Roadha Mihaaru
ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު މާދަމާ ހުށަހަޅަނީ

ބަޖެޓު ދިރާސާކުރި ކޮމެޓީގެ ރިޕޯޓު މާދަމާ ހުށަހަޅަނީ

22 ނޮވެމްބަރ 2016

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރި ކޮމެޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރި ކޮމެޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ފަސް ކަމެއް އެޖެންޑާކޮށްފައި އޮތްއިރު، އެންމެ ފަހު ކަމަކަށް އޮތީ ވަނީ ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމެވެ. ކޮމެޓީގެ ރިޕޯޓު ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ.

ނަމަވެސް މާދަމާގެ ޖަލްސާގައި ބަޖެޓު ފާސް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި އެހެން ކަންކަމުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިއުން އިއްވުން ހިމެނެ އެވެ. އަދި އެ އިސްލާހަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ގައުމީ ތަރައްގީ ކޮމެޓީން، އިމާރާތް ކުރުމުގެ ބިލު ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި އިސްލާހަށް ބަދަލެއް ނުގެނެސް، ފާސްކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އާމްދަނީ އިތުރު ކުރުމަށް އެކި ޓެކްސްތައް ބޮޑުކޮށް، ބައެއް އާ ފީތައް ނަގަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެއީ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ނެގުމުގެ އިތުރުން، ބިން ހިއްކައި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.