބެލުމުގެ ޕްރޮގްރާމްގައި އިސްކޮށް ހުންނެވި ކުޑަކުދިންގެ ބައްޔާއި ދިފާއީ ނިޒާމާ ބެހޭ ދާއިރާގެ ޕްރޮފެސަރު އެންޑްރޫ ޕްލާޑް ވިދާޅުވި ގޮތުގައި ގިނަ ކުދިންނަށް ކޮވިޑެއް ނުޖެހެ އެވެ. އެހެންކަމުން ވައިރަސްގެ ސަބަބުން މާ ބޮޑު ނުރައްކަލެއް އެ ކުދިންނަށް އޮތް ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ.

އެކަމަކު އޭނާ ވިދާޅުވީ ވެކްސިންގެ ސަބަބުން ދިފާއު އުފެދޭ މިންވަރާއި އޭގެ ރައްކާތެރިކަން ސާބިތުކޮށްދިނުން މުހިންމު ކަމަށެވެ. އަދި އޭގެ ފައިދާ ބައެއް ކުދިންނަށް ކޮށްފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި އޮކްސްފަޑް/އެސްޓްރަޒެނެކާގެ ވެކްސިން ކުޑަކުދިންނަށް ދޭން ޕްރޮގްރާމެއް ހިންގުމުގެ އެއްވެސް ޕްލޭނެއް އަދި ނެތެވެ. އެ ވެކްސިން ހުއްދަކޮށްފައި ވެސް ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށް ދޭށެވެ.

ފައިޒާ/ބައޮއެންޓެކްގެ ވެކްސިން ދޭން ހުއްދަ އޮންނަ އެންމެ ހަގު އުމުރަކީ 16 އަހަރެވެ. އެކަމަކު އެންމެ ނުރައްކާތެރި ހާލަތުގައި ވެސް އެއަށް ވުރެ އުމުރުން ހަގު ކުދިންނަށް އެ ވެކްސިން ދިނުމުގެ ހުއްދައެއް ނެތެވެ.