ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ 75 އަހަރު މީހަކާއި މަންމަ އަދި ދޮންބައްޕަގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
12 މާޗް 2021
ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ 75 އަހަރު މީހަކާއި މަންމަ އަދި ދޮންބައްޕަގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ގދ. އަތޮޅުގެ ރަށެއްގައި ހަތަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުލަތުން ގދ. ތިނަދޫ ކޯޓުގައިި ދައުވާކުރީ 75 އަހަރުގެ މީހަކާއި އަނިޔާލިބުނު ކުދިންގެ މަންމަގެ އިތުރުން ދޮންބައްޕަ އާއި ބިދޭސީއެއްގެ މައްޗަށެވެ. ހަތްދިހަ ފަސް އަހަރުގެ މީހާ އާއި ބިދޭސީ މީހާގެ މައްޗަށް ކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އެވެ. މަންމަގެ މައްޗަށް ކުރީ ކުޑަކުދިން ލައްވައި ޖިންސީ އަމަލެއް ހިންގަން އެހީތެރިވުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރާ ކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި ދަރިންނަށް އަޅާނުލުމުގެ ދައުވާ އެވެ. ދޮންބައްޕަގެ މައްޗަށް ކުރީ ދަރިންނަށް އަޅާނުލުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރާކަން އެނގިހުރެ، ރިޕޯޓް ނުކުރުމުގެ ދައުވާ އެވެ. (ޚަބަރުގައި މިއިން އެއްވެސް މީހެއްގެ ނަމާއި ރަށް ގެނެސްފައި ނުވަނީ އަނިޔާ ލިބުނު ކުދިންގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.)
އެ ހަތަރު މީހުންގެ މައްސަލަ ތިނަދޫ ކޯޓުން އޮގަސްޓް،، 2018 ގައި ބޭރުކޮށްލީ 75 އަހަރުގެ މީހާގެ މައްސަލަ އޭގެ ކުރިން އެހެން ރަށެއްގެ ކޯޓެއްގައި ހިނގަމުން ދަނިކޮށް ދައުލަތުން މައްސަލަ އަނބުރާ ގެންދިޔައިރު އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަން ކޯޓަށް އަންގާފައި ނެތުމާއި އަދި ތިނަދޫ ކޯޓަށް އެ މައްސަލަ ފަހުން ހުށަހަޅާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ތިނަދޫ ކޯޓުން ދައުވާ ކުރުމުގެ މުއްދަތު ގުނާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި 75 އަހަރު މީހާގެ މައްސަލަ އެހެން ރަށެއްގެ ކޯޓެއްގައި އެ މައްސަލަ އޮއްވާ ދައުލަތުން މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް މުރާޖާ ކުރުމަށްޓަކައި ކަމަށާއި އެހެންވެ، އޭރު އެ މައްސަލަ އަނބުރާ ގެންދިޔައީ ދައުވާ ނުކުރަން ނިންމައިގެން ނޫން ކަން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ 75 އަހަރުގެ މީހާގެ މައްސަލަ ތިނަދޫ ކޯޓުން އަލުން ބެލުމަށެވެ. އޭނާގެ މައްސަލަ އަލުން ބެލުމާ މެދު ރައުޔު ތަފާތުވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ 75 އަހަރުގެ މީހާގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔައިރު އެ ދައުވާ އަލުން ކުރާނެ ކަން ކޯޓަށް އަންގާފައި ނެތް ކަމަށެވެ. ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދު އޮންނަ ގޮތުން ދައުވާއެއް އަނބުރާ ގެންދަނީ ފަހުން ހުށަހަޅާ ގޮތަށް ކަމަށްވާ ނަމަ، އެކަން ސާފުކޮށް ބުނެދޭން ޖެހޭއިރު، އެ މައްސަލައިގައި ދައުލަތުން އެގޮތަށް އަމަލު ކޮށްފައި ނުވާ ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ. އެހެންވެ، އޭނާގެ ރައުޔަކީ 75 އަހަރުގެ މީހާގެ މައްސަލަ ނުބެލޭނެ ކަމަށް ތިނަދޫ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
އެކަމަކު އަނިޔާ ލިބުނު ކުދިންގެ މަންމަ އާއި ދޮންބައްޕަގެ މައްސަލަ ތިނަދޫ ކޯޓުން އަލުން ބެލުމަށް އަމުރުކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ދައުވާ ލިބުނު ބިދޭސީ މީހާ ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާގެ މައްސަލަ ފަހުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މައްސަލަ ބޭރުކުރީ "އިސްކުރު މަދު މީހެއް" ކަމަށްބުނެ!
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް
ތަހުގީގުކުރި ގޮތުން ބޮޑު ހުކުމަކުން ސަލާމަތްވެއްޖެ
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް
އެއް ކަމެއްގައި ހައި ކޯޓުގެ ހުކުމް ދެ ގޮތަކަށް!
ޖިންސީ ގޯނާގެ ދައުވާލިބޭ ޓީޗަރަކު އަލުން ބަންދަށް
ޖިންސީ އަމަލު ހިންގުވައިގެން ޖަލަށްލި މަންމަ މިނިވަން