Roadha Mihaaru
މަސައްކަތް ފެށުން ލަސްވާތީ މަޖޫރީން ހަޅުތާލުކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅާ އެކު މަސައްކަތް ލަސްވާތީ މަޖޫރީން ހަޅުތާލުކޮށްފި

09 މާޗް 2021

އެމްޕީއެލްގައި އަލަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު ހެނދުނު މަސައްކަތް ފެށުން ލަސްވާ ކަމަށް ބުނެ މަޖޫރީން އެމްޕީއެލް ސަރަހައްދުގައި މިއަދު ހަޅުތާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޕީއެލްގައި އަލަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު ހެނދުނު މަސައްކަތް ފެށުން ލަސްވާ ކަމަށް ބުނެ މަޖޫރީން އެމްޕީއެލް ސަރަހައްދުގައި މިއަދު ހަޅުތާލުކޮށްފި އެވެ.

މަޖޫރީއަކު "މިހާރު" އަށް ބުނީ މުޒާހަރާ ކުރީ އެމްޕީއެލް އިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުންނާތީ ކޮންމެ ދުވަހަކު ވެސް މަސައްކަތް ލަސްވާތީ ކަމަށެވެ. އެކަމަކު މިހާރު ވަނީ މުޒާހަރާ ހުއްޓާލުމަށްފަހު އަލުން މަސައްކަތް ފަށައިފަ އެވެ.

ވިޔަފާރި ބަނދަރަށް މަޖޫރީން ވަންނަނީ ހެނދުނު 9:00 ގަ އެވެ. ނަމަވެސް މަޖޫރީން ބުނީ އެމްޕީއެލުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުންނާތީ މަޖޫރީން މަސައްކަތް ނުކޮށް ގިނަ އިރުތަކެއް ވަންދެން ތިބެންޖެހޭ ކަމަށެވެ. މިގޮތަށް ކަންތައްތައް ދިމާވާތާ ދުވަސް ކޮޅެއް ވެދާނެ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މިފަހަކަށް އައިސް ކޮންމެ ދުވަހަކު މަސައްކަތް އެބަ ލަސްވޭ. ޝަކުވާ ކުރީމަ ވެސް އަމިއްލަ ޒިންމާއިން ރެކެން މަސައްކަތްކުރަނީ،" އޭނާ ބުންޏެވެ.

މި މުޒާހަރާގައި ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މުޒާހަރާކުރި މަޖޫރީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: މިހާރު

މުޒާހަރާކުރި މަޖޫރީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: މިހާރު

މިކަމާ ގުޅޭގޮތުން އެމްޕީއެލް އިން ބުނީ މަޖޫރީންގެ މަސައްކަތް ލަސްވަނީ ކޮންޓެއިނާ ޝިފްޓުކުރާ ވަގުތު އެ މީހުން ޕޯޓުތެރެއަށް މިހާރު ނުވައްދާތީ ކަމަށެވެ. މިއީ މަޖޫރީންގެ ރައްކާތެރިކަމަށް ސޭފްޓީ ގައިޑްލައިނަށް ގެނައި ބަދަލެއް ކަަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

"ގައިޑްލައިނަށް ގެނައި ބަދަލާ އެކު މިހާރު ކޮންޓެއިނާ ޝިފްޓުކުރާއިރު މަޖޫރީން ނުވައްދާނެ. އެ ގަޑީގައި ބޮޑެތި ވެހިކަލްތައް ދުއްވާނެ. އެހެންވެ އެމީހުންގެ ރައްކާތެރިކަމަށް ނުވައްދަނީ،" އެމްޕީއެލްގެ އޮފިޝަލަކު ބުންޏެވެ.

އެމްޕީއެލް ސަރަހައްދުގައި މިއަހަރު ތެރޭ ހިނގި ހާދިސާތަކެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އެގެ ފަހުން އެމްޕީއެލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މިގޮތުން، ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންޓެއިނާ ޝިފްޓުކުރާ ވަގުތު މަޖޫރީން ނުވެއްދުން ހިމެނެ އެވެ.

މީގެ އިތުރުން މަޖޫރީންނަކީ ގައިޑްލައިންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިވެފައިވާ ބައެއްކަން ކަށަވަރު ކުރުމަށް ހާއްސަ ޓްރެއިނިން އެއްވެސް އެ ކުންފުނިން ވަނީ ފަށައިފަ އެވެ. ހަ މަސް ފަހުން މި ޓްރެއިނިން ނުނިންމާ މަޖޫރީންގެ ހުއްދަ ބާތިލުވާނެ އެވެ.