Roadha Mihaaru
އިންތިހާބު ވީހާ އަވަހެއް ކުރުން މުހިއްމު: ނަޝީދު

އިންތިހާބު ވީހާ އަވަހެއްކުރުން މުހިއްމު: ނަޝީދު

05 ޖެނުއަރީ 2021

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފަަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި އެކަަމަށް ޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެނައުން ވެސް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފަަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި އެކަަމަށް ޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެނައުން ވެސް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އިންްތިހާބު ބޭއްވުން އަވަސްކުރުން މުހިއްުމުކަމަށް ވިދާޅުވެ، ނަޝީދު ރޭ ޓްވީޓެއް ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ރޭ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދެއްކެވި ފަހުންނެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. މަޖިލީހުގެ ޗުއްޓީ ނިމި ދެން ޖަލްސާތައް ފަށާނީ އަންނަ ފެބްރުއަރީމަހު އެވެ. އެހެން ނަމަވެސް މުހިއްމު ކަންތައްތައް އަަވަސްކުރުމަށް ޓަކައި މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ވެސް ހާއްސަ ޖަލްސާތައް މީގެ ކުރިން ބާއްވާފައި އެބަހުއްޓެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން އަވަހަށް ކުރަން ޖެހުނު ބައެއް މަސައްކަތްތައް ނިންމަން ޗުއްޓީ ނުނަގައި ވެސް މަޖިލީހުން މިދިޔަ އަހަރު މަސައްކަތްތައް ކުރި އެވެ.

ޝަރީފު ރޭ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ނަމަވެސް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަނީ ލޯކަލް ކައުންސިލް އިންތިހާނުގެ ހާއްސަ ގާނޫނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ދީފައިވާ ބާރުގެ ސަބަބުން ކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓް

މިދިޔަ މޭމަހު ފާސްކޮށް ތަސްދީގުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައިވާ ގޮތުން އިންތިހާބާ ބެހޭ ކަންތައްތައް އީސީއަށް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ. އެ ގާނޫނު ބުނާ ގޮތުގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އުވައިލުމަަކުން ވެސް އަދި ނުުދެ އެވެ. އިންތިހާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއްކަން އެޗްޕީއޭއިން އިއުލާނު ވެސް ކުރަން ޖެހެ އެވެ.

ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ އިންތިހާބު ބޭއްވުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް އީސީން ކުރަމުން އަންނަ ކަމަށެވެ.

"އެެހެންވީމާ ރައްޔިތުންގެ މަޖިލިސް ރިސެސް ނިންމާފައި އައުމާ އެކީގައި ހަމަ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެން އިންތިހާބު ބޭއްވުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އަޅުގަނޑުމެން ހުށަހަޅާނަަން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށް، އެކަމަށް އެޑްރެސްކުރަން ސަންސެޓް ގާނޫނުތަކެއް ހެދުމަށް ފަހު އިންތިހާބު ބޭއްވޭނެ ކަމަށް ކުރިން ބެލެވުނީ އަންނަ މާޗްމަހު އެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން އިއްޔެ ވަނީ ޔަގީން ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާސް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.