Roadha Mihaaru
"ދަ ކަޕިލް ޝަރުމާ ޝޯ" ދެން ޓީވީއަކަށް ނާންނާނެ؟

"ދަ ކަޕިލް ޝަރުމާ ޝޯ" ދެން ޓީވީއަކަށް ނާންނާނެ؟

05 މާޗް 2021

މިދިޔަ މަހުގެ ކުރީކޮޅު ގެނެސްދިނުން މެދުކަނޑާލި ސޮނީގެ ޓީވީގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ދެން ޓީވީއަށް ނާންނާނެ ކަމަށާއި އެ ޝޯ ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމާފައިވާކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ކުރީކޮޅު ގެނެސްދިނުން މެދުކަނޑާލި ސޮނީގެ ޓީވީގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ދެން ޓީވީއަށް ނާންނާނެ ކަމަށާއި އެ ޝޯ ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމާފައިވާކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އަދި އަަބަދު ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އޮންނަ ޝޯއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސޮނީ އާއި ކަޕިލް ވެސް އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި ޝޯ ސޮނީން މެދުކަނޑާލަނީ ކުޑަ ދުވަސްކޮޅަކަށެވެ. އެހެންވެ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުންޏެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" ސޮނީން މެދުކަނޑާލީ ނެޓްފްލިކްސްގެ ޝޯއަކަށް ކަޕިލް ސޮއިކުރި ވާހަކަ ވެސް އިއުލާންކުރި ދަނޑިވަޅުގަ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ތިބީ ސޮނީގެ ޝޯއަށް ވާން އުޅޭ ގޮތެއް ނޭނގި ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ސޮނީ ޓީވީން ޝޯ ބަލާލަން ނުލިބުމަކީ ޔަގީނުން ވެސް އެތައް ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ދެރަކަށްވާނެ އެވެ. ހާއްސަކޮށް "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ބޮޑު އޯޑިއަންސެއް ކަމަށްވާ އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންނެވެ.

ނެޓްފްލިކްސްގެ ޝޯއަކަށް ކަޕިލް ސޮއިކުރި ނަމަވެސް އެއީ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ވެދާނެތޯ މިހާރު އާންމުންގެ ތެރޭގައި ސުވާލު އުފެދިފައިވެ އެވެ. ސޮނީ ނެޓްވޯކަކީ ވެސް ޑިޖިޓަލް ޕްލްޓްފޯމެއް ގެންގުޅޭ ބައެކެވެ. އެއީ ސޮނީ ލިވް އެޕެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަށް ވާން އުޅޭ ގޮތެއް ނޭނގި ބެލުންތެރިން މިހާރު ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިބި އިރު، އެ ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ކިކޫ ޝްރަދާ ބުނީ ސްޓްރީމިން ޕްލެޓްފޯމަކަށް ޝޯ ބަދަލުކުރާ ވާހަކަ އަކީ އޭނާ އަށް މުޅިން އާ ވާހަކައެއް ކަމަށެވެ.

"ތިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އަލަށް ތި ވާހަކަ މި އަޑު އެހީ ވެސް. އަނެއްކާ ޝޯގެ ޓީމާއި ސޮނީގެ ޓީމާ ވެސް އަހަންނާ ބައްދަލުނުވާތާ މިހާރު ދުވަސްތަކެއްވެއްޖެ." ކަޕިލްގެ ޝޯގައި ބައްޗާ ޔާދަވް އަދި އައްޗާ ޔާދަވްގެ ކެރެކްޓާ އިން ފެންނަ ކިކޫ ބުންޏެވެ.

ކަޕިލްގެ ޝޯ އަކީ އެންމެ ފުރަތަމަ ކަލާޒް ޗެނެލުން ގެނެސްދިން ޝޯއެކެވެ. އެކަމަކު އެ ޗެނެލާއި ކަޕިލްއާ ދެމެދު ޖެހުނު މައްސަލަތަކަކަށް ފަހު ސޮނީ އަށް ޝޯ ބަދަލުވީ 2016 ގަ އެވެ.