Roadha Mihaaru
ބަޖެޓު ދިރާސާއަށް ދިން މުއްދަތާ މެދު ހިޔާލުތަފާތުވެފައި

ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ދިން މުއްދަތާ މެދު ހިޔާލު ތަފާތުވެފައި

13 ނޮވެމްބަރ 2016

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި މުއްދަތާ މެދު އެމްޑީޕީގެ މެމްބަރުން ހިޔާލުތަފާތުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި މުއްދަތާ މެދު އެމްޑީޕީގެ މެމްބަރުން ހިޔާލުތަފާތުވެއްޖެ އެވެ.

ބަޖެޓު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ބަޖެޓު ދިރާސާ ކުރަން މެމްބަރުންނަށް ދެއްވީ ހަ ދުވަހެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓު ކޮމެޓީގެ މަސައްކަތް ކޮންމެ ދުވަހަކުހެން ކުރިއަށް ދެ އެވެ.

އެމްޑީޕީ މެމްބަރުން ދެކޭ ގޮތުގައި ބަޖެޓު ދިރާސާ ކުރަން މެމްބަރުންނަށް ދެއްވީ އެކަށީގެންވާ މުއްދަތެއް ނޫނެވެ. އެއީ ބަޖެޓު އެންމެ ރަނގަޅަށް ދިރާސާ ކުރެވޭނެ ވަގުތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މެމްބަރުންގެ ވާހަކަތަކާ މެދު ހިޔާލު ތަފާތުވާ މެމްބަރުން އެބަތިއްބެވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅީ ގާނޫނުތަކާ ހިލާފަށެވެ. އަދި ސަރުކާރަކީ ގާނޫނުތަކާ ގަވާއިދުތަކަށް އަމަލު ކުރަމުން އަންނަ ސަރުކާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު، ހިނގަމުންދާ އަހަރެއްގެ އޮކްޓޯބަރު 31ގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ނަމަވެސް މި އަހަރުގެ ބަޖެޓު ހުށަހެޅީ އެ މުއްދަތު ފަހަނައަޅައި ގޮސް މި މަހުގެ އަށް ވަނަ ދުވަހު އެވެ.

"ގާނޫނުތަކަށް ތަކުރާރުކޮށް އަމަލު ކުރަމުން ނުދާތަން ފެނިގެން މިދަނީ. އެކަމުގެ ސަބަބުން މެމްބަރުންނަށް ވެސް ދަތިތައް ދިމާވޭ އެބަ ބަޖެޓު މަސައްކަތަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިސް މެމްބަރުން މި މަސް ނިންމާފައި ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން ބަޖެޓާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

"އަޅުގަނޑުމެންނަށް ބަޖެޓުގެ މަސައްކަތް ކުރަން އޮތީ ވަރަށް ކުރު މުއްދަތެއް، އިތުރު މުއްދަތެއް ދެވޭނެ ގޮތެއް ވެސް ނެތް" ރޮޒެއިނާ ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވީ ބަޖެޓު ދިރާސާ ކުރަން ދިން މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ޒިންމާދާރު ކަމާއި ރައްޔިތުންނަން ފައިދާ އާއި ލާބަ ލިބޭ ގޮތަށް އެ މަސައްކަތް މަޖިލިސް ތެރެއިން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބަޖެޓަށް މެމްބަރުންގެ މެދުގައި ބަހުސް ކުރުން މާދަމާ އެޖެންޑާކޮށްފައިވާއިރު، ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމައިފަ އެވެ. އެއީ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓާއި ކޮމެޓީ ރިޕޯޓު ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓެވެ.

އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. ބަޖެޓު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.