Roadha Mihaaru
ކަޕިލްގެ ނެޓްފްލިކްސްގެ ޝޯގެ ޝޫޓިން ދުބާއީގައި

ކަޕިލް ޝަރުމާގެ ނެޓްފްލިކްސްގެ ޝޯގެ ޝޫޓިން ދުބާއީގައި

11 މާޗް 2021

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ސޮއިކޮށްފައިވާ ނެޓްފްލިކްސްގެ ކޮމެޑީ ޝޯގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ދުބާއީގައި ޝޫޓްކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ސޮއިކޮށްފައިވާ ނެޓްފްލިކްސްގެ ކޮމެޑީ ޝޯގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ދުބާއީގައި ޝޫޓްކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ކަޕިލް އޭނާގެ ޓީމާ އެކު މިހާރު ޝޯގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި މިއީ އޭނާގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭނެ ވަރަށް މަޖާ، ޝައުގުވެރި ޝޯއަކަށް ވާނެ ކަމަށެވެ. މި ޝޯ ޖެނުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރި ނަމަވެސް ޝޯގެ ނަމާއި އޭގެ ކޮންސެޕްޓާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންވެ މީޑިއާތަކުން ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ވާހަކަ ގެނެސްދެނީ "ކޮމެޑީ ސްޕެޝަލް" ގެ ނަމުގަ އެވެ. މި ޝޯ އަކީ މި އަހަރު ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ އިންޑިއާގެ 41 އުފެއްދުމުގެ ތެރެއިން އެކައްޗެކެވެ. އަދި އިންޑިއާގެ ހަ ކޮމެޑީ ޝޯގެ ތެރެއިން އެކަތި ވެސް މެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްގެ ޝޯއަކަށް ކަޕިލް ސޮއިކުރި އިރު އޭނާއާ އެކު ގެނެސްދޭ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ މަހު ވަނީ މެދުކަނޑާލައިފަ އެވެ. ކަޕިލް ބުނެފައިވާ ގޮތުގައި ޝޯ މެދުކަނޑާލީ ދެވަނަ ދަރިއަކު ވެސް ލިބުމާ ދިމާކޮށް އާއިލާ އަށް ވަގުތު ދޭން ބޭނުންވުމާއި ބުރަކައްޓަށް ދިމާވެފައިވާ ސިއްހީ މައްސަލައަކަށް ފަރުވާ ވެސް ހޯދާށެވެ. އެހެންވެ މާ ގިނަ ދުވަސްތަކެއް ނުކޮށް "ދަ ކަޕިލް ޝަރުމާ ޝޯ" އަލުން އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެ ޝޯ ދެން ޓީވީ އަށް އައުމާ ދޭތެރޭ ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސޮނީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަށް ވާން އުޅޭ ގޮތެއް ސާފުނުވާތީ އެ ޝޯގެ ފޭނުން ތިބީ ވަރަށް ބޮޑު އުދާހެއްގެ ތެރޭގަ އެވެ. ސަބަބަކީ ޝޯ އަކީ އާންމުން އެންމެ ގަޔާވާ އިންޑިއާގެ ކޮމެޑީ ޝޯއަށްވުމެވެ.