Roadha Mihaaru
ކެމްޕޭނަށް ހެދި ގައިޑްލައިނުން ރައްޔިތުން ރަތަށް!

ކެމްޕޭނަށް ހެދި ގައިޑްލައިނުން ޑޮކްޓަރުންނާއި އާންމުން ރަތަށް!

12 މާޗް 2021

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މާލެ އިން ރަށްރަށަށް ދަތުކުރާއިރު، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިނެއް ހެދުމުން އެތައް ބަޔަކު ރުޅިގަދަވެ، އެޗްޕީއޭ އަށް ފާޑު ކިޔަން ފަށައިފި އެވެ. އޭގެތެރޭގައި ބައެއް ޑޮކްޓަރުން ވެސް ހިމެނެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މާލެ އިން ރަށްރަށަށް ދަތުކުރާއިރު، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިނެއް ހެދުމުން އެތައް ބަޔަކު ރުޅިގަދަވެ، އެޗްޕީއޭ އަށް ފާޑު ކިޔަން ފަށައިފި އެވެ. އޭގެތެރޭގައި ބައެއް ޑޮކްޓަރުން ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ކެމްޕެއިން ކުރެވޭ ގޮތަށް އޮތް ގައިޑްލައިން ބުނާ ގޮތުން ތާއީދު ހޯދުމަށް ރަށްރަށަށް ދާ ކެނޑިޑޭޓުންނާއި އެ ޕާޓީތަކުގެ މީހުންނަށް 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ކަރަންޓީން ނުވެ، ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރަށްރަށުގައި އުޅެވޭނެ އެވެ.

ނަމަވެސް މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19 ފެތުރޭ ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެޗްޕީއޭއިން ވަނީ އާންމުންނަށް ކުރިން ދީފައި ހުރި ލުއިތައް ހިފަހައްޓައި، ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލޭގައި ރޭގަނޑު 6:00 ގެ ފަހުން ވެހިކަލް ނުދުއްވޭ ގޮތް ހެދުމާއި 8:00 ގެ ފަހުން ގިނަ ވިޔަފާރިތައް ވެސް ބަންދު ކުރަން ޖެހެ އެވެ.

އެކަމާ ގުޅޭ ގޮތުން އެޗްޕީއޭ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން މެޑިސިން، ޑރ. އަލީ ނަޒީމް ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ ގޮތުން އެޗްޕީއޭއިން ނެރުނު ގައިޑްލައިންއާ ދޭތެރޭ އެޗްޕީއޭއިން އަލުން ވިސްނަން ޖެހެ އެވެ. އަދި އެ ނިންމުން އަނބުރާ ގެންދަން އިލްތިމާސް ކުރާ ކަމަށް ނަޒީމް ވިދާޅުވި އެވެ.

"ދެކޮޅު ނުޖެހޭ އުސޫލުތައް ކަނޑަނޭޅުމަށް އެދެން،" ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ޑރ. ނަޒީމް ވިދާޅުވި އެވެ.

ބައެއް އާންމުން ބުނާ ގޮތުން އެ މީހުން ކަރަންޓީން ވާން ވެސް މާލެއިން ރަށަށް ނުދަނީ ރަށުގައި ތިބި އާއިލާގެ ހައި ރިސްކު މީހުންނަށް ކޮވިޑް-19 ޖެހިދާނެތީ އެވެ. ނަމަވެސް މިހާރު އެޗްޕީއޭގެ ހުއްދައާއެކު ސިޔާސީ މީހުންނަށް ކަރަންޓީން ނުވެ އާއިލާ މީހުން ރިސްކަށް ވައްޓާލެވޭނެ ކަމަށް އެ މީހުން ދެކެ އެވެ.

"މިއީ އެޗްޕީއޭއިން މިހާތަނަށް ހެދި އެންމެ ދެކޮޅު ނުޖެހޭ ގައިޑްލައިން،" ޑރ. ނަޒްލާ ރަފީގް ޓެގް ކުރައްވައި، ބައެއް މީހުން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ. ކައުންސިލް އިންތިހާބާ ގުޅޭ ގައިޑްލައިންއާ ގުޅިގެން ވަރަށް ގިނަ މީހުން ވަނީ އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ. އަދި ހާލަތު ގޯސް ކަމާއި "ޑޮކްޓަރުން ވަރުބަލިވެއްޖެ" ކަމަށް ވިދާޅުވުމަށް ފަހު ސިޔާސީ މީހުން ރަށްރަށަަށް އަރަން ހުއްދަ ދިނުމަކީ ސިއްހީ މާހިރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެ އެވެ.

އެޗްޕީއޭއިން ހެދި ގައިޑްލައިންގައިވާ ގޮތުން ކެންޑިޑޭޓު ކަނޑައަޅާ ފަސް މީހުންނަށް ވުރެ އިތުރުނުވާ ގޮތަށް މީހުން ގޮވައިގެން ރަށްރަށަށް ދަތުރު ކުރެވޭނެ އެވެ. އެކަމަކު ކެމްޕެއިން ކުރުމުގައި ފަސް ދުވަހަށް ވުރެ ގިނަ ވަގުތު ހޭދަވާނަމަ 10 ދުވަސް ކަރަންޓީން ވާން ޖެހެ އެވެ.

ގައިޑްލައިންގައި ހިމެނޭ ބައިތައް:

- ކެނޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ނުކުރުން

- ރަށްރަށަށް ފުރުމުގެ ކުރިން އެޗްޕީއޭ އާއި ކައުންސިލްގެ ހުއްދަ ނެގުން

- ކޮވިޑް-19 ގެ އަލާމާތެއް ހުރި ނަމަ ދަތުރު ނުކުރުން

- ރަށްރަށުގައި ގެތަކުގެ މީހުންނާ އެއްވެ ކައިބޮއެ ހެދުން ފަދަ ކަންކަން ނުކުރުން

- މީހުން ދިރިއުޅޭ ގެއެއްގައި މަޑު ކުރާނަމަ އެ ގެއެއް މޮނިޓަރިންނަށް ލުން

- ކެފޭ ރެސްޓޯރަންޓުތަކަށް ނުދިޔުން

- މަރުހަބާ ކިޔަން މީހުން އެއް ނުކުރުން

މީގެ އިތުރުން ހާއްސަ ގައިޑްލައިންގެ ދަށުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން އުސޫލާ ހިލާފުވެއްޖެ ނަމަ ދެން އެ ފަރާތަކުން ދަތުރުކުރުމުގައި އަމަލު ކުރަން ޖެހޭނީ ކަރަންޓީނުގެ އުސޫލަށް ކަމަށް، ފަހުން ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބަށް އެޗްޕީއޭއިން އެންމެ ފުރަތަމަ ނެރުނު ގައިޑްލައިން ހެދީ ސިޔާސީ މީހުން ވެސް ކަރަންޓީން ވާން ޖެހޭ ގޮތަށެވެ. ނަމަވެސް އެގޮތަށް ބާއްވައިގެން އިންތިހާބަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ވަނީ އެ ގައިޑްލައިން ބަދަލު ކުރަން އަންގައިފަ އެވެ.